ޖަލްސާއަށް ގިނަ މަގުތަކެއް ބަންދުކުރުމުން 5 ރޫޓެއްގެ ބަހުގެ ޚިދުމަތް މެދުކަނޑާލައިފި
ސަރުކާރު ހިންގާ ޕީއެންސީއިން މިރޭ ބާއްވާ ޖަލްސާއަށްޓަކައި ހެންވޭރުގެ ބޮޑު ސަރަހައްދެއް އިރުއޮއްސުމަށް ފަހު ބަންދު ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރި އިއުލާނެއްގައި ބުނީ މިރޭ 18:00އިން ފެށިގެން މިރޭ 00:30ގެ ނިޔަލަށް އާޓިފިޝަލް ބީޗު ސަރަހައްދު ބަންދުކުރުމާ ގުޅިގެން އެ ކުންފުނިން ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ ފަސް ރޫޓަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. އެއީ: ރޫޓް 2 ރޫޓް 8 ރޫޓް 10 ރޫޓް 11 ރޫޓް 12 އެމްޓީސީސީން ބުނީ މި ފަސް ރޫޓުގެ ބަހުގެ ޚިދުމަތްތައް މިރޭ 00:30ގެ ނިޔަލަށް މެދުކަނޑާލާފައިވާ ކަމަށާއި، އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން 1650ކަށް ގުޅުމަށެވެ. https://x.com/MTCCPlc/status/1989327038335873377 ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ މިރޭގެ ޖަލްސާ ޕީއެންސީއިން ބާއްވަނީ އަތޮޅުތެރޭގެ ގިނަ ރަށްރަށުން އެތައް ބަޔަކު ގެނެސް ގެންނެވެ. އިއްޔެ އާއި މިއަދު ވެސް އެ ޖަލްސާއަށް އެތައް ބަޔަކު ވަނީ މާލެ އައިސްފައެވެ. މީގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް މިރޭގެ ޖަލްސާގައި ބައިވެރިވުމަށް އަންގާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ފުލުހުން މިއަދު އިއުލާން ކުރިގޮތުގައި މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތަކާ ގުޅިގެން މިއަދުގެ 18:00 އިން ފެށިގެން އެ ހަރަކާތް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެއެވެ. https://sun.mv/213898 އެގޮތުން އެ ވަގުތުން ފެށިގެން ބޮޑުތަކުރުފާނުމަގު, ކާނިވާ ސަރަހައްދުން ފެށިގެން ކުރީގެ ޗީބޯ ރެސްޓޯރެންޓާ ހަމައަށާއި މަޖީދީމަގުގެ ވަކި ސަރަހައްދެއް އެއްކޮށް ބަންދު ކުރުމަށް ވަނީ ނިންމައިފައެވެ. މީގެ އިތުރުން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތިން ފެށިގެން ހެންވޭރުގެ ބޮޑު ސަރަހައްދަކަށް ހަތަރު ފުރޮޅުލީ އުޅަނދު ނުވަދެވޭ ގޮތަށް ބަންދު ކުރުމަށް ވެސް ވަނީ ނިންމައިފައެވެ. ސަރުކާރަށް ތާއީދު އޮތް މިންވަރު ދެއްކުމަށްޓަކައި މިރޭ ޕީއެންސީން ބޮޑު އެއްވުމެއް ބާއްވާއިރު މިދިޔަ މަހު އިދިކޮޅު އެމްޑީޕީން ވެސް ވަނީ އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމެއް ސަރުކާރާ ދެކޮޅަށް ބާއްވައިފައެވެ. އަދި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅުވައި މިމަހުގެ 17 ވަނަ ދުވަހު ވެސް އެއްވުމެއް ބާއްވާނެކަން އެމްޑީޕީން ކުރިން އިއުލާން ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެ އެއްވުން ފަސްކުރިކަން އިއުލާން ކޮށްފައެވެ. ޕީއެންސީން މިރޭ ބޮޑު ޖަލްސާއެއް ބާއްވާއިރު އެ ޕާޓީއާ އެންމެ ވާދަވެރި, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީއެންއެފްއިން ވެސް މިރޭ ކުއްލި ޖަލްސާއެއް ބާއްވާނެކަން މިއަދު ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް ފަހުން ވަނީ އެ ޖަލްސާ އާދިއްތަ ދުވަހަށް ފަސްކުރިކަން އިއުލާން ކޮށްފައެވެ. ޔާމީންގެ ޕާޓީން ރޭ ވެސް ވަނީ ޖަލްސާއެއް ބާއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ