އިޓަލީގެ މާފިއާ ލީޑަރު ޑެނާރޯގެ 200 މިލިއަން ޔޫރޯގެ މުދަލާއި ފައިސާ އަތުލައިގަނެފި

އިޓަލީގެ މަޝްހޫރު މާފިއާ ލީޑަރު މަޓެއޯ މެސީނާ ޑެނާރޯގެ ނެޓްވޯކާ ގުޅުންހުރި 200 މިލިއަން ޔޫރޯއަށް ވުރެ ގިނަ އަދަދެއްގެ މުދަލާއި ފައިސާ އެ ގައުމުގެ ފުލުހުން އަތުލައިގަނެފިއެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަނެފައިވާ ތަކެތީގެ ތެރޭގައި އަގުބޮޑު ވިލާތަކާއި، ކާރުތަކާއި، ގިނަ އަދަދެއްގެ ނަގުދު ފައިސާގެ އިތުރުން އެކި ކުންފުނިތައް ހިމެނެ އެވެ.
ޕަލާމޯގެ ފައިނޭންޝަލް ޕޮލިހުން ހާމަކުރި ގޮތުގައި މި މުދަލަކީ ސިސިލީގެ ކޯސާ ނޯސްޓްރާ ގްރޫޕުގެ ކުރީގެ ވެރިޔާގެ ގޮތުގައި ބެލެވޭ ޑެނާރޯއާ ގުޅުންހުރި މަސްތުވާތަކެތީގެ ވިޔަފާރިން ފާއިތުވި 40 އަހަރުގެ ތެރޭގައި ހޯދާފައިވާ ފައިސާއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، މޫނު ނިވާކޮށްގެން ތިބި ހަތިޔާރު އެޅި ފުލުހުން ވަނީ ފާރުތަކުން އަރައި، ދޮރުތައް ހަލާކުކޮށްލުމަށްފަހު  ބޮޑެތި ލަގްޒަރީ ވިލާތަކަށް ވަދެފައެވެ.
މެސީނާ ޑެނާރޯ އަކީ 30 އަހަރު ވަންދެން ފިލައިގެން އުޅުމަށްފަހު، 2023 ވަނަ އަހަރު ކެންސަރު ބައްޔަށް ފަރުވާ ހޯދަން ކްލިނިކަކަށް ދިޔަ ވަގުތު ހައްޔަރުކުރި މީހެކެވެ. އޭނާ ވަނީ ހައްޔަރުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ޖަލުގައި މަރުވެފައެވެ.
އޭނާ ފިލައިގެން އުޅުނު ދުވަސްވަރުވެސް، 1992 ވަނަ އަހަރު މާފިއާއާ ދެކޮޅަށް މަސައްކަތްކުރި ދެ ޕްރޮސިކިއުޓަރުން ބޮން ގޮއްވާލައިގެން މަރާލި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. މީގެ އިތުރުން، މާފިއާގެ މައުލޫމާތު ފުލުހުންނަށް ދިން މީހެއްގެ 12 އަހަރުގެ ފިރިހެން ދަރިފުޅު ރަހީނުކޮށް، ދެ އަހަރު ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު ކަރުގައި ހިފާ މަރާލައި، ހަށިގަނޑު އެސިޑް ތައްޓަކަށް އަޅާ ގިރުވާލި މައްސަލައިގައިވެސް އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވެ އެވެ.
އިޓަލީގެ ފުލުހުން ބުނާ ގޮތުގައި މި ފަހަރުގެ ތަހުގީގުގައި ކޯސާ ނޯސްޓްރާގެ ފައިސާ ދައުރުވާ މަގުތައް ވަނީ ހޯދާފައެވެ. މި މަގުތައް ސްޕެއިން، ސްވިޒަލޭންޑް އަދި ކޭމަން އައިލެންޑްސް ފަދަ ގައުމުތަކާ ގުޅިފައިވެއެވެ. މި އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ގަވާއިދާ ހިލާފު ފައިސާއާ ގުޅުންހުރި އަށް ކުންފުންޏެއް ވަނީ ދެނެގަނެފައެވެ. މީގެ ތެރޭގައި ރިއަލް އެސްޓޭޓް ވިޔަފާރިކުރާ ކުންފުނިތައް ވެސް ހިމެނެއެވެ.
އިޓަލީގެ ނޭޝަނަލް އެންޓި-މާފިއާ ޕްރޮސިކިއުޓަރު ޖިއޮވާނީ މެލިލޯ ވިދާޅުވި ގޮތުގައި މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
އޭނާ ވިދާޅުވީ މި އޮޕަރޭޝަނުގެ މަގްސަދަކީ ހަމައެކަނި ފައިސާ ހޯދުން ނޫން ކަމަށާއި، މިއީ މީގެ އަހަރުތަކެއް ކުރިން އޮތް ނުރައްކާތެރި ކުށްވެރި ޖަމާއަތް އަލުން އުފެދުން ހުއްޓުވުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. މިފަދަ ބޮޑެތި މުދާތައް އަތުލައިގަތުމަކީ އެ ޖަމާއަތުގެ ބާރު ކަނޑުވާލައި، ދުނިޔޭގެ ފެންވަރުގައި އެމީހުން ފަތުރަމުންދާ ނުފޫޒު ނައްތާލުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ތަހުގީގު ފެށިގެން އައީ އެންޑޯރާ އިން ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެއީ ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ އިޓަލީގެ އަންހެނަކާ ބެހޭގޮތުން ލިބުނު ރިޕޯޓެކެވެ. ފަހުން އެނގުނު ގޮތުގައި އެ އަންހެން މީހާއަކީ މެސީނާ ޑެނާރޯއާ ގާތް ގުޅުމެއް އޮންނަ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ އަންހެނުންނެވެ.
މި ބޮޑު އޮޕަރޭޝަނުގައި 150 އަށްވުރެ ގިނަ ފުލުހުން ބައިވެރިވިއެވެ. ފައިސާ ފޮރުވާފައި ހުރި ތަންތަން ހޯދުމަށް ޑްރޯންތަކާއި ތާމަލް ސްކޭނަރުތައް ބޭނުންކުރިއިރު، ޑިޖިޓަލް ވޮލެޓްތަކާއި ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތައް ޓްރޭސް ކުރުމަށް އައިޓީ މާހިރުންގެ އެހީތެރިކަންވެސް ހޯދާފައިވެއެވެ. އިޓަލީގެ މީޑިއާތަކުން މި މުދާތަކަށް "ޑެނާރޯގެ މަސްތުވާތަކެތީގެ ހަޒާނާ" ގެ ނަމުން ނަންދީފައިވީ ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިހާރު އަތުލައިގަނެވުނު މުދަލަކީ އެ ނެޓްވޯކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންވެސްޓްކޮށްފައިވާ ބޮޑު ހަޒާނާގެ ކުޑަ މިންވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ