ކުރީގެ ރައީސް ވަހީދު މިރޭ މާލެ ވަޑައިގަންނަވާތީ ރައީސް ޔާމީން މަރުހަބާ ދަންނަވަނީ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ މަރުހަބާ ދަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ވަހީދަށް މަރުހަބާ ދެންނެވުމަށްޓަކައި ރައީސް ޔާމީން މިރޭ 9:45 ގައި ޖެޓީ ނަންބަރު 4 އަށް ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ވަހީދު މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ މެލޭޝިއާ ވަޑައިގެންނެވީ އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިންގެ އޮޕަރޭޝަނަކަށެވެ.
ގާތްގަނޑަކަށް އެއް މަސް ދުވަސްވަންދެން ރައީސް ވަހީދު މެލޭޝިއާގައި ހުންނެވިއިރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވަނީ ރައީސް ވަހީދާއި ބައްދަލުކުރައްވާފައެވެ.
ރައީސް ވަހީދު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ދެވޭ އެންމެހާ ރައްކާތެރިކަމާއި އިނާޔަތްތައް ރައީސް ވަހީދަށް އަރުއްވާ ގޮތަށް ޕީޕީއެމް ކައުންސިލުން މީގެކުރިން ވަނީ ނިންމާފައެވެ.
ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް ވަހީދު ވިދާޅުވެފައިވަނީ ސިންގަޕޫރުން އެނބުރި ވަޑައިގެން ގައުމަށް ހިދުމަތް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށާއި ސަރުކާރުގެ މަގާމެއް ލިބިވަޑައިގެންނެވި ކަމުގައިވިޔަސް އެކަން ގަބޫލުފުޅުކުރައްވާނެ ކަމަށެވެ. އަދި ފަހަރެއްގައި ޓީޗަރަކަށް ވެސް ވުން އެކަށީގެންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައީސް ވަހީދު ވެރިކަމުން ދުރަށް ވަޑައިގެންފަހުން މިރެ އަކީ އެމަނިކުފާނު ގައުމުން ބޭރުގައި ހުންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށްވާތީ ސަރުކާރު ކޯލިޝަނުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މިރޭ ހާއްސަ ތައްޔާރީތަކެއް ވަނީ ވާން ފަށާފައެވެ.
އަދި ރައީސް ވަހީދަށް މަރުހަބާ ދެންނެވުމަށް މިރޭ 10:00 ޖަހާއިރު ވީހާވެސް ގިނަ ރައްޔިތުން ހަތަރު ނަންބަރު ފާލަން ކައިރިއަށް އައުމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ދަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ