މުސާރައިގެ ބަދަލާއެކު ޓީއެމްއޭ ޕައިލެޓުން ދަތުރުތައް ހުއްޓާލަފާނެތީ މަޓާޓޯއިން ކަންބޮޑުވުން ފާޅުކޮށްފި
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޕައިލެޓުންގެ މުސާރަ ދޫކުރުމުގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން މިމަހުގެ 26ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރުން މެދުކަނޑާލަން އުޅޭ ކަމަށް ބުނާ މައްސަލައިގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޓީއެމްއޭގެ ޕައިލެޓުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ކުރިން ޑޮލަރުން ދެމުން އައި މުސާރައިގެ ބައެއް ދެން ދޭނީ ދިވެހި ރުފިޔާއިންނެވެ. އެގޮތުން މުސާރައިގެ 20 އިންސައްތަ ދިވެހި ރުފިޔާއިން ދޭން ވަނީ ނިންމައިފައެވެ. މިކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް އަންނަ ހޮނިހިރު ދުވަހު ޓީއެމްއޭގެ ޕައިލެޓުން ސީޕްލޭންގެ ދަތުރުތައް މެދުކަނޑައިލަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި މަޓާޓޯއިން ބުނީ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ލޮޖިސްޓިކްސްގައި ޓީއެމްއޭގެ ދައުރު މުހިންމު ކަމަށެވެ. އަދި ދަތުރުތައް ހުއްޓާލައިފިނަމަ ރާއްޖޭގެ އިގްތިސޯދުގެ ބިންގާ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ފުޅާ ދާއިރާއެއްގައި އަސަރުކުރާނެ ކަމަށް މަޓާޓޯއިން ބުންޏެވެ. ޓީއެމްއޭގެ ސީޕްލޭނެއް: މުސާރައަށް ގެނައި ބަދަލާއެކު ޓީއެމްއޭ ޕައިލެޓުން ދަތުރުތައް ހުއްޓާލާނެތީ މަޓާޓޯއިން ކަންބޮޑުވުން ފާޅުކޮށްފި -- ފޮޓޯ/ ފްލައިޓް ރާޑާ ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓުތަކާ ދެމެދު ދަތުރުކުރާ މައި އެއް ތަނބުކަން ފާހަގަކޮށް މަޓާޓޯއިން ބުނީ އެ ކަނެކްޓިވިޓީ ހުއްޓިއްޖެނަމަ ދަތުރުވެރިން ތާށިވެ، ލޮޖިސްޓިކް މައްސަލަތައް އުފެދި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެސްޓުންނަށް ލިބެންޖެހޭ ފުރިހަމަ ޚިދުމަތް ނުލިބިދާނެ ކަމަށެވެ. މިއީ ހަމައެކަނި އެތެރޭގެ މަސައްކަތްތެރިންގެ ހަމަނުޖެހުމެއް ނޫން. އެއީ ގައުމީ ފަތުރުވެރިކަމުގެ ނިޒާމަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއް. ރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ މޮޑެލް ބަރޯސާވެފައި އޮންނަނީ ފަސޭހަކަމާއެކު ރާއްޖެ އައުމާއި ފުރުމުގެ މައްޗަށް،މަޓާޓޯ އެ ނިޒާމަށް ބުރޫ އަރައިފިނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ އިތުބާރު ކުރެވޭ އަދި ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި އޮތް ރާއްޖޭގެ އަގު ވެއްޓިދާނެ ކަމަށް މަޓާޓޯއިން ބުންޏެވެ. އޭރުން ރިސޯޓްތަކާއި ޓްރެވަލް އެޖެންސީތަކާއި އެއާލައިންތަކަށް ކުރިމަތިލާން ޖެހޭނީ ކަސްޓަމަރުން ރީބުކް ކުރުމާއި ބަދަލު ދިނުން ފަދަ ކަންކަމާ ކަމަށް އެ އެޖެންސީން ބުންޏެވެ. މަޓާޓޯއިން ބުނީ ޕައިލެޓުންގެ ކަންބޮޑުވުންތައް ފާޅުކުރުމުގެ ހައްގު އޮންނަކަން ވެސް ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ޓީއެމްއޭގެ މެނޭޖްމަންޓާއި، ޕައިލެޓުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަގުތުން މަޝްވަރާތަކުގައި ބައިވެރިވެ، އޮޕަރޭޝަނަލް ހުރަހެއް ކުރިމަތިވިޔަ ނުދިނުމަށް ހައްލެއް ހޯދުމަށް އެ އެޖެންސީން ވަނީ ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ