އިރާނާއެކު ސުލްހައިގެ އެއްބަސްވުން އެކުލަވާލުން ނިމުމަކާއި ގާތްވެއްޖެ: ޓްރަމްޕް

އެމެރިކާ އާއި އިރާނާ ދެމެދު އެކުލަވައިލާ ސުލްހައިގެ އެއްބަސްވުމުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ހޮނިހިރު ދުވަހު ޓްރަމްޕް ބުނީ މި އެއްބަސްވުމުގެ ދަށުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވައިލުން ހިމެނޭ ކަމަށާއި، މީގެ ތަފްސީލުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. އެމެރިކާ، އިރާނު އަދި ސަރަހައްދީ އެހެން ގައުމުތައް ބައިވެރިވާ މި އެއްބަސްވުމަކީ "ސުލްހައިގެ ފަހުމުނާމާ" އެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަކޮށްފައެވެ.
ސޯޝަލް މީޑިއާގައި ޓްރަމްޕް ހާމަކުރި ގޮތުގައި، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ގަތަރު ފަދަ ގައުމުތަކުގެ ވެރިންނާ އެކު ކާމިޔާބު މަޝްވަރާތަކެއް ވަނީ ބާއްވައިފައެވެ.
މީގެ އިތުރުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ކުރި ފޯނު ކޯލު ވެސް ވަރަށް ކާމިޔާބު ކަމަށް ޓްރަމްޕް ބުންޏެވެ. އޭނާ ބާރުއަޅައި ބުނި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އިރާނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ހުރިހާ ފުރުސަތެއް ބަންދުވާނެއެވެ.
​މި މަޝްވަރާތަކާ ގުޅޭ ގޮތުން އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، ފާއިތުވި ހަފުތާގައި ދެ ގައުމުގެ ވިސްނުން އެއްގޮތްވަމުން އައި ނަމަވެސް، މުހިންމު ބައެއް ކަންކަމުގައި އަދި މުޅިން އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ.
އިރާނުން މަސައްކަތް ކުރަނީ 14 ނުކުތާގެ މައްޗަށް އެކުލެވޭ އޮނިގަނޑެއްގެ ދަށުން އެއްބަސްވުމަކަށް އައުމަށެވެ. އަދި ކުރިއަށް އޮތް 30 ނުވަތަ 60 ދުވަހުގެ ތެރޭގައި އިތުރު މަޝްވަރާތައް ބާއްވައި، ދާއިމީ އެއްބަސްވުމަކަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ބަގާއީ ވިދާޅުވިއެވެ.
​މި ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޓްރަމްޕް ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެފައެވެ. ޝަރީފް ވިދާޅުވީ ޓްރަމްޕާ އެކު ކުރި މަޝްވަރާތަކަކީ އުންމީދީ ވާހަކަތަކެއް ކަމަށާއި، މަޝްވަރާތަކުގެ ދެން އޮންނަ ބުރު ޕާކިސްތާނުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ގައި އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަމަނުޖެހުމެއް އުފެދުނެވެ. އޭގެ ރައްދުގައި އިރާނުން ވެސް ވަނީ އިސްރާއީލަށާއި ގަލްފުގެ ބައެއް ގައުމުތަކަށް ހަމަލާދީފައެވެ.
އޭޕްރީލް މަހުގެ ކުރީކޮޅު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އެމެރިކާއިން އޮތީ އިރާނުގެ ބަނދަރުތައް ބަންދުކޮށްފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނާ ގޮތުގައި، މި ބްލޮކޭޑްގެ ސަބަބުން އިރާނުގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ.
​މި އެއްބަސްވުމުގެ ވާހަކަތައް ދެކެވެމުންދާއިރު ވެސް، ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެގައުމަށް ކަމަށް އިރާނުން ދަނީ ބުނަމުންނެވެ. ނަމަވެސް އެމެރިކާ އާއި އެގައުމުގެ ބައިވެރިން އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ