މެމްބަރުން ރައްޔިތުންނާ ބައްދަލުކުރަން މަޖުބޫރުކުރާނަން: ރައީސް ނަޝީދު

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މެމްބަރުކަމަށް ހޮވޭ ފަރާތްތަކުން ރައްޔިތުންނާ ބައްދަލުކުރަން މަޖުބޫރުކުރާނެ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައީސް ނަޝީދުވެސް ވާދަކުރައްވައެވެ. ރައީސް ނަޝީދު ވާދަކުރައްވަނީ މައްޗަންގޮޅީ މެދުދާއިރާއަށެވެ. ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ ހާލު ބަލައި ރައްޔިތުންނަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލަން ޖެހޭނެ ކަމަށެވެ. " ބައްލަވާ 10، 12 ވަނަ މަޖިލިސް. އަޅުގަނޑު ހަނދާންވަނީ އޭގެން ކޮންމެވެސް އެއް މަޖިލީހެއްގައި އަޅުގަނޑުވެސް އިނިން. އަޅުގަނޑުމެންނެއް ނޫޅެ ރައްޔިތުންނާ ބައްދަލުކުރާކަށް. އެމަޖިލީހުގައި ނެތް އޭނާ އިންތިހާބުވީ ކޮން ތަނަކުންތޯވެސް އެނގިވަޑައިގަންނަވާ ބޭފުޅެއް. އަދި ވަކިން ހާއްސަކޮށް އިންތިހާބުވި ބޭފުޅެއްގެ ކައިރީގައި ތިބޭފުޅާ އިންތިހާބުވި ދާއިރާގެ ގެެއެއްގެ ނަން އަހަފިއްޔާ ޔަގީން ނުބުނެވޭނެ. " ރައީސް ނަޝީދު ވިދާޅުވިއެވެ. ކުރިން އެހެންކަންތައް ހުރި ނަމަވެސް މިހާރު އެކި ދާއިރާތަކުގެ މެމްބަރުންނަށް ގެތަކާއި އާއިލާ އަދި މީސްމީހުންގެ ނަން އެނގޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. "އިރާދަކުރައްވިއްޔާ މަޖިލިސް 19 ވެގެންދާނީ އެ މަޖިލިސް ހިންގާ ގަވައިދުގައި މަޖިލީހުގެ މެމްބަރުން ރައްޔިތުންނާ ބައްދަލުކުރުމަށް މަޖުބޫރުކުރުވާ ގަވައިދަކަށް. މަޖިލިސް މެމްބަރުންގެ މަސައްކަތުގެ ބައެއް އެއީ ރައްޔިތުންނާ ބައްދަލުކުރުން، މަޖިލީހުގެ މެމްބަރުންގެ މުސާރަ ގުޅިފައި މިއޮންނަަން ޖެހެނީ މެެމްބަރުން ރަައްޔިތުންނާ ބައްދަލުވުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ