އިތުބާރު ގެއްލިއްޖެ، އެފްއޭއެމް އާއެކު މަސައްކަތް ކުރުމަކީ ސަރުކާރަށް އުނދަގޫކަމެއް: މަހުލޫފް

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެ އިދާރާއަށް ސަރުކާރުގެ އިތުބާރު ގެއްލިއްޖެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ވީ ސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަމުން ވަޒީރު ވިދާޅުވީ، އެފްއޭއެމްގެ ތެރޭގައި އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލަތައް އެބަހުރި ކަމަށާއި ސަރުކާރުން ހަރަދުކޮށްފައިވާ ފައިސާ އާއި ޕްރޮޖެކްތައް ބޮޑެތި އިހުމާލުތަކެއް އެފްއޭއެމް އިން ވެފައިވާ ކަމަށެވެ.
އެފްއޭއެމްގެ ފަރާތުން މިއަދު ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ ބޮޑު ލީގެއް ބޭއްވުމުގެ އިތުރުން ފެންވަރު ރަނގަޅު ދަނޑުތައް އަޅަން މިނިސްޓްރީން ބޭނުންވާއިރު އެފްއޭއެމްގައި މިހާރު ތިބީ މިއިން އެއްވެސް ކަމަކަށް އެކުގައި މަސައްކަތް ކުރެވޭނެ އަދި އެކަމަށް ގާބިލު ބަޔެއް ކަމަށްވެސް ގަބޫލު ނުކުރާ ކަމަށް ސްޕޯޓްސް މިނިސްޓަރު ވިދާޅުވިއެވެ.
"އެފްއޭއެމް އާއި ސަރުކާރާއި އަދި އަޅުގަނޑާއި ވެސް އެއްވެސް ޒާތީކަމެއްނެތް، ބައްސާމާއި ސަވީދު އާ މެދުވެސް އެއްވެސް ޒާތީކަމެއް ނެތް. އަޅުގަނޑޭ ކިޔައިގެން ވަރަށް ގިނަ ކަންކަން ފީފާއާއި އޭއެފްސީއަށް ވެސް އަންގަމުންދޭ. އަޅުގަނޑު ކުލަބުތަކަށް ބިރުދައްކާ ކަމަށްވެސް އަންގަމުންދޭ. އެކަމު އަޅުގަނޑުމެން މިތިބީ އެއްވުރެން ބޮޑަށް ފުދިފަ" އެފްއޭއެމް އާ ބެހޭގޮތުން ވާހަކަ ދައްކަމުން ވަޒީރު ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ބަޖެޓްގެ ތެރެއިން މިދިޔަ އަހަރުވެސް 13 ޕަސަންޓް ހަމައެކަނި ހަރަދުކޮށްފައި ވަނީ ފުޓްބޯޅައަށް ކަމަށާއި ދައުލަތުން މިވަރުގެ ބޮޑު ހޭދައެއް އެއްމެ ކުޅިވަރަކަށް ކޮށްފައިވާއިރު އެފައިސާއަށް ހެދިގޮތް ދައުލަތައް އިނގެންޖެހޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
ރަށްރަށުގައި ޓާފް ދަނޑުތައް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު ގިނަ ދަނޑުތައް ހުރީ ހުއްޓިފައި ކަމަށާއި ދައުލަތުގެ ބަޖެޓުން އެތައް ހޭދައެއް އެ ދަނޑުތަކަށް ކޮށްފައިވާއިރު ގިނަ ދަނޑުތަކަކީ މިނިސްޓްރީއަށް އަތްވެސް ނުލެވޭ ގޮތައް އެފްއޭއެމްގެ ދަށުގައިހުރި ދަނޑުތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެފްއޭއެމް އާއި މަހުލޫފް އާއި މައްސަލަ ޖެހިގެން އުޅޭއިރު މީގެ ކުރިންވެސް ކުޅިވަރާބެހޭ ވަޒީރުކަން ކުރި ފަސް ވަޒީރުންނަށް ވެސް އެފްއޭއެމް އާއެކު މަސައްކަތް ކުރެވިފައި ނުވާކަމަށް މަހުލޫފް ވިދާޅުވިއެވެ.
"މީގެ ދެދުވަސް ކުރިން ހޮޓެލް ޖެން އިން އިރުތިޝާމް އާއި އަޅުގަނޑާއި ބައްދަލުވި. އެދުވަހު ވިދާޅުވި މަހުލޫފްއަށް ވެސް އެފްއޭއެމް އާއެކު މަސައްކަތް ނުކުރެވުނޭ. ތިމަންނައަކަށް ނުކުރެވުނޭ. ޒުހޫރަކަށް ނުކުރެވުނޭ. މުންދުއަކަށް ނުކުރެވުނޭ. ހަސަން ލަތީފަކަށް ނުކުރެވުނޭ. މަލީހް އަކަށް ނުކުރެވުނޭ. އެހެންވީމާ މައްސަލައެއް އެބައުޅޭ ނޫންތޯ" އެފްއޭއެމް އާއި ޖެހިފައިވާ މައްސަލާއި ބެހޭ ގޮތުން ވަޒީރު ވިދާޅުވިއެވެ.
އެސްއޯއީގެ ދަށުން ކުލަބުތަކަށް ދެމިލިޔަން ޑޮލަރު ސަރުކާރުން އަހަރަކު ހޭދަކޮށްފައިވާއިރު އޭއެފްސީ ކަޕަށް ކުލަބުތަކަށް ނުދެވުނީ ކީއްވެތޯ ސަރުކާރުން ބަލަންޖެހޭ ކަމަށާއި އެކަން ކުރަން އުޅުމުން އެފްއޭއެމްއަށް މިނިސްޓްރީ ގޯސްވީ ކަމަށާއި އެފްއޭއެމްގެ އަމަލުތައް ހުރިގޮތުން އޭއެފްސީ ކަޕަށް ކުލަބުތަކަށް ނުދެވުނީ ސީދާ އެފްއޭއެމްގެ އިހުމާލުންކަން ޔަގީން ކުރެއްވިއްޖެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ