ފަސް ހަ ދާއިރާއެއްގެ މެންބަރުންނާ ވާހަކަ ދައްކަން ޒިންމާ ހަވާލުކޮށްފި: ނަޝީދު

އަންނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ނިންމާފައި ވީނަމަވެސް، އެޕާޓީގެ ފަސް ހަ ދާއިރާއެއްގެ މެންބަރުންނާ އަލުން ވާހަކަ ދައްކަން ގައުމީ މަޖިލީހުން ޒިންމާ ހަވާލުކޮށްފި ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ދާދި ދެންމެ އަކު ދެއްވި ޕްރެސް ކޮންފަރެންސްގައެވެ. ނަޝީދަށް އެޒިންމާ ހަވާލު ކުރީ، އަންނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން 87 ދާއިރާއަށް ކުރިމަތިލާއިރު ކޯލިޝަން އެއް ޕާޓުނަރު އަދާލަތުންވެސް 13 ދާއިރާއަކަށް ވާދަކުރާތީ، ދެ ޕާޓީ ވާދަކުރާ ދާއިރާތައް ފުށޫ އަރާފައި ވުމުގެ ސަބަބުން ދެޕާޓީގެ އިސްވެރިންގެ ދެމެދުގައި ބޭއްވުނު މަޝްވަރާއަށް ފަހު އެމްޑީޕީއަށް ދޫދެވެން އޮތް ދާއިރާތައް ދެނެގަތުމުގެ ތެރެއިން އެމްޑީޕީގެ މެންބަރުންނާ މަޝްވަރާ ކުރެއްވުމަށެވެ.
ނަޝީދު ވިދާޅުވީ އަދާލަތަކީ އެކުގައި މަސައްކަތް ކުރަން ފަސޭހަ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީގެ ވިސްނުމާ އެހާ ތަފާތު ބައެއް ނޫން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އަންނަ މަޖިލީސް އިންތިހާބުގައި އެމްޑީޕީން ދާއިރާއެއް ދޫކޮށްލާނަމަ އެދާއިރާއެއް ނުވަތަ ދާއިރާތަކެއް އެނގޭނީ ފުރިހަމަ އެއްބަސްވުމެއް ވެވުނީމާ ކަމަށެވެ. އެމްޑީޕީގެވެސް އަދި އެމަނިކުފާނުގެވެސް އެންމެ މުހިންމު އަމާޒަކީ އަންނަ މަޖިލީހުގައި އެމްޑީޕީއަށް އެންމެ ގިނަ ގޮނޑި ހޯއްދެވުން ކަމަށް ވިދާޅުވިއެވެ.
'އެމްޑީޕީ ވަރަށް ބޮޑު އަޣުލަބިއްޔަތެއް ހޯދާނެ. އަޅުގަނޑު މިހުރީ އެމަސައްކަތަށް ނުކުމެ، އާދަޔާ ޚިލާފު އަޣުލަބިއްޔަތެއް އެމްޑީޕީއަށް ހޯދައިދޭނަން' ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީ ނުކުންނަނީ އެޖެންޑާ19 ތަންފީޒު ކުރަން ކަމަށާ، އެގޮތުން މުހިންމު ވަނީ އިންތިހާބުވާ މެންބަރުން ކުރަން ބޭނުންވަނީ ކޮން ކަމެއްތޯ ދެނެގަތުން ކަމަށެވެ. އެމްޑީޕީން ހުށަހަޅާ އެޖެންޑާ19 އަކީ ގިނަ ދާއިރާތަކަށް ހައްލު ހޯދައިދީފައިވާ އިސްލާހީ ޕެކެޖެކެވެ. އޭގެ ތެރޭގައި ޤާނޫނީ ދާއިރާއާއި، ވިޔަފާރިއާ އިގުތިސާދީ ދާއިރާތައް ފާހަގަ ކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ