އޮސްޓްރޭލިއަން އަލުމްނައި އަދި އައިޔޫއެމް ގުޅިގެން ތިންވަނަ އިލްމީ ފޯރަމް ބާއްވައިފި

އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމުގެ ދަށުން، ނުވަތަ އެހެނިހެން ގޮތަކުން އެ ގައުމުގައި މަތީ ތައުލީމު ހާސިލްކުރި ދިވެހި ދަރިވަރުންގެ ޖަމިއްޔާ "މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި" އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގުޅިގެން ތިންވަނަ އިލްމީ ފޯރަމް މިއަދު ބާއްވައިފިއެވެ. މި ފޯރަމް ކުރިއަށް ގެންދިޔައީ "އިލްމީ ހޮޅުއަށި"ގެ ނަމުގައެވެ. މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި އިން ބުނީ، ދިވެހިރާއްޖޭގެ އޮސްޓްރޭލިއާ އެވޯޑްސް މެދުވެރިކޮށް، އެ ގައުމުގެ ސަރުކާރުގެ އެހީ އާ އެކު ބޭއްވި މި ފޯރަމްގައި ޖުމްލަ 74 ފަރާތަކުން ބައިވެރިވި ކަމަށެވެ. އެގޮތުން މި ފޯރަމްގައި 21 ފަރާތަކުން އެ ފަރާތްތަކުގެ ތަޖުރިބާ އާއި އަމަލީ ހޯދުންތަކާއި އިލްމީ ދިރާސާތައް ހުށަހަޅާފައިވާ ކަމަށް، އެ ޖަމިއްޔާއިން ބުންޏެވެ. މި ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ އައިޔޫއެމް ހޯލްގައި، އޮންލައިންކޮށް އަދި ފޭސްބުކް ލައިވް މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު ވެސް ހުޅުވާލައިގެންނެވެ. މޯލްޑިވްސް އޮސްޓްރޭލިއާ އެލަމްނައި އިން އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން ބޭއްވި އިލްމީ ފޯރަމްގެ ތެރެއިން --- ފޮޓޯ: އަލީ ނިޝާން މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައިއިން އިތުރަށް ބުނީ، މި ފޯރަމަށް ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު 27 ބައިވެރިންނާ އެކު އޮންލައިން ރިސާޗް އެންޑް ގްރާންޓް ޕްރޮޕޯސަލް ލިއުމުގެ ވެބިނާއެއް ވެސް ބާއްވާފައިވާ ކަމަށެވެ. އިލްމީ ހޮޅުއަށި ހުޅުވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕެވެ. ހަފުލާ ޝަރަފުވެރިކޮށްދެއްވައި ހައި ކޮމިޝަނަރު ދެއްކެވި ވާހަކައިގައި ވަނީ، މަތީ ތައުލީމަށް ދިވެހީންނަށް އޮސްޓްރޭލިއާގެ ސަރުކާރުން ދޭ ފުރުސަތުތައް އިތުރުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. މީގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުގެ ސްކޯލާޝިޕް ތިން ފަހަރު މަތިން ހާސިލްކުރައްވައި އެ ގައުމުގައި މަތީ ތައުލީމް ހާސިލްކުރެއްވި ޑރ. އާމިނަތު ރިޔާޒް އިލްމީ ފޯރަމްގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި ދިރާސާތަކަށް ބިނާކޮށް ސިޔާސަތުތައް އެކުލަވާލުމަށް ހޭދަކޮށް އިސްކަން ދޭން ޖެހޭ ކަމާއި، މަގުސަދުހުރި އިލްމުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. މި ފޯރަމްގައި ހުށަހެޅި ޕްރެޒެންޓޭޝަންތަކުގައި ދިވެހި މުޖުތަމައުގައި ހުރި ބައެއް މައްސަލަތަކަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ: އިންކްލޫސިވް އެޑިއުކޭޝަނާއި ދަރިވަރުންނާ ގުޅުންހުރި ދިރާސާތައް ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބަދަލުގައި ބައޯޕްލާސްޓިކް އުފައްދައި އީޖާދުކުރުން ކެންސަރު ބަލިމީހުންގެ ތެރޭގައި ނަފުސާނީ ސިއްހަތަށް ދިމާވާ ގޮންޖެހުންތަކާއި ވިހެއުމުގައި ހުރި ތަފާތުތައް ކޮމިއުނިޓީ ޕޮލިސިން އާއި މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންގެ ތަޖުރިބާ އިންކްލޫސިވް މީޑިއާ ފްރޭމްވޯކްތައް ރާއްޖޭގައި ޕެރަލިމްޕިކް ކުޅިވަރު ކުރިއަރަމުން އައިސްފައިވާ ގޮތް އައްޑޫގައި އަލަށް ހިއްކާފައިވާ ބިމުގެ ލޭންޑް ޔޫޒް ޕްލޭނިން ނޫސްވެރިކަމާއި ޑިޖިޓަލް މީޑިއާ ރައްކާތެރިކުރުމަށް ސިވިކް ޓެކް އިނޮވޭޝަން އެއަށް ފަހު، "ފްރޮމް ގްލޯބަލް އެކްސްޕީރިއަންސް ޓު ލޯކަލް އިމްޕެކްޓް: އެލުމްނައި ޝޭޕިން ދަ މޯލްޑިވްސް"ގެ ނަމުގައި ބޭއްވި ފީޗާ ޕެނަލް ޑިސްކަޝަނެއްގައި އެކި ގައުމުތަކުގައި ކިޔެވި ކުރީގެ ދަރިވަރުން އެއްތަނަކަށް އެއްވެ، ބޭރު ގައުމުތަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ތަޖުރިބާ ހިއްސާކުރުމާ އެކު، ރަނގަޅު ގޮތުގައި އެ އިލްމުގެ ބޭނުން ރާއްޖޭގައި ހިފާނެ ގޮތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ