ޝްރައްދާގެ ފިލްމުގެ ޚާއްސަ ރޯލެއް ރަންދީޕަށް
ބޮލީވުޑްގެ ބަތަލާ ޝްރައްދާ ކަޕޫރު އަލަށް ސޮއިކުރި ބައޮގްރަފިކަލް ޕިރިއަޑް ފިލްމު "އީތާ"ގެ ވަރަށް މުހިއްމު ރޯލަކަށް އެކްޓަރު ރަންދީޕް ހޫޑާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޝޫޓިންގް ފެށިފައިވާ މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްއަށް ލަކްޝްމަން އުތޭކަރު ޑައިރެކްޓްކޮށްދޭ ފިލްމެކެވެ. ފިލްމު "އީތާ" އަކީ އިންޑިއާގެ ކުރީގެ ކްލެސިކަލް ނެށުންތެރިޔާ ވިތަބާއީ ނަރަޔަންގާއޯންކަރްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޗާވާ"އަށްފަހު ލަކްޝްމަން އުތޭކަރުގެ މި ފިލްމަކީ ވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭނެ ވަރަށް ވަރުގަދަ ބްލޮކްބާސްޓަ ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން "އީތާ"ގައި ރަންދީޕް ފެންނާނީ ޝްރައްދާ ކުޅޭ ކެރެކްޓާގެ ލޯބިވެރިޔާގެ ރޯލްއިންނެވެ. މީގެކުރިން އެކީގައި މަސައްކަތްކޮށްފައިނުވާ މި ދެ ތަރިންގެ ކެމިސްޓްރީއަކީ އޯޑިއަންސަށް 'ބޮޑު ސަޕްރައިޒް'އަކަށް ވާނެ ކަމަށާއި ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ބޮޑަށް ގުޅޭނެ ކަމުގެ ޔަގީންކަން ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ޓީމަށް އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ. ރަންދީޕް އެކްޓަރު ސަނީ ޑިއޯލް--ފޮޓޯ/ހިންދުންސްތާންޓައިމްސް މިހާތަނަށް ވަރަށް ގިނަ ފިލްމުތަކުގެ ސަޕޯޓިންގް ރޯލްތަކުން ފެނިފައިވާ ރަންދީޕްގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭ "ސަރްބްޖީތު"، "ދޯ ލަފްޒޯން ކީ ކަހާނީ"، "ހައިވޭ" އަދި އެންމެފަހުން ރިލީޒްވި ސަނީ ޑިއޯލްގެ އެކްޝަން ތުރިލާ "ޖާޓް" ހިމެނެއެވެ. ސަނީގެ ފިލްމުގައި ރަންދީޕް ފެނިފައި ވަނީ ވަރަށް ނުރައްކާތެރި ވިލެންއެއްގެ ރޯލްއިންނެވެ. ފިލްމު "އީތާ"ގެ ޝޫޓިންގް ފެށިގެން ކުރިއަށްދިޔަ ނަމަވެސް އެ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް މެޑޮކްއިން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ