70 ޕަސެންޓުން އެމްޑީޕީ އިންތިހާބު ނަޝީދު ފެކްޝަނުން ކާމިޔާބުކުރާނެ

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 70 ޕަސެންޓުގެ އަޣުލަބިއްޔަތަކުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ކާމިޔާބު ކުރާނެ ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ތެރޭގައި ދެ ފެކްޝަނެއް އުފެދުނީ ނަޝީދާއި، ރައީސް އިބްރާހިމް މުހައްްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވުން އުފެދުނު ހިސާބުންނެވެ. އޭގެފަހުން އެ ޕާޓީގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަނީ ދެ ފެކްޝަން ވަރަށް ބޮޑަށް ފާޅުވެގެންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ މާލޭގެ ދާއިރާތަކުގެ ކެންޑިޑޭޓުން ރޭ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ހަލީމް ވިދާޅުވީ މިއަދު މުޅި ސަރުކާރު ނިކުމެގެން އުޅުނަސް ނަޝީދުގެ އަތުގައި އެމްޑީޕީ ބޭއްވުމަށްޓަކާ އެ ޕާޓީގެ އާންމު މެމްބަރުން އެކި ކަންކޮޅުތަކުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އިރާދަކުރެއްވިއްޔާ މިހާރު ފެންނަ ނަތީޖާއަކީ 70 ޕަސެންޓުގެ އަޣުލަބިއްޔަތަކުން އަޅުގަނޑުމެން ކާމިޔާބު ކުރާނެ" ނަޝީދުގެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނޭ ހަލީމް ވިދާޅުވިއެވެ.
އަދި ވަޒީފާ އާއި ފައިސާ އަށް އެމްޑީޕީގެ އާންމު މެމްބަރުން ނުގުޑާނެ ކަމަށާއި ފައިސާގެ ދަހިވެތިކަމުގައި އުޅެނީ އިނގިލިން ގުނާލެވޭހާ މަދު އަދަދެއްގެ ބައެއް ކަމަށްވެސް ހަލީމް ވިދާޅުވި އެވެ. އަދި އެމްޑީޕީ އަކީ ފައިސާ އާއި އިދިކޮޅަށް ނިކުތް ބައެއް ކަމަށާއި އެމްޑީޕީގެ މެމްބަރުން ކޮރަޕްޓް ވެގެން ނުދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. މި އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ