ކައުންސިލަރުންގެ ބެލެނިވެރި ފަރާތް އަދި ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ ލޯކަލް ގަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބޭނުންވެއްޖެ ހިނދެއްގައި، ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އިއްޔެ ހަދައިފި އެވެ.
ވީ ކިހިނެއް؟ - ލޯކަލް ގަވަރުމަންޓް މިނިސްޓަރީގެ ދަށުން ހިންގާ އެލްޖީއޭއަށް އެ ބާރު މި ލިބުނީ، ލާމަރުކަޒީ ގާނޫނު އިސްލާހު ކުުރުމަށް މިދިޔަ ހަފްތާގައި މަޖިލީހުން ފާސް ކުރި ބިލު ރައީސް މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. އެގޮތުން:
އެ އިސްލާހުން ގެނައި ބަދަލުތަކަށް އިއްޔެއިން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައި
ކައުންސިލަރުންގެ އަދަދު މަދު ކުރުމަށްޓަކައި ލާމަރުޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރު، އެލްޖީއޭއަށް ކައުންސިލަރުން ވަގުތުން ސަސްޕެންޑް ކުރުމަށް ހިމަނާފައެއް ނުވޭ
ނަމަވެސް އެ ބިލު ދިރާސާ ކުރި މަޖިލީހުގެ ވަގުތީ ކޮމިޓީން ވަނީ އެލްޖީއޭއަށް އެ ބާރު ދޭ ގޮތަށް ބިލު އިސްލާހުކޮށްފައި
ތަފްސީލު - ލާމަރުކަޒީ ގާނޫނުގެ 62 ވަނަ މާއްދާގައިވާ ގޮތުން އެލްޖީއޭއިން ކައުންސިލަރެއް ސަސްޕެންޑް ކުރާ ނަމަ، ވަކި ހާއްސަ ކަންކަމެއް ފުރިހަމަކުރަންޖެހެ އެވެ. އެގޮތުން ގާނޫނުގައި ބުނަނީ:
އެއްވެސް ކައުންސިލަރެއް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ މަސްއޫލިއްޔަތުތައް އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރެވޭ ނަމަ، އިހުމާލުވާ ނަމަ، ނުވަތަ ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ނަމަ ނުވަތަ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާ ނަމަ، 62 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެފަދަ ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭއަށް ލިބިގެންވޭ
އެގޮތަށް ފިޔަވަޅެއް އެޅޭނީ، ލޯކަލް ގަވަމަންޓް މިނިސްޓަރުގެ ހުއްދައަކާ އެކު ހިންގާ ތަހުގީގަކަށް ފަހު؛ އަދި ތަހުގީގުން ފާހަގަވި ކަންކަން ރަނގަޅު ކުރުމަށް އަންގަންޖެހޭ
ސަސްޕެންޑްކުރުމުގެ ފިޔަވަޅު އެޅޭނީ އެގޮތަށް ރަނގަޅު ކުރުމަށް އެންގުމުން ވެސް އިސްލާހު ނުކުރާ ނަމަ
މިގޮތަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އޮންނަނީ ތިން މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އެކަމުގައި ޝާމިލުވި ކައުންސިލަރު މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުން
މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ބިލަށް ގެނައި ބަދަލަކީ، އެގޮތަށް ނަސޭހަތް ދިނުމެއް ނެތި، ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު އެލްޖީއޭއަށް ދިނުމަށެވެ.
އެގޮތުން، ގާނޫނުގެ 62 ވަނަ މާއްދާގެ (ނ)ގެ ފަހަތަށް އިތުރު ކުރި މާއްދާގައި ބުނަނީ:
އެލްޖީއޭއަށް ފާހަގަކުރެވުނު ކަމަކީ އެކަމުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، އެ ކަންކަމުގައި ޝާމިލުވި ކައުންސިލަރާ މެދު ނުވަތަ ރައީސްއާ މެދު ނުވަތަ މޭޔަރާ މެދު ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް އެ އޮތޯރިޓީއަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ފެނިއްޖެ ނަމަ، އިންކުއަރީ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ ކައުންސިލަރާ މެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭއަށް ލިބިގެންވާ ކަމަށް
އެ އިސްލާހު ގެންނަ ސަބަބެއްގެ ގޮތުގައި ކޮމިޓީ ރިޕޯޓުގައި އޮތީ، ގާނޫނު މިހާރު އޮންނަ ކައުންސިލަރުން ކޮންމެ ކުށެއް ކުރިކަމުގައިވީ ނަމަވެސް، ފުރަތަމަ މަރުހަލާގައި ހަމައެކަނި ނަސޭހަތް ދޭން ޖެހޭތީ އެވެ. އަދި އިތުރު ފިޔަވަޅެއް އެޅެނީ އެކަމެއް ތަކުރާރު ނުކުރާ ހާލަތުގައި ކަމުގައިވާތީ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މި ބިލުގައި އެލްޖީއޭއަށް މި ނޫނަސް އެހެން ބައެއް ބާރުތަކެއް ދިނުމަށް ވެސް ހިމަނާފައިވެ އެވެ. އޭގެ އިތުރުން، އަތޮޅު ކައުންސިލް އުވާލަން ގާނޫނުއަސާސީ އިސްލާހުކޮށްފައިވާތީވެ، މި ގާނޫނުގައި އަތޮޅު ކައުންސިލްއާ ގުޅޭ އެންމެހާ މާއްދާތައް ބާތިލު ކުރުމަށް ވެސް އޮތީ ހިމަނާފަ އެވެ.
އެލްޖީއޭއަށް ވަގުތުން ކައުންސިލަރުން ސަސްޕެންޑްކުރުމުގެ ބާރު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ