ކުރިއަށް އޮތް ދެ މަސް ތެރޭގައި ބޭހުގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެ: ރައީސް
ކުރިއަށް އޮތް ދެ މަސް ތެރޭ ބޭހުގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބޭސް ސިޓީއަށް ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް ގިނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ޝަކުވާތައް ހުއްޓުވައި، މައްސަލަ ހައްލުކުރުމުގެ ނަމުގައި ބޭހަށް ޚާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދިއެވެ. އެކަމަކު، އެ ކުންފުނިން ބޭސް އެތެރެކުރަން ފެށިކަން އިއުލާނުކުރީ، ކުންފުނި އުފެއްދިތާ ހަ މަސް ފަހުން، މިދިޔަ މަހުގެ ތެރޭގައެވެ. އެ މައްސަލައަށް އިޝާރަތްކުރައްވައި، ދައުލަތުގެ މީޑިއާއިން ގެނެސްދިން 'ނޭޝަން ޗެޓް'ގައި ރައީސް މުއިއްޒު ވިދާޅުވީ، އެ ކުންފުނިން ބޭހުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް އެއް ފަހަރާ ކުރަމުން އަންނަ ކަމަށެވެ. ސޯސަންމަގުގައި ހިންގާ ފާމަސީތަކެއް: ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެ މަހުން ބޭހުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް -- ސަން ފޮޓޯ: އަމަން ލަތީފް އެއް ކަމަކަށް އެ މަނިކުފާނު ފާހަގަކުރެއްވީ، ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމެވެ. އޭގެއިތުރަށް، ބޭސް ކުންފުނިން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކޮށްފި ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ބޭހުގެ މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ވަރަށް ބޮޑު ބަދަލެއް އަންނާނެ އިނގޭތޯ. އެކަމަށްޓަކައި އުފެއްދި ސްޓޭޓް ފާމާ ކުންފުނިން މިހާރުވެސް ވަރަށް ގިނަ މަސައްކަތްކޮށްފި. ޖޫން ޖުލައިއާ ހަމައަށް ދާއިރު ވަރަށް ބޮޑުތަނުން ރަނގަޅުވާނެރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އެ ފަދައިން ވިދާޅުވިއިރު، އެ ވާހަކައަށް ބާރުދޭ ވާހަކަތަކެއް ހެލްތު މިނިސްޓަރު ގީލާ އަލީ މިދިޔަ މަހު ފަހުކޮޅު ވަނީ ދައްކަވާފައެވެ. އޭރު މިނިސްޓަރު ވިދާޅުވީ، ސިއްޚީ ޚިދުމަތުގައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހިފައިވާ އެއް ދާއިރާއަކީ ރައްޔިތުން ތަހައްމަލްކުރަމުންދާ ބަލިތަކަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން ކަމަށެވެ. އަދި، އުއްމީދަކީ ސަރުކާރުގެ ބޭސް ކުންފުނީގެ ގާބިލްކަން އިތުރުވެ، ރާއްޖެއަށް ބޭނުންވާ ބޭސް ބޭނުންވާ މިންވަރަށް އެތެރެކުރެވުން ކަމަށް އޭރު ގީލާ ވިދާޅުވިއެވެ. https://sun.mv/221562 އޭގެފަހުން މި މަހު ހައެއްގައި ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، ބޭސް އެތެރެކުރުމުގެ މުޅި ނިޒާމު ހަރުދަނާކުރުމަށް ޓަކައި ކުންފުނިން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސައްކަތްތަކާ ހަވާލުވާނެ ކަމަށެވެ. ނަމަވެސް، މި ނިޒާމު އެއްކޮށް ހަމައަކަށް އެޅުމަށް ހަ މަސްދުވަސް ނަގާނެކަމަށް އޭރު އޭނާ ވިދާޅުވިއެވެ. ސްޓޭޓްފާމާގެ ނަމުގައި ބޭސް ކުންފުނި އުފައްދާފައިވަނީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް ހެޔޮ އަގުގައި އެތެރެކޮށް، ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. ބޭސް ނުލިބުމުގެ ޝަކުވާއަކީ ވަރަށް ބޮޑަށް އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ބޭހެއް ނުލިބިގެން ހިނގަންޖެހޭ ޖެހުމާއި، އާސަންދަ ކަވަރުނުކުރާނަމަ ބޭހެއް ގަންނަން އެތައް ގުނައެއް އިތުރަށް ޖީބުން ޚަރަދުކުރަން ޖެހޭތީ ވެސް އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގިނައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ