އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިން ޑޮލަރުން ދޭ ބައި ކަނޑަން އުޅޭ ވާހަކަ ދޮގުކޮށްފި

އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިން ޑޮލަރުން ދޭ ބައި ކަނޑާލަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ފެތުރި ހަބަރު އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ އެއްބައި ޑޮލަރުން ދޭގޮތަށް އޮތްގޮތުން އުވާލަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ، އެ ވާހަކަތައް ފަތުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ކުރަމުންދާ ބުރަ މަސައްކަތަށް ހުރަސްއަޅައި މުވައްޒަފުންގެ މެދުގައި އިތުބާރު ގެއްލުވާލުމަށްޓަކައި ކަމަށެވެ.އެ ބަޔާނުގައި ބުނިގޮތުގައި އެއްވެސް އިރެއްގައި އެފަދަ ކަމެއްގެ މަޝްވަރާއެއް ކޮށްފައެއް ނުވެ އެވެ."މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުން ރެޔާއި ދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި މި ކުންފުންޏާ މެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާ ޚިލާފު ވާހަކަތަކެކެވެ،" އެ ބަޔާނުގައި ބުންޏެވެ."މިފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި މި ކުންފުނިން ކޮށްފައި ނުވާ ކަމާއި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް މި ކުންފުނިން ނުގެންގުޅޭ ވާހަކަ ދަންނަވަމެވެ."އެމްއޭސީއެލްއިން ބުނީ މިހާރު ވެސް މުސާރަ އާއި އިނާޔަތްތައް ދެމުން އަންނަ އުސޫލާއި ހަމަތަކަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށް ދާނެ ކަމަށެވެ."މި ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމުގައި ވާހިނދު، މި ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކުންފުނީގެ މުއައްޒަފުންގެ ލާބަ އާއި މަންފާއަށްޓަކައި ކަމަށް ވެސް މި ފުރުސަތުގައި ޔަގީންކޮށް އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ