މި ފަސް އަހަރުގެ ތެރޭގައި ހިންނަވަރާއި ނައިފަރު ގުޅުވާލާނަން: ރައީސް ނަޝީދު

އެމްޑީޕީގެ ތަސައްވަރެއް ފާދިއްޕޮޅަށް ވެސް އެބައޮތް ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި ހިންނަވަރާއި ނައިފަރު ގުޅުވާލާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޅ. ހިންނަވަރުގައި މިރޭ ބޭއްވި ހިންނަވަރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފެލިވަރާއި މަޑިވަރާއި އަދި ނައިފަރު އެތަނުން މަގެއްގައި ގުޅުވާލުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހިންނަވަރުގެ ވެސް، ފާދިއްޕޮޅުގައި ވެސް ތަސައްވަރެއް އެބައޮތް. އަޅުގަނޑުމެން ބޭނުން ހިންނަވަރާއި ނައިފަރު ގުޅުވަން. އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް އެއީ ފެލިވަރާއި މަޑިވަރާއި އަދި ނައިފަރާއި އެތަނުން މަގެއްގައި މި ހުރިހާ ރަށް މިތަނުގައި ގުޅުވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި އަމާޒު މި ފަސް އަހަރުގެ ތެރޭގައި ކާމިޔާބުވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ފެރީގެ ހިދުމަތް ބަރާބަރަށް އޮންނަން ޖެހޭނެ ކަމަށާއި ބަނޑަހަ ޖަހައިގެން މަސްވެރިކަން ކުރަން ނުވަތަ ބަނޑަހަ ޖަހައިގެން ދަނޑުވެރިކަން ކުރަން އުޅުނު އުސޫލުގައި ރާއްޖޭގެ ރައްޔިތުން އުޅެން ދޫކޮށްލެވޭކަށް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ