ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ. 
ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ޝަމްއާންގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. ޝަމްއާންގެ މައްޗަށް ސާބިތުވެފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
ޝަމްއާންގެ މައްޗަށް ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު އޭގެ ތެރެއިން 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެންނެވެ. ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އަދަބަކަށް އިއްވީ އަށް އަހަރުގެ ޖަލު ހުކުމެކެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް ސާބިތުވެފައިވާތީ އިއްވީ ދެ އަހަރުގެ ހުކުމެކެވެ. 
މައްސަލައިގެ ޝަރީއަތުގެ މުއްދަތުގައި ޝަމްއާން ވަނީ ނުވަ މަހާއި 10 ދުވަސް ޖަލުގައި ހޭދަކޮށްފަ އެވެ. އެހެންވެ، އެ ބައި އަދަބުން އުނިކުރާނެ އެވެ. 
މީގެއިތުރުން ޝަމްއާން ވަނީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އަދި ބިދޭސީ މީހާގެ އަތުން ފޭރިގަތް ފަސް ލައްކަ ރުފިޔާ ތިން މަސް ތެރޭގައި އެމީހާއަށް ރައްދުކޮށްދިނުމަށް ވެސް ހުކުމްގައި އަންގާފައިވެ އެވެ. 
އަދި ޝަމްއާންގެ ގެއިން ފެނުނު ދެ ލައްކަ ރުފިޔާ އާއި 10،000 ޑޮލަރުގެ ތެރެއިން 125،00ރ. އަށްވާ ވަރަށް ދިވެހި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް އަންގާފައިވެ އެވެ. 
މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ވިދާޅުވި ގޮތުގައި ޝަމްއާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައެޅީ އޭނާގެ އަމަލުގެ ސަބަބުން އިމިގްރޭޝަންގެ އަގު ވެއްޓިފައިވާތީ އެވެ. އަދި އިމިގްރޭޝަންގެ އެންމެ މަތީ ފަރާތުގެ ގޮތުގައި ހުރެ ބިދޭސީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި އަމިއްލަ ފައިދާއަށް މަސައްކަތްކޮށްފައިވާތީ އެވެ. 
ހުކުމް އިއްވުމުގެ ކުރިން އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން އެދިފައިވަނީ ޝަމްއާންގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. އެއީ މީގެކުރިން ފެނެކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް ހުކުމް އިއްވި އުސޫލުން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން ހިންގާ ކުށްތަކަށް ބޮޑެތި އަދަބު ދިނުމަށް ނިންމާފައިވާތީ އެވެ.  
The most trusted news source in the Maldives
ފޭރުމުގައި ބައިވެރިވިކަމުގެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެވެ. ދައުލަތުން އެދުނީ އެ އަދަބު އަށް އަހަރުގެ ޖަލު ހުކުމަކަށް ބޮޑުކުރުމަށެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެވެ. ދައުލަތުން އެދުނީ އެ ދައުވާއަށް ދެ އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާށެވެ. 
މަނީ ލޯންޑްރިންގެ ދައުވާގެ އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދަށް ޖަލަށްލުމާއި ޖޫރިމަނާކުރުމެވެ. ދައުލަތުން އެދުނީ ޝަމްއާންއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. 
ޝަމްއާންގެ ފަރާތުން އެދުނީ އެންމެ ލުއި އަދަބެއް ދިނުމަށެވެ. އަދި ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާ އަދަބަށް ނުވަތަ ގޭބަންދު އަދަބަށް ކަނޑައަޅައިދިނުމަށް ވެސް އޭނާގެ ފަރާތުން އެދުނެވެ. 
ޝަމްއާންގެ މައްޗަށް އިއްވި ހުކުމްގައި ބުނި ގޮތުގައި ދައުލަތުން ހުށަހެޅި ހެކިތަކުން ބިދޭސީއެއެއްގެ އަތުން ފޭރިގަތް ކަމާއި އެ ފޭރުމުގައި ޝަމްއާން ބައިވެރިވެފައިވާ ކަން އެނގެ އެވެ. އަދި އޭނާގެ ރަސްމީ ހައިސިއްޔަތު ނުނިޔަތެއްގައި ބޭނުންކޮށްފައިވާ ކަން ސާބިތުވާ ކަމަށެވެ. 
އެ ބިދޭސީ މީހާ އަތުލައިގަނެ އަދި އޭނާ ދޫކޮށްލުމުގައި ޝަމްއާން އަމަލުކޮށްފައިވަނީ ވަކި މީހަކަށް ނާޖައިޒު ފައިދާ ލިބޭ ގޮތަށް ކަން ހުކުމްގައިވެ އެވެ. ހުކުމްގައި ބުނީ ބިދޭސީ މީހާގެ އަތުން ފޭރިގަނެގެން، ކުށްކޮށްގެން ހޯދި ފައިސާ ޝަމްއާން ބަލައިގަނެ، އޭނާގެ އަތުގައި ބަހައްޓާފައިވާ ކަމަށެވެ. 
އަދި އެއީ ކުށްކޮށްގެން ހޯދި ފައިސާކަން އެނގިހުރެ އެ ފައިސާ ޝަމްއާން ބޭނުންކޮށްފައިވާ ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ. 
ދައުލަތުން ތުހުމަތު ކުރާ ގޮތުގައި ބިދޭސީއެއް ހިފެހެއްޓިއިރު އޭނާގެ އަތުން އަތުލި 500،000ރ. ޝަމްއާން ފޭރިގަނެ އޭގެ ތެރެއިން 400،000ރ. އޭނާގެ އަތުގައި ބަހައްޓާފައިވެ އެވެ. އަދި ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމުގެ ގޮތުން ބޭންކު އޮފް މޯލްޑިވްސްގެ ލޯން އެކައުންޓަށް 149،491.46 ރުފިޔާ އާއި އެހެން ލޯނު އެކައުންޓަކަށް 110،345.59 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ޝަމްއާނަށް ކުރި ދައުވާގައި ބުނެފައިވެ އެވެ. 
ޝަމްއާންއަށް ކުރާ ދައުވާގައި ބުނަނީ ހިފެހެއްޓި ބިދޭސީންގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ