ކާޑިފާ އަލަށް ގުޅުނު ކުޅުންތެރިޔާ ދަތުރުކުރި ޖެޓް ގެއްލިގެން ހޯދަނީ

ކާޑިފް، ވޭލްސް (ޖެނުއަރީ 22) - ދާދި ފަހުން ޕްރިމިއާ ލީގުގެ ކާޑިފް ސިޓީ އަށް ސޮއިކުރި އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ، އެ ކްލަބާ ގުޅެން ވޭލްސްގެ ކާޑިފަށް ދަތުރުކުރި ޕްރައިވެޓް ޖެޓް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ސަލާ އެ ޖެޓްގައި ދަތުރުކުރިކަމަށް ފްރާންސްގެ ގިނަ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ސަލާ ސޯޝަލް މީޑިއާގައި އެންމެ ފަހުން ހިއްސާކުރި ފޮޓޯގައި ވަނީ އޭނާ މިހާރު ކުޅެމުން އަންނަ ނޯންޓެސްގެ ކުޅުންތެރިންނަށް ވަދާއީ މެސެޖެއް ހިއްސާކޮށްފަ އެވެ.
ޖާޒީގެ އެއާޓްރެފިކް ކޮންޓްރޯލް އަށް ރިޕޯޓްކުރިއިރު އެ ޖެޓް ދިޔައީ 5000 ފޫޓު މަތިން ދަތުރުކުރަމުންނެވެ. އެކަމަކު އެ ބޯޓުގެ ސިގްނަލް ގެއްލުނީ 2300 ފޫޓު މަތީގައި ދަތުރުކުރަނިކޮށެވެ. އޭގެ ސިގްނަލް އެންމެ ފަހުން ލިބުނުއިރު ހުރީ ގޯންސީ އައިލެންޑުގެ ލައިޓް ހައުސް ކައިރީގަ އެވެ. އެއީ މޫސުން ގޯސް ދުވަސްވަރު، މީގެ ކުރިން ވެސް އެކި ހާދިސާތައް ހިނގާފައިވާ ސަރަހައްދެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މެޓް އޮފީސްގެ ރިޕޯޓްތައް ބުނާގޮތުން ރޭ ގޯންސީ އައިސްލެންޑު ސަރަހައްދުގެ މޫސުން ރަނގަޅެއް ނޫނެވެ.
ސަލާ ދަތުރުކުރަމުންދިޔަ ޖެޓުގެ ސިގްނަލް އެންމެ ފަހުން ލިބުނު ގޯންސީ އައިލެންޑުގެ ލައިޓް ހައުސް ހުންނަ ސަރަހައްދު.-
ކާޑިފް ސިޓީގެ ޗެއާމަން މެހެމެތު ދަލްމަން ވަނީ ޖެޓް ގެއްލުމުން އެ ކްލަބާ ދާދިފަހުން ގުޅުނު ސަލާގެ ސަލާމަތީ ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އެ ޖެޓު ގެއްލިގެން ހޯދަން ފެށި ހިސާބުން އަހަރެމެން މި އަންނަނީ މައުލޫމާތު ސާފުކުރަމުން. އަހަރެމެން މި ތިބީ ވަރަށް ކަންބޮޑުވެފައި. އަހަރެމެންނަށް ޔަގީންކޮށް އެއްޗެއް ބުނެވޭނީ ކަމާބެހޭ ފަރާތްތަކުން މި ކަމުގެ މައުލޫމާތެއް ދިނީމަ. މިއީ ވަރަށް ހިތާމަހުރިކަމެއް،" މެހެމެތު ވިދާޅުވި އެވެ.
އުމުރުން 28 އަހަރުގެ ސަލާ އަކީ މި ސީޒަނުގައި ފްރާންސް ލީގުގައި 12 ގޯލު ޖަހައިފަ އެވެ. އޭނާ އަކީ ކީލިއަން އެމްބާޕޭ އާއި ނިކޮލަސް ޕެލޭ އަށް ފަހު އެ ލީގުގައި މި ފަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އެވެ. ކާޑިފުން ބޮޑު އަގުދީފައި ސަލާގެ ސޮއި ހޯދީ އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަނުން ސަލާމަތްވުމަށް އެ ޓީމުން ކުރަމުން އަންނަ މަސައްކަތުން ކުރިހޯދުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ