މޮންޓަރޭގެ ޗެޕްޓަރަށް ފަހު ރާމޯސްގެ މިސްރާބު އެނބުރި ޔޫރަޕަށް މޮންޓަރޭގެ ޗެޕްޓަރަށް ފަހު ރާމޯސްގެ މިސްރާބު އެނބުރި ޔޫރަޕަށް

މެކްސިކޯ ސިޓީ (ޑިސެމްބަރު 2) - މެކްސިކޯގެ ކްލަބް މޮންޓަރޭއާ އެކު، ސްޕެއިނުގެ ލެޖެންޑަރީ ޑިފެންޑަރު، ސާޖިއޯ ރާމޯސް ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން، ރިޓަޔާކުރުމުގެ ބަދަލުގައި ޔޫރަޕްގެ ކްލަބަަކަށް ބަދަލުވުމަށް ތައްޔާރީތައް ފަށައިފި އެވެ.
އުމުރުން 39 އަހަރުގެ ރާމޯސް، މޮންޓަރޭއާ އެކު ހަދާފައިވާ އެއްބަސްވުން އޮތީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އެ ކްލަބާ އެކު ކޮންޓްރެކްޓް އާ ކުރަން ރާމޯސް ބޭނުމެއްނުވާކަން އެ ޓީމަށް ވަނީ އަންގައިފަ އެެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރާމޯސް ނިންމާފައިވަނީ އަލުން ޔޫރަޕްގެ ކްލަބަކަށް ކުޅެމުންނެވެ. އަދި، އޭނާގެ އޭޖެންޓް ވާހަކަ ދައްކަމުން އަންނަ އެއް ކްލަބަކީ އިޓަލީގެ އޭސީ މިލާން އެވެ. އަދި، އިޓާލިއަން ލީގަށް ވާދަކުރާ މިލާނާ އެކު، ހަ މަހުގެ ކޮންޓްރެކްޓެއް ހަދައި، އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުޅޭ ވޯލްޑް ކަޕަށް ދާ ސްޕެއިން ޓީމުގެ ސްކޮޑަށް އެރުމަކީ ރާމޯސްގެ ޓާގެޓެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ އެންމެ ފުރިހަަމަ އެއް ޑިފެންޑަރު، ރާމޯސް، ސީނިއާ ކުލަބު ކެރިއަރު ފެށީ ސެވިއްޔާ އިންނެވެ. އެ ކުލަބުގެ ސީނިއާ ޓީމަށް ދެ އަހަރު ކުޅުމަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ 2005 ވަނަ އަހަރު އެވެ. ރެއާލްގައި 16 އަހަރު ކުޅުމަށް ފަހު އޭނާ އެކުލަބު ދޫށްލީ 2021 ގަ އެވެ. އެ ފަހަރު، ހިލޭ ޓްރާންސްފާއެއްގައި ބަދަލުވީ، ފްރާންސްގެ ޕީއެސްޖީ އަށެވެ. ޕީއެސްޖީ ދޫކޮށްލައި، ފަހުން ސެވިއްޔާ އަށް ކުޅުމަށް ފަހު، މިދިޔަ ސީޒަން ނިމުމުން ހުރީ ޓީމަކާ ނުގުޅި އެވެ.
އެކަމަކު، ކުރިން މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކަށް ކުޅުނު މާޓިން ޑެމިކޭލިސް ކޯޗުކޮށްދޭ މޮންޓެރޭގެ އޮފާ މި އަހަރު ކުރީކޮޅުގައި ލިބުމުން ރާމޯސް ވަނީ ގަބޫލުކޮށްފަ އެވެ. އަދި އެ ޓީމުގައި 93 ނަމްބަރު ޖޯޒީ ބޭނުންކުރި، ރާމޯސް ވަނީ ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް އެ ޓީމާ އެކު ކުޅެފަ އެވެ. އެ ޖޯޒީ ނަމްބަރަކީ ރެއާލަށް ކުޅެމުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ރާމޯސް ލަނޑު ޖެހި މިނިޓް ރަމްޒު ކޮށްދޭ ނަމްބަރެވެ.
ރެއާލަށް އަލުން ދިއުމަށް ތަކުރާރުކޮށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ރެއާލުގެ އޮފާއެއް އޭނާ އަށް ނުދޭން އެ ކްލަބްގެ މެނޭޖްމަންޓުން ކުރިން އޮތީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ