އައްޑު އަށް ވެފައިވާ އިހުމާލުގެ ޒިންމާ ނަގަން ޖެހެނީ ސޯބެ: ޝިޔާމް

އައްޑޫގެ ރައްޔިތުންގެ ފަރާތުން ބަސް ބުނުމުގެ އެންމެ މަތީ މަގާމު އެ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާ ހަވާލުކުރުމުން އައްޑު އަށް ވެފައި ވަނީ މުޅިން ވެސް އިހުމާލު ކަމަށާއި އޭގެ ފުރިހަމަ ޒިންމާ ސޯބެ ނަންގަވަންޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ. 
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއިގެ ބައި އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އާ ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި ނިކުންނަވާފައިވާ ސޯބެ އެވެ. 
އައްޑޫ ހިތަދޫގައި ރޭ ބޭއްވި ސައީދުގެ ކެމްޕެއިން ޖަލްސާގައި ޝިޔާމް ވަނީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސޯބެ އަށް ދޭން ނުޖެހޭ ސަބަބުތައް ހިއްސާ ކުރައްވައިފަ އެވެ. 
ފިޝަރީޒް މިނިސްޓަރުކަން ވެސް ކުރައްވާ ޝިޔާމް ފާހަގަކުރެއްވި ގޮތުގައި 2008 އިން ފެށިގެން 2011 އާ ހަމައަށް އައްޑޫ ތަމްސީލް ކުރުމުގެ ފުރުސަތު ސޯބެ އަށް ލިބިވަޑައިގަތެވެ. އެއީ ރަސްމީ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ފަހަރު ކަމަށާއި 2011 ގައި ލާމަރުކަޒީ ގާނޫނު ވުޖޫދުވެ، އައްޑޫގެ ފުރަތަމަ މޭޔަރެއްގެ ގޮތުގައި ރައްޔިތުން އިންތިހާބުކުރީ ވެސް ސޯބެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 
އޭނާ ވިދާޅުވި ގޮތުގައި މޭޔަރެއްގެ ގޮތުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމުގެ ފުރުސަތު ސޯބެއަށް ލިބިވަޑައިގަތެވެ.
"ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހިސާބަށް ދައުރު ހަމަވަންދެން ގާތްގަނޑަކަށް 11 އަހަރު ވަންދެން 10 އަހަރަށް ވުރެ ގިނަ ދުވަސް މޭޔަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި. އަދި ޖެހިގެން އައި ދައުރުގައި ވެސް ކުރިމަތިލެއްވި، އެހެން ނަމަވެސް ރައްޔިތުން ވިދާޅުވީ ހޯހޯއޭ، އަބްދުﷲ ސޯދިގަށް ފުދިއްޖެއޭ،" ޝިޔާމް ވިދާޅުވި އެވެ. 
އޭނާ ވިދާޅުވީ 2021 ގައި އެމްޑީޕީގެ ޓިކެޓުގައި މޭޔަރުގެ ގޮނޑިއަށް ސޯބެ އަލުން ނިކުންނެވި ކަމަށާއި އެކަމަކު އެ ފަހަރު އެމްޑީޕީގެ ތެރެއިން ވެސް ސޯބެ އަށް ބުނީ ނޫނެކޭ ކަމަށެވެ. 
"އެމްޑީޕީގެ އެތެރޭގެ އިންތިހާބަކުން ފުރަތަމަ ބަލިވެވަޑައިގަތީ. އެމްޑީޕީން ވެސް ބުނީ ނޫނެކޭ. ފުދިއްޖެޔޭ،" ހިތަދޫ އުތުރު ދާއިރާގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މޭޔަރުގެ ގޮނޑި ދިފާއު ނުކުރެއްވުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ސޯބެ އައްޔަން ކުރައްވާފައި ކަމަށެވެ. އެކަމަކު އެ ދާއިރާއަށް ބަލާއިރު އުމްރާނީ ގޮތުންނާއި އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ވެސް ކުރިއެރުމެއް ނެތް ކަމަށް ވިދާޅުވެ ޝިޔާމް ވަނީ ވަރަށް ބޮޑަށް ސޯބެއަށް ފާޑުވިދާޅުވެފަ އެވެ. 
"އައްޑޫ ސިޓީގެ ތާރީހުގައި ވެސް ސިޔާސީ އެންމެ ބޮޑު މަގާމުގައި އަބްދުﷲ ސޯދިގު ހުންނެވީ. އެއީ އޭރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް. މި ރަށުގެ ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް މިހުރީ ހަގީގަތުގައި ގުޅިފައި އުމްރާނީ ތަރައްގީއާ،" ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާލަން މި އުޅޭ ވާހަކައަކީ 2021 އިން ފެށިގެން އެ ސަރުކާރު ނިމެންދެން ކުޑަކުއްޖަކު ބޮޑުވެ ވޯޓުލެވޭ ހިސާބަށް ވޯޓުލެވޭ ހަޔާތެއްގެ ވާހަކަ. މިއަދު އަޅުގަނޑުމެން ޖެހޭ މި މުޅި ސިޓީއަށް ވަށާ ބަލާލަން. މި ދާއިރާގެ ކަންކަން ހުރި ގޮތް. އުމްރާނީ ތަރައްގީގެ ކަންކަން ހުރި ގޮތް، އިޖުތިމާއީ ތަރައްގީގެ ކަންކަން ހުރި ގޮތް. އިގްތިސާދީ ތަރައްގީގެ ކަންކަން ހުރި ގޮތް. ވަރަށް ބޮޑަށް އިހުމާލުވެފައި މިއޮތީ." 
އޭނާ ވިދާޅުވީ ބޮޑު މަގާމެއްގައި ހުންނަވާ އެ ސިޓީ އަށް އިހުމާލުވުމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނީ ސޯބެ ކަމަށެވެ.
"ވަރަށް ބޮޑަށް އިހުމާލުވެފައި މި ސިޓީއަށް ވަރަށް ބޮޑަށް އިހުމާލުވެފައި ވަކިން ހާއްސަކޮށް މި ދާއިރާ އަށް. މި އިހުމާލުގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހޭ ބޭފުޅަކީ އަބްދުﷲ ސޯދިގު،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ސޯބެ ނިކުންނެވީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވަން ނޫން ކަމަށާއި އެކަމަށް ނިކުންްނެވީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
ޝިޔާމް ވިދާޅުވީ އައްޑުއަކީ އެމްޑީޕީގެ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންނަށް ވޯޓުދީގެން ކުރިއަށް ދިއުމަށް ވަރަށް ފުރުސަތުތައް ދިން ސިޓީއެއް ކަމަށެވެ. އަދި އެމްޑީޕީގެ ދެ ސަރުކާރު އައީ ވެސް އައްޑޫގެ ތާއީދާ އެކު ކަމަށް ޝިޔާމް ވިދާޅުވި އެވެ. 
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި މަޖިލިސް އިންތިހާބުގެ ތެރޭގައި ކާމިޔާބުކުރީ ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާން އެވެ. އެކަމަކު އޭނާގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ. 
އެހެންވެ، އެ ގޮނޑި ޕާޓީން ދިފާއުކުރުމަށް ޕީއެންސީން ދަނީ އެ ދާއިރާގައި ޑޯ ޓު ޑޯ ކެމްޕެއިން ހަރަކާތްތައް ވެސް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ