ބޮލީވުޑްގެ ދުވަސްވީ އެކްޓަރު ވިކްރަމް ގޮކާލޭ މަރުވެއްޖެ

ބޮލީވުޑްގެ ގިނަ ފިލްމުތަކުގެ ސައިޑް ރޯލްތަކުން ފެނިފައިވާ އެކްޓަރު ވިކްރަމް ގޮކާލޭ އިއްޔެގެ ވަގުތެއްގައި މަރުވެއްޖެއެވެ. އުމުރުން 77 އަހަރުގެ އެކްޓަރު މަރުވެފައިވަނީ ވަރަށް ގިނަ ދުވަސްވަންދެން ބަލިވެ އުޅުމަށްފަހު އައިސީޔޫގައި ފަރުވާދީ ހާލު ވަރަށްބޮޑަށް ދަށަށް ގޮސް ވެންޓިލޭޓަރުގައިވެސް އޮތުމަށްފަހުއެވެ. އެކްޓަރު ވިކްރަމް ދުނިޔެދޫކޮށްފައިވާކަން ކަށަވަރުކޮށްދެމުން ވިކްރަމްގެ އަންހެން ދަރިފުޅު މީޑިއާއާ ޙިއްސާކުރި ބަޔާނެއްގައި ބުނެފައިވަނީ، ބައްޕަ އިއްޔެ މެންދުރުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށާއި، މި ހިތްދަތި ވަގުތުގައި އެކްޓަރުގެ ފޭނުންނާއި ގާތް ރަޙްމަތްތެރިން އަދި ބޮލީވުޑްގެ ފަންނާނުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރިވެރިވާކަމަށެވެ. މިދިޔަ ބުދަ ދުވަހު ބައެއް މީޑިއާތަކުން އެކްޓަރު ވިކްރަމް މަރުވެއްޖެކަމަށް ބުނެ ޚަބަރުތައް ނެރުމުން އާއިލާއިންވަނީ އެކަމާ ވަރަށްބޮޑަށް ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އޭރުވެސް އެކްޓަރުގެ ހާލު ވަރަށް ދަށަށްގޮސްފައިވާކަމަށާއި އެކްޓަރަށް ފަރުވާދެމުން ދިޔައީ ލައިފް ސަޕޯޓްގެ އެހީގައިކަމަށް އާއިލާއިންވަނީ ބުނެފައެވެ. އެކްޓަރު ވިކްރަން ގޮކާލޭއަކީ ހިންދީ ސިނަމާއަށް ވަރަށް ގިނަ ދުވަހު އަގުހުރި މަސައްކަތްތަކެއްކޮށްދީފައިވާ އެކްޓަރެކެވެ. ހިންދީ ފިލްމުތަކުގެއިތުރުން މަރާޓީ ފިލްމު އަދި ޓީވީ ސީރީސްތަކުގައިވެސް ވިކްރަމްވަނީ މަސައްކަތްކޮށްފައެވެ. ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް"، "އަގްނީޕަތް"، "ބޫލް ބުލައްޔާ" އަދި "މިޝަން މަންގަލް"އަކީ ވިކްރަމްގެ ފާހަގަކޮށްލެވޭ ރީތި ފިލްމުތަކެކެވެ. ވިކްރަމްގެ މަރާއެކު ބޮލީވުޑްގެ ގިނަ ބަޔަކުވަނީ ތަޢުޒިއްޔާގެ މެސެޖްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ގިނަ އެކްޓަރުން ސިފަކޮށްފައިވާގޮތުގައި ވިކްރަމްއަކީ، ކުޅޭ ރޯލެއް ވަރަށް ފުރިހަމަކަމާއެކު ހުށަހަޅައިދޭ އެކްޓަރެކެވެ. އަދި މިއީ ހިންދީ ސިނަމާއަށް ގެއްލުނު ވަރަށް އަގުހުރި ތަރިއެއްކަމަށްވެސް ފިލްމީ ޕްރޮޑިއުސަރުންގެ އިތުރުން އެކްޓަރުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ