ހިޔާ ފްލެޓްތަކުގައި ދިރިއުޅުން ބުއްދިވެރިއެއް ނޫން: ނަޝީދު

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައ އެޅި ހިޔާ ފްލެޓްތަކުގައި ދިރިއުޅުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާަޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ރިޔާސަތު ފައްޓަވަމުން ދެެެއްކެވި ވާހަކަފުޅުގަ އެވެ.
އެމަނިކުފާނު ވިދާޅުވީ އެހާ އުހަށް އިމާރާތްކޮށް އެހާ ކުޑަކުޑަ ތަންކޮޅެއް އެހާ ގިނަ ބަޔަކު ދިރިއުޅުމަކީ ރަނގަޅުކަމެއް ނޫންކަމެއް ކަން ތަހުޒީބު ވެފައިވާ ދުނިޔެއިން ވެސް މިހާރު ގަބޫލު ކުރާ ކަަމަށެވެ. އިތުރަށް ވިދާޅުވީ ހިޔާ ފްލެޓްފަދަ ހައިރައިސް ތަންތަނުގައި ދިރި އުޅުމަކީ އެހާ ތަނަވަސް ދިރިއުޅުމެއް ނޫން ކަަމަށެވެ. އަދި އެފަދަ ދިރުއުޅުމަކަށް ވިސްނުމަކީ ބުއްދިވެރި ގޮތް ވެސް ނޫން ކަަމަށެވެ.
ހިޔާ ފްލެޓްތަކަށް މީހުން ވަންނަން ފަށައިފައިވާ އިރު އެ ފްލެޓްތަކުގެގެ ބައެއް އިންތިޒާމްތައް ހަމަޖެހިފައި ނެތުމުން އޭގެ ދަތިތައް ރައްޔިތުންނަށް ވާތަން ފެންނަމުންދާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"އެތަަނަށް 25،000 މީހުންވަދެ ކުނީގެ ނިޒާމާއި ލިފްޓްތަކާ ދަތުރު ފަތުރާ ފެނާއި ކަރަންޓާ މިހެން ގޮސް މިބާވަތުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދިއުމަށް އިންތިޒާމްތަކެއް ދިނުމަށް ބޭނުންވާތީވެ އެކަން ލަސްވެގެންދާ ކަމުން ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ އެކަންކަންވެސް ދަނީ އެކަމާ ބެހޭ ސަރުކާރު ކުންފުނިން ވަަރަށް ބާރަށް ހިންގަވަމުން. އަދި ކުރިއަށް އޮތް ތަނުގައިވެސް އެކަންކަން ހިނގާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން މިިދިޔަ ހަފްތާގައި ބުނީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން 6084 ފަރާތަކާ ފްލެޓް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި އަދި އެފްލެޓްތަކުގައި މިހާރު 200 އާއިލާ ދިރިއުޅެން ފަށައިފައިވާ ކަމަށެވެ. އެތަނުގައި ދިރިއުޅޭ މީހުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ސުޕަމާކެޓާއި ގްރޮސެރީ ސްޓޯ ތަކާއި ކެފޭތައް ހެދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ