ޣީބަ ބުނެވޭ ބައެއް ސަބަބުތައް: އޮތީ ވިސްނައި ބިރުވެތިވުން!

ޣީބަބުނުމުގެ ބައެއް ސަބަބުތަކާއި ބެހޭގޮތުން  ابن تيمية رحمه الله، ވިދާޅުވެފައިވެއެވެ.
އޭގެ ތެރެއިން : 
1.    މީހުން އެއްވެހަދާ މަޖްލިސްތަކުގައި މީސްތަކުން ޣީބަ ބުނެއުޅެއެވެ. ނަމަވެސް އެބައިމީހުން ޣީބަ ބުނަނީ އެކަން ރައްދުވާ ފަރާތް އެކަމުން ބަރީއަވެގެންވާ ކަން ދަންނަ ހާލުގައެވެ. ނަމަވެސް އެކަން ނުކޮށްފި ކަމުގައި ވަނީނަމަ، އެ މަޖިލިހުން އޭނާ ބޭރުކޮށް އެމީހުންގެ މެދުގައި އޮތް މަޤާމު ގެއްލިދާނެ ކަމުގެ ބިރަށްޓަކައި އެބައިމީހުން އެކަން ކުރެއެވެ. 
2.    އަދި ހެޔޮއެދިގެން އުޅޭ ކަމަށްހެދި، ޣީބަ ބުނެ އުޅެއެވެ. އެމީހުން ބުނެއެވެ : 
"ތިމަންނަ ދުވަހަކުވެސް މީހެއްގެ ހެޔޮވާހަކައެއް ނޫނީ ނުދައްކަމެވެ. އަދި ތިމަންނަ ޣީބަ ބުނެ ދޮގު ހަދާހިތެއް ނުވެއެވެ. ނަމަވެސް އޭނާގެ ޙާލު ބަޔާން ކޮށްދޭހިތް ވީއެވެ. އެއީ ވަރަށް ނިކަމެތި އަދި ރަނގަޅު އިންސާނެއް، ނަމަވެސް އޭނާގެ އެވެނި މީވެނި ކަމެއް ހުއްނާތީ މައްސަލައަކީ..” މިފަދަ ޢިބާރަތައް ބުނެ ހަދައެވެ. އަދި ﷲ އޭނައަށް ހެޔޮގޮތް މެދުވެރި ކުރެއްވުމަށް އެދި ދުޢާކުރެއެވެ. ނަމަވެސް އޭނާގެ މަޤުޞަދަކީ އޭނާގެ އަޚާ ފަޟީހަތްކޮށް، އޭނާގެ އުނިވާހަކަތައް މީސްތަކުންގެ މެދުގައި ދެއްކުމެވެ." 
3.    އަނެއްބަޔަކު އަނގަމަޖަލަށް ހީސަމާސާ ކުރުމުގެ ނަމުގައި، ކުޅިވަރަކަށް ހަދައިގެން ވެސް ޣީބަ ބުނެ އުޅެއެވެ. އަދި އެންމެން އެއްބައިވެ އަޚާނުރުހޭ ޢައިބުތަށް ކިޔައި އެކަން އެންމެންތެރޭ ފަޟީހަތްކުރެއެވެ.
4.    އަޖައިބުވާކަމަށް ހެދިގެން ވެސް ބައެއްމީހުން ޣީބަ ބުނެ އުޅެއެވެ. އެމީހުން ބުނެއެވެ. : “އެވެނި މިވެނި މީހަކު އެވެނި ކަމެއް ނުކުރާތީ ތިމަންނަ ހާދަ އަޖައިބުވަމެވެ.” އަދި “އެވެނި މީހަކު މިވެނި ކަމެއް ކުރީތީ ތިމައްނަ އަޖައިބު ވަމެވެ.” މިފަދަ ބަސްތަކުން އެމީހަކާ ދޭތެރޭ ނުރުހޭ ކަންކަން ފާޅު ކުރުމުގައި އެފަދަ މީހުން ޣީބަބުނެއެވެ.  
5.    މީހުންގެ ދަތި ޙާލަތު މީސްތަކުންގެ މެދުގައި ކިޔައި ފަޟީހަތް ކުރުމަށް، އެކަމަށް ހިތާމަ ކުރާމީހެއް ކަމުގައި ހެދިގެންވެސް ޣީބަ ބުނެ އުޅެއެވެ. 
6.    ނުބައި ކަމަކަށް އިންކާރުކޮށް އެކަމުގެ ރުޅިވެރިކަން ފާޅުކުރާ ކަމުގައި ހެދިގެންވެސް ޣީބަބުނެއެވެ. އޭނާގެ ގަޞްދަކީ ބޭރުން ފާޅުވާ ރުޅިވެރިކަމާ އިނދިކޮޅެވެ. އަދި އޭނާގެ މަޤުސަދަކީ ރުޅިއައްނަ ކަމަށް ހެދި، އެމީހާގެ ގޯސް ވާހަކަ މީސްތަކުންނަށް އިއްވުމެވެ. 
- ނުނިމޭ-
- އައްޝައިޚް އަޙްމަދު ޚާލިދު
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ