”ޢުމަރުގެފާނުގެ ޙަޔާތްޕުޅުން ލިބޭ އެއް ފިލާވަޅަކީ، މާޒީގައި ކުށް ކުރެވުނު ނަމަވެސް، އިސްލާޙްވުމަކީ ހުޅުވިފައި އޮތް ދޮރެއްކަން“

ޢުމަރުގެފާނުގެ ޙަޔާތްޕުޅުން ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާއަކީ މާޒީގައި ކުށްތަކަށް އަރައިގަތުމާއި، ފާފަކުރުން ގިނަ، ދީނީ ކަންކަމަށް ފަރުވާކުޑަ މީހެއްކަމުގައި ވިޔަސް، އިސްލާޙުވެ، ދީނަށާއި، އުންމަތަށް ޚިދުމަތްކުރުމަކީ ހުޅުވިފައިވާ ދޮރެއްކަން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ހަތަރު ޚަލީފާއިންގެ ހަޔާތްޕުޅަށް އަލިއަޅުވާލާފައެވެ.  
އެގޮތުން، ބުނީ، الله سُبْحَانَهُ وَتَعَالَى ކޮންމެ ނަބިއްޔަކަށްމެ އެ ބޭކަލަކަށް ތަބަޢަވާނޭ ޞަޙާބީން ލެއްވި ކަމަށެވެ. މި ގޮތުން، ނަބިއްޔާ މުޙައްމަދު ﷺ ގެ އަޞްޙާބުން ވަނީ އުންމަތް ދެކެފައިވާ ރަންމުތްތަކެއް ކަމުގައި ކަމަށާ އޭގެ ތެރެއިން ދިހަ ބޭކަލަކަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާކަމަށެވެ.
Advertisement
މިއާއެކު ޚުތުބާގައި ބުނީ، އަލްޚުލަފާއުއްރާޝިދޫންއަކީ ނަބިއްޔާ މުޙައްމަދު ﷺ ގެ ޚަލީފާކަން ކުރެއްވި ހަތަރު އަޞްޙާބުބޭކަލުން ކަމަށާ، އެއީ އަބޫބަކުރު، ޢުމަރު، ޢުޘްމާން އަދި ޢަލީ (رَضِيَ اللّٰهُ عَنْهُم) ކަމަށެވެ. އަދި މި ބޭކަލުންނަކީ ނަބިއްޔާ މުޙައްމަދު ﷺ، އެބޭކަލުންނަށް ތަބާވުމަށް އިރުޝާދުދެއްވާފައިވާ ބޭކަލުންކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެގޮތުން، ދެވަނަ ޚަލީފާ ޢުމަރު ބިން އަލްޚައްޠާބު (ރަޟިޔަالله ޢަންހު)ގެ ޙަޔާތްޕުޅުން ލިބޭ ފިލާވަޅުތަކަށް އަލިއަޅުވާލަމުން ޚުތުބާގައި ފާހަގަކުރި ގޮތުގައި، ޢުމަރުގެފާނަކީ އިސްލާމްވެވަޑައިގަތުމުގެ ކުރިން މައްކާގެ މުޝްރިކުންގެ ތެރެއިން ނަބިއްޔާ ﷺ އަށް އެންމެ ޢަދާވާތްތެރި އެއް ބޭކަލެވެ. އެހެންނަމަވެސް، الله ތަޢާލާ އެކަލޭގެފާނަށް ހިދާޔަތް ދެއްކެވުމާއެކު، އެކަލޭގެފާނު ވެވަޑައިގަތީ އިސްލާމްދީނަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި، އިސްލާމީ ދައުލަތަށް އިންޤިލާބީ ބަދަލުތަކެއް ގެންނެވި ވަރުގަދަ ލީޑަރަކަށެވެ.
عُمَرُ بْنُ الْخَطَّابُ (رَضِيَ اللّٰهُ عَنْهُ)ގެ ޙަޔާތްޕުޅުން އަހަރެމެންނަށް ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާއަކީ މާޒީގައި ކުށްތަކަށް އަރައިގަތުމާއި، ފާފަކުރުން ގިނަ، ދީނީ ކަންކަމަށް ފަރުވާކުޑަ މީހެއްކަމުގައި ވިޔަސް، އިސްލާޙުވެ، ދީނަށާއި، އުންމަތަށް ޚިދުމަތްކުރުމަކީ ހުޅުވިފައިވާ ދޮރެއްކަމެވެ. އަދި އެހައި ފަސޭހައިން މީސްތަކުންނާ މެދު އުންމީދު ކަނޑައިލައިގެން ނުވާނެކަމެވެ. ދީނާ ދުރު ވިސްނުންތައް ގެންގުޅޭ މީސްތަކުންނާ މެދު ވެސް އަހަރެމެންގެ ޒިންމާއަކީ، ހެޔޮ ގޮތުގައި ވާހަކަދައްކައި، ނަސޭހަތް ދީ، ޝަރުޢީ ދަލީލުތަކުންނާއި ބުއްދީގެ ދަލީލުތަކުން ޙުއްޖަތް ދައްކައި، ހެޔޮ މަގު ދައްކައިދީ، اللهއާ ވަކީލުކުރުމެވެ. އެހެނީ ހިދާޔަތުގެ މަގަށް ތައުފީޤު ދެއްވަނީ الله سُبْحَانَهُ تَعَالَىއެވެ. 
ޚުތުބާ
ހަމަ އެހެންމެ، ތިބާއަށް ފާފަކުރެވުމަކީ، އިސްލާޙުގެ މަގާ މެދު ތިބާ މާޔޫސްވާން ވީ ސަބަބެއް ނޫން ކަމަށާ، ކިތަންމެ ބޮޑެތި އަދި ކިތަންމެ ބައިވަރު ފާފަތަކެއް ކުރެވިފައިވީ ނަމަވެސް އިސްލާޙުވާން ބޭނުންވާ މީހަކަށް މަގު ފަހިވެފައިވާކަން މާތް الله އަންގަވައިފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. () މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللهގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، الله އީ، އެންމެހައި ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ