ބޮޑުފިނޮޅު ހަމަަނުޖެހުން: މުސާރަދޭން ބުނުމުން ބިރުދައްކައި މަރުގެ އިންޒާރުދިން - ބިދޭސީން

ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައިހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ބިދޭސީން ހަމަނުޖެހުންތައް ހިނގަން މެދުވެރިވި ސަބަބުތައް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގައި ކިޔައިދީފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 19 ބިދޭސީއެކެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެއެވެ.
އެ ރިސޯޓް ތަރައްގީ ކުރަމުންދާ ކުންފުނި ކަމަށްވާ ރިޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 200 އަށްވުރެ ގިނަ މުވައްޒަފުންނަށް މުސާރަ ނުލިބޭ ކަމަށް ބުނެ، އެރަށުގައި ތިބި ދިވެހިން ރަހީނު ކުރުމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުން ވަނީ އެރަަށަށް އަރަން މަސައްކަތްކޮށްފައެވެ.
ފުރަތަމަ ފުލުހުން އެރަށަށް އަރަން މަސައްކަތް ކުރުމުން، ބިދޭސީން ވަނީ ފުލުހުންގެ ގަޔަށް ދަނގަޑާއި، ގާބުރި ފަދަ އެއްޗެހި އުކާފައެވެ. އަދި އެރަށަށް އަރަން މަސައްކަތް ކުރި ބައެއް ފުލުހުންނަށް ވަނީ އަނިޔާވެސް ވެފައެވެ.
އެންމެ ފަހުން އެ ދުވަހުގެ ރޭ މާލެއިން ފުލުހުންގެ ބޮޑު ފައުޖެއް އަރާ އެރަށުގައި ހިނގި ހަމަނުޖެހުންތައް ހުއްޓައި، ރަހީނުކޮށްފައި ތިބި ދިވެހިންތައް ސަލާމަތް ކުރީ ހުކުރު ދުވަހުގެ ފަތިހުއެވެ.
އެ މުސާރަތައް ލަސްވުމާއި ގުޅިގެން ރިޒް ކުންފުނިން ބުނަނީ، މުސާރަތައް ނުދެވި ވަނީ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ އެވެ. ނަމަވެސް ރިޒް ކުންފުނީގެ އެ ވާހަކަތައް ދޮގުކޮށް ސީލް އިން ނެރުނު ބަޔާނުގައި ބުނީ، ކޮންޓެރްކްޓަރަށް ދޭން ޖެހޭ ފައިސާގެ އިތުރުންވެސް، އިތުރު ފައިސާ ދީފައި ވާނެ ކަމަށެވެ.
މި މައްސަލާގައި ދެ ކުންފުނިން ދެގޮތަށް ވާހަކަދައްކަމުން އަންނައިރު، އެ މައްސަލާގައި ހައްޔަރު ކުރި ތެރެއިން ބައެއް މީހުން ވަނީ އެމީހުންގެ ހާލަތު ކޯޓުގައި ކިޔައިދީފައެވެ.
"ޕީއެސްއެމް"އިން ރިޕޯޓްކޮށްފައިވާގޮތުން، އޭގެ ތެރެއިން އެކަކު ވަނީ ތަކެއްޗަށް ގެއްލުން ދިން ކަމަށް އެއްބަސްވެފައެެވެ. އަދި އެކަން އެގޮތަށް ކުރެވުނީ މުސާރަ ނުދޭތާ 6 މަސްދުވަސްވީމަ "ބޯގޮވަައިގެން" ކަމަށް އެ މީހުން ބުނެފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.
އޭގެ ތެރެއިން ބައެއް މީހުން ބުނީ އާއިލާއަށް ލާރި ނުފޮނުވޭތީ އާއިލާގެ ހާލަތުވެސް ދަށްވެފައިވާ ކަމަށާއި، އާއިލާއިންވެސް ގުޅާކަމަށް ބުނެފައެވެ.
ހައްޔަރު ކުރި ބައެއް މީހުން ކޯޓުގައި ދެއްކި ވާހަކަތަކާއި ހަވާލަދީ ޕީއެސްއެމް އިން ބުނީ، އެ މީހުންގެ މުސާރަ ހަ މަސްވަންދެން ނުދޭތީ ޝަކުވާކުރުމާއި ގުޅިގެން މުސާރަ ނުދޭނެ ކަމަށް ބުނެ އެރަށަށް ބަޔަކު ފޮނުވައިގެން އެ މީހުނަށް ބިރު ދައްކާފައިވާ ކަމަށެވެ. އަދި އެމީހުން ކޯޓުގައި މުސާރަ ނުދީ މާލެ ފޮނުވާލާނެ ކަމަށްބުނެ ބުނެ ބައެއް ދިވެހިން ބިދޭސީނަށް ބިރު ދައްކާފައިވާ ކަމަށްވެސް ޕީއެސްއެމްގެ އޮންލައިން ނޫހުގައި ވެއެވެ.
މުސާރަ ނުދޭތީ ބިދޭސީންގެ ތެރޭގައި ހުރި ހިތްހަމަނުޖެހުންތަކާއި ގުޅިގެން އެކަމުގައި ހައްލެއް ލިބޭތޯ ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިހާރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ