ގުބާރު 22

ސާރާގެ ސިކުނޑި ހީވީ ނާށިގަނޑު ފަޅާފައި ބޭރަށް ނިކުމެދާނެހެންނެވެ. ހުރިހާ ސުވާލުތަކަކާއި ހިޔާލުތަކެއް ސިކުނޑިތެރޭގައި ދައުރުވާންފެށި ގޮތަށް ހުއްޓުމަކަށް ނައެވެ. ބޯ ހާސްކަންމަތީގައި ހުރެ އެނދުގައި ގޮސް އޮށޯވެލިއެވެ. ރޭގައި ވެސް ރަނގަޅަށް ނިދިހަމަ ނުވެފައި ހުރުމާއެކު، އޭނާ ބޭނުންވީ ކޮންމެވެސް ވަރަކަށް ނިދާލެވޭތޯ މަސައްކަތްކުރުމަށެވެ. ނަމަވެސް ދެލޯ މަރާލާ ކޮންމެ ފަހަރަކު އޭނާއަށް ފެންނަނީ އެއްކަހަލަ ކުޑަ ފޮށްޓެވެ. ސިފަވަނީ އޭގެތެރޭގައި ހުރި ލޭ ތަކެވެ. މިގޮތުގައި ނުނިދި ދެފަރަރާތަށް ފުރޮޅި ފުރޮޅި އޮއްވާ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އޭރު ފޯނު އޮތީ ނިދާ ބާލީސް ދަށުގައެވެ. ފޯނު ބާލިސް ދަށުން ދަމައިގަތީ އިގްބާލުގެ ކޯލެއް ކަމަށް ހީކޮށް ވަރަށް އުފަލުން އޮވެއެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ.
އިންކަމިން ކޯލުގެ ނަންބަރު ފެނުމާއެކު، އެއީ މަލާޒްގެ ކޯލެއްކަން ސާރާއަށް ޔަގީންވިއެވެ. ސާރާ ފޯނުގެ ސްކްރީނާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ފޯނު ނެގުމާއި ނުނެގުމާއި ދެމެދުގައި ސިކުނޑި ދިޔައީ އަރާރުންވަމުންނެވެ. މިގޮތުގައި އިންދާ ފޯނު ކެނޑުނެވެ. ހަމަ އެވަގުތު އޭނާ ކުށްލިއަކަށް ހަނދާންވީ، އޭނާގެ ފޯނު ފުލުހުން ޓެޕްކުރާނެ ކަމެވެ. އަދި މަލާޒުގެ ފޯނު ކޯލެއް ލިބިއްޖެނަމަ އެޔަށް ޖަވާބުދިނުމަށް ސާރާއަށް އަންގާފައިވާކަމެކެވެ. މިހެންވުމާއެކު، ސާރާ އިންތިޒާރުކުރީ މަލާޒު ގުޅާތޯއެވެ. ގާތްގަނޑަކަށް އޭގެ ވިއްސަކަށް މިނެޓު ފަހުން މަލާޒު، އަނެއްކާވެސް ސާރާއަށް ގުޅިއެވެ. މިފަހަރު ފޯނު ދެތިން ފަހަރު ރިންގުވުމާއެކު، ސާރާ އެ ފޯނުކޯލަށް ޖަވާބުދިނެވެ.
"ސާރާ!." މަލާޒު ސާރާއަށް ގޮވާލިއެވެ. އެހިނދު ސާރާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭންގި ބަސް ހުއްޓިފައެވެ. މިއަދު، އޭނާ މަލާޒާއި ކޮންމެ ވާހަކައެއް ދެއްކިނަމަވެސް، ދައްކަންޖެހޭނީ ވަރަށް ބަލައިގެން ވަރަށް ވިސްނައިގެންނެވެ. މިހާރު އެދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތަކަކީ އިތުރު އެހެން ބަޔަކަށްވެސް އަޑު އިވޭނެ ވާހަކަތަކަކަށް ވާތީއެވެ. ސާރާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން، މަލާޒު އަނެއްކާވެސް ސާރާއަށް ގޮވާލިއެވެ. "މަލާޒު އަހަރެން ވަރަށް ބޮޑަށް ވަރުބަލިވެއްޖެ." ސާރާއަށް މިހެން ބުނެފައި ރޮއެގަނެވުނެވެ. ސާރާ ރޯން ފެށުމާއެކު، ގާތްގަނޑަކަށް ފަސް މިނެޓު ވަންދެން މަލާޒު އެއްވެސް އެއްޗެކޭ ނުބުނެ ހުރީއެވެ.
"އަހަރެންދެކެ އެހާ ލޯބިވަންޏާ އާދޭ އަހަރެންނާއެކު ހަނގުރާމަ ކުރަން." މަލާޒުގެ މި ޖުމްލައިން ސާރާގެ މިލާމޯޅިވެފައިވާ މޫނު މައްޗަށް ރޫއެރިއެވެ. "މަލާޒު ކޭކީ ހިތަށް އަރައިގެންތަ ތިއުޅެނީ؟. ނިޝާ މަރުވިކަން އެނގޭތަ؟. ދެންވެސް ތިކަން ދޫކޮށްލާއިފައި މިތަނަށް އާދެބަލަ. މަލާޒު ތިއީ ބޮޑު މޮޔައެއް!." ސާރާ ރުންކުރު ގޮތަކަށް ޖަވާބުދިނެވެ. "އާ!. ނިޝާ މަރުވިކަން އެނގިގެންނޭ މި ގުޅީ. ކިހިނެކޯ މިވީ؟." މަލާޒު އަނެއްކާވެސް ކުރީ ސުވާލެކެވެ. "އަހަރެން ކައިރީ އަހައިގެނެއް ނޫން ވެގެން އުޅޭ ގޮތް އޮޅުންފިލުވާނީކީ. އަހަރެންނަށް ޔަގީން މަލާޒަށް ވެގެން އުޅޭ ގޮތް އިނގޭނެކަން." ސާރާ މިފަހަރު ވާހަކަ ދެއްކީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ހުރެގެންނެވެ. "ދެން އިތުރަކަށް ފަސް ބަލާކަށް ނެތިން. އަހަރެން މަރު މި ހަނގުރާމަ މައިދާނުން ކަންނޭންގެ ގެންދަވާނީ." މަލާޒުގެ ވާހަކަތައް އަދިވެސް ހުރީ އެނބުރި ގައުމަށް އަންނަ ބޭނުންވާ ކަހަލަ ގޮތަކަށް ނޫނެވެ.
"މަލާޒު ބުނަން ވާހަކައެއް. އަހަރެންނަށް ތިތަނަށް ދާން ދައުވަތު ދޭއިރަށް އަހަރެން ނުޖެހޭ ދާކަށް. ތިމާގެ ހަލާލު އަނބިމީހާއާއި މެދު އިހުސާންތެރިނުވެނުނު އިރުގަ ނިޝާ މަރުވެގެން ދިޔައިރު އޭނަގެ ހަލު ބަލާލީ ކޮން އިރަކު؟ . ތިތާ ކިތަންމެ ގިނަ ދުވަހެއް ވަންދެން ހުއްޓަސް ތިކުރަނީ ހަނގުރާމައެއް ކަމަށް ކާކު ގަބޫލުކުރާނީ؟ ބަލަ ދީނުގެ ނަމުގައި ޖިހާދެއް ކުރާން ދާ މީހަކު ދާނީ، އެހެން މީހުންނަށް އޮޅުވާލައިގެނެއް ނޫނޭ!." ސާރާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެހިނދު ކުށްލިއަކަށް މަލާޒުގެ ފޯނު ކެނޑުނެވެ. ސާރާ އެ ނަންބަރަށް ގުޅަން ކުރި މަސައްކަތްވީ ބޭކާރެވެ.
އެހާއިރުވީ އިރުވެސް އިގްބާލުގެ އެއްވެސް ހަބަރެއް ނުވެއެވެ. ގޭތެރޭގައި އެކި ހިޔާލުތަކުގައި އެނބުރެމުން ދަނިކޮށް، ހަވީރު ވެއްޖެއެވެ. ހަވީރު ވުމާއެކު ސާރާ ފެންވަރައިގެން ދިޔައީ، ކޮލެޖަށެވެ. ކޮލެޖުން އިގްބާލާއި ބައްދަލުވާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އޭނާ އެދުވަހު ކްލާހަކަށްވެސް ނާދެއެވެ. "އަނެއްކާ ކިހިނެއްވީބާ؟." ސާރާގެ ހިތް އަވަސްވާން ފެށިއެވެ. ސާރާ އިނީ އެދުވަހުގެ ކްލާސް ނިމޭނެ އިރެއްގެ އިންތިޒާރުގައި ގަޑި ގުނާލަ ގުނާލައެވެ. މިގޮތުގައި އިންދާ ކްލާސް ނިމުމާއެކު، ސާރާ އޭނާގެ ދަބަހުން ފޯނު ނަގައި އިގްބާލުގެ ނަންބަރަށް ގުޅިއެވެ. ފޯނު ރިންގުވި ނަމަވެސް ފޯނެއް ނުނަގައެވެ.
ސާރާއަށް އިގްބާލު ދިރިއުޅެނީ ކޮންތާކު ކަމެއްވެސް ނޭންގެއެވެ. އޭނާ ޝިފާނަށް ގުޅަންވެސް ހިތަށް އެރިއެވެ. ނަމަވެސް ޝިފާން ހިތަށް އަރާފާނެ އެއްޗަކާއި މެދު ވިސްނާލާފައި، އޭނާ އެ ހިޔާލު ދޫކޮށްލިއެވެ. އޭނާ އެދުވަހު ކޮލެޖަށް އައީވެސް އަދި ދިޔައީވެސް ކާރުގައެވެ. އޭނާ އަދިވެސް ހުރީ އެދުވަހުގެ ހެނދުނު ހިނގާދިޔަ ހާދިސާގެ ސަބަބުން ސިކުނޑިއަށް ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ގެއަށް ވަދެވުމާއެކު ފުރަތަމަ ވެސް ގޭގެ ދޮރު ރަނގަޅަށް ލޮކު ކުރުމަށްފަހުގައި، ގޭގެ ހުރިހާ ކުޑަ ދޮރެއްވެސް ބަންދުކުރިއެވެ. ސާރާ ފާހާނާގައި އުޅެނިކޮށް އޭނާގެ ފޯނު ރިންގުވާ އަޑު އިވުނެވެ. އޭނާ އަވަސްކޮށްލައިގެން ނިކުންއިރު ފޯނު ކެނޑިއްޖެއެވެ. ގުޅާފައި އޮތީ އައިއޯ ޝިފާނެވެ.
ސާރާ ޝިފާނަށް ކޯލު ބެކް ކުރިއެވެ. "ހަލޯ." ޝިފާން ވާހަކަދެއްކިއެވެ. "ކީކޭ ޝިފާން؟". ސާރާ އެނދުމަތީގައި އިށީންނަމުން ވާހަކަދެއްކިއެވެ. "ބިޒީ ވަގުތުކޮޅެއްތަ؟. ބިޒީ ނޫންނަމަ މިގަޑީގަ ބައްދަލުކޮށްލެވިދާނެތަ؟." ޝިފާން އާއްމުގޮތެއްގައި ބައްދަލުކުރުމަށް އެދޭނީ ފޯނުން ނުދެއްކޭ ވާހަކަތަކެއް ހިއްސާކުރަން ބޭނުންވާތީއެވެ. އަދި މިދުވަސްކޮޅު ސާރާގެ ފޯނު ޓެޕް ކުރެވޭގޮތް ހަދާފައި އޮތުމާއެކު، ފޯނުން ކޮންމެ ކޮންމެ ވާހަކައެއް ދެއްކުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. މާގިނަ އިރުތަކެއް ނުވެ ޝިފާން އެގެއަށް އައެވެ. ސާރާ އޭނާއަށް ކޮފީތައްޓެއް ގިރައިދިނެވެ. "މަލާޒު މިހާރު މަރުވި ކަމުގެ މައުލޫމާތު އެބަ ލިބޭ." ޝިފާންގެ މި ޖުމްލައާއި އެކު ފެންތަށި އަޅަން ހުރި ސާރާގެ އަތުން ފެން ޖަގު ދޫނުވީ ހަމަ ކިރިޔާއެވެ. "އޭ!. ކީކޭ؟." ސާރާގެ އަޑު ނިކުތީ ހަމަ ކިރިޔާއެވެ. އޭނާއަށް ހުރެވުނީ އިށީންނަންވެސް ނޭންގިފައެވެ.
"ތިއީ ޔަގީން ހަބަރެއްތަ؟." ސާރާއަށް ޔަގީން ކުރަން ދަތި ހާލު އަނެއްކާވެސް ޝިފާނާއި ސުވާލުކުރިއެވެ. "ޔަގީން ކަމެއް އަދި ނޭންގެ. އަހަރެންނަށް ވެސް މި ހަބަރު ލިބިގެން މި ގުޅީ. މިއަދުގެ ވަގުތެއްގައި ކޮންފޯމް ޖަވާބެއް ލިބޭނެ ކަމަށް ބުނަނީ. އޭނާ މަރުވެއްޖެ ނަމަ، އޭނާ ގެއްލިގެން ހޯދަން ލޮޖް ކުރި ކޭސް ޖެހޭނީ ކްލޯޒް ކުރަން. އެކަމަކު ނިޝާގެ ކޭސް ކުރިއަށް ގެންދެވޭނެ." ޝިފާން ބުންޏެވެ. ކޮފީތަށި ބޯލައިގެން ޝިފާން އަވަހަށް އެގެއިން ނިކުތެވެ. ޝިފާން އެގޮތަށް، ސާރާއާއި ބައްދަލުކުރާކަން އެއްވެސް ބަޔަކަށް އެނގިއްޖެނަމަ އެއީ ރަނގަޅު ކަމަކަށް ނުވާނެތީއެވެ. ޝިފާން އެގެއިން ނިކުމެގެން ދިއުމާއެކު ސާރާ އަޑުން އަޑު ނަގާފައި ރޯން ފެށިއެވެ. ހީވީ އެތައް އަހަރު ދުވަހު ނުރޮއެ ހުރެ ރޯލެވުނުހެންނެވެ.
މިގޮތުގައި ރޯލަރޯލަ އިންދާ އޭނާގެ ގޭގެ ދޮރުގެ ބެލް ޖެހިއަޑު އިވުނެވެ. އޭނާގެ ލޮލުން ފޭބި ހުރިހާ ކަރުނަތަކެއް ފޮހެލުމަށްފަހު، ދޮރުކައިރިއަށް ގޮސް ކާކުތޯ ބެލިއިރު، ދޮރުމަތީގައި ހުރީ އިގްބާލެވެ. އިގްބާލު ފެނުމާއެކު އޭނާ ވަގުތުން ދޮރު ހުޅުވިއެވެ. ދޮރުހުޅުވުމާއެކު އިގްބާލު ވަރަށް މަޑު ހިނގުމެއްގައި އެތެރެއަށް ވަނެވެ. އިގްބާލުގެ މޫނުމަތިން ފެންނަމުން ދިޔައީ މާ އުފާވެރި މަންޒަރެއް ނޫނެވެ. އޭނާ ހުރި ގޮތް ފެނިފައި، ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ސާރާއަށް ޔަގީން ކުރެވުނެވެ. ގޭގެ ދޮރު ލައްޕައި ތަންޑުއެޅުވައި އަނެއް ފަރާތަށް އެނބުރިލި ވަގުތު، ސާރާއަށް ފެނުނީ އިގްބާލު ވަރަށް ފާޑަކަށް ހިނގާފައި ގޮސް ސޯފާގައި އިށީން މަންޒަރެވެ.
ސާރާ އެތައް ފަހަރަކު ވެގެން އުޅެނީ ކީއްތޯ ސުވާލުކުރުމުން އެންމެ ފަހުން އިގްބާލަށް މަޖުބޫރުވީ ވެގެން އުޅޭގޮތް ކިޔައިދޭށެވެ. އެވަގުތު އިގްބާލު ލައިގެން ހުރި ގަމީހުގެ ކަނާތު އަރިމަތިން ގަމީސް ހިއްލާލުމާއެކު ފެނުނީ ރަތްވެފައި ހުރި ޒަހަމް ތަކެކެވެ. "ސާރާއާއި އެކު ސައިބޮއެގެން ނިކުންނަނިކޮށް އަންހެނުންނަށް ފެނުނީ. އަހަރެން އޭނާއަކަށް ދޮގެއް ނުހަދަން. އަހަރެން ބުނިން އަހަރެން ވާހަކަދައްކަމޭ. އެކަމަކު އަހަރެންނަކަށް ނޭންގެއޭ އަހަރެންނާއި އޭނާއާއި އޮތީ ކޮން ގުޅުމެއް ކަމެއް. އެގޭހާވެސް އެއްޗަކީ ސާރާއަކީ އަހަރެންނަށް ވަރަށް ހާއްސަ މީހެއްކަން. އަހަރެން ލައްކަ ދުވަހު ކެތްކޮށްފިން އޭނައާއެކީ. ދެނެއް ނުވާނެ." އިގްބާލު ސާރާއާއި ދިމާލަށް ބަލާލިއެވެ. އެހިނދު އޭނާ އައިސްއަލަމާރިން އައިސް ޕެކް ނަގައިގެން ގެނެސް އިގްބާލުގެ ޒަހަމްތަކުގައި އައިސްޕެކް އެޅިއެވެ. "ސާރާ އަހަރެންނަށް އެނގޭ، އެކަކު އަނެކަކުދެކެ ލޯބިވުމަކީ އަދި މާފަހުގެ ކަމެއްކަން. އަހަރެންގެ ހިތްބުނަނީ އަހަރެންނަށް ސާރާއެކީ ވަރަށް އުފާވެރި ދުވަސްތަކެއް ހޭދަ ކުރެވިދާނެއޭ. މިވަގުތު ޖަވާބެއް ނުދިނަސްވެސް މައްސަލައެއްނެތް. އެކަމަކު އަހަރެން އެއްވެސް ޝަރުތަކާއި ނުލާ އަހަރެން ސާރާގާތު އިންނަން އަހައިފިއްޔާ، ސާރާ އަހަރެންނާއި އިންނާނަންތަ؟". އިގްބާލުގެ މި ސުވާލާއެކު، ސާރާގެ އަތުން އައިސްޕެކް ދޫވިއެވެ. ސާރާއަށް އިނދެވުނީ ބަސް ހުއްޓިފައި ބުނާނެ އެއްޗެއް ނޭންގުނު ހާލު އިގްބާލާއި ދިމާލަށް ބަލަހައްޓައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ