އެމްޓީސީސީން ބަހަން ނިންމީ ހިއްސާއަކަށް 2ރ.

އެމްޓީސީސީ އަށް މިދިޔަ އަަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 2ރ. ބަހަން މިއަދު ނިންމައިފި އެވެ.
ވާޗުއަލްކޮށް މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 2ރ. ބަހަން ފާސްކުރީ، އެމްޓީސީސީގެ ބޯޑުން އެ ގޮތަށް ނިންމައި އެކަން މިދިޔަ ޖޫން މަހު އާއްމުކޮށް އިއުލާނުކުރުމަށް ފަހު އެވެ. އެގޮތަށް ހިއްސާ ބަހަން މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ. އެމްޓީސީސީން ހިއްސާގެ ފައިދާ ބަހާނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ކުންފުުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އެމްޓީސީސީގެ ހުރިހާ ޚަރަދެއް ކެނޑުމަށް ފަހު ހިއްސާއަކަަށް މިދިޔަ އަހަރު ޖެހުނު މިލްކުވެރިކަމުގެ އަގަކީ 123.2.ރ އެވެ. އޭގެ ކުރީ އަހަރު ހިއްސާއެއްގެ މިލްކުވެރިކަމުގެ އަގަކީ 115.35.ރ އެވެ.
އެމްޓީސީން ހިއްސާއަކަށް 2ރ. ބަހަން ނިންމި އިރު އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އޭގެ ކުރީ އަަހަރަށް ވުރެ 55.7 ޕަސެންޓް އިތުރެވެ.
ޖަލްސާގައި ފާސްކުރި ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 53.31 މިލިޔަން ރުފިޔާ ލިބުނެވެ. އެއީ 1.15 ބިލިޔަން ރުފިޔާގެ ވިޔަފާރި ކޮށްގެން ލިބުނު ފައިދާ އެވެ. ވިޔަފާރިއަށް އެ ކުންފުނިން ހަރަދުވި ފައިސާ މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 10 ޕަސެންޓް ދަށްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ