ޢިބްރަތްތެރި ވާހަކަ: ފަހަރިދެކެ ލޯބިވާވަރުން ޖަހައިގަންނަން ހެއްދުވި ސިޙުރު އޭނާއަށްވެސް ޖެހުމުން ބާޠިލްކުރަން ކުރަންޖެހުނު ޚަރަދު ބޮޑުކަމުން ދަރަނިވެރިވާންޖެހުނު މީހެއްގެ ވާހަކަ-

ކައިވެނިކުރުމަށްފަހު ކިިރިޔާވެސް ގޮތެއް އޮތްނަމަ ދެމަފިރިން އެކަނި ދިރިއުޅެންޖެހިފައިވާ ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ދެމަފިރިން އެކުގައި އުޅޭތަން ފެނުމުން ޙަސަދަވެރިވާ މީހުން ޢާއިލާގައިވެސް ގިނަވާކަމެވެ. އެސްފީނާ އާއި ޙަސަދަލާކަމެވެ. އަދި ނުލަފާ މީހުން ސިޙުރުވެސް ހައްދުވާކަމެވެ. 
އީމާންތެރިކަން ކުޑަވުމުން ހިނގާނެ ހުރިހާ ކަމެއް މިދަނީ ހިނގަމުންނެވެ. ހަސަދަލުމާއި އެސްފީނާލުމަކީ އީމާންތެރިކަން ހުންނަ މީހަކު ކުރާނެ ކަމެއް ނޫނެވެ. ޢަމުދުން ދެމަފިރިންގެ މެދަށް ވަދެގަންނަން ސިޙުރު ހެއްދުވުމަކީ މުސްލިމަކު ކުރާނެ ކަމެއް ނޫނެވެ. އެކަން ކުރާނީ ދީނުން ބޭރުވެހުރެގެންނެވެ. ހިތާމައަކީ އެވަރުންވެސް ސިޙުރުހައްދުވާ ކަމެވެ. 
އަޅުގަނޑުގެ އުމުރުން 24 އަރުގަ، ކައިވެންޏަށް 2 އަހަރުގަ ވަރަށް ބޮޑު ކަމެއް ކުރިމަތިވިއެވެ. އެއީ ބަނޑުކޮޅުން ދިލަ ނެގުމެވެ. ފެންވަރައި ހެދުން ބަދަލުކުރާ ކޮންމެ ފަހަރަކު ދިލަގަދަވެއެވެ. ބައެއް ފަހަރު ދިލަގަނދަވެގެން ހޭނެތޭ ހިސާބަށް ވެސް ކަންކަން ދެއެވެ. 
ޑޮކްޓަރަށް ދައްކައިގެން ޓެސްޓްތައް ހެދުނުވަރެއްވެސް ނޭނގެއެވެ. ކޮންމެ ފަހަރަކުވެސް ބުނަނީ އެއްވެސް މައްސަލައެއް ފާހަގަނުކުރެވޭ ކަމަށެވެ. ދިލަނަގާނަމަ ކެލަމިން ލޯޝަން ފަދަ ހަށިގަނޑަށް ފިނިކޮށްދޭ ލޯޝަން ފަދަ އެއްޗެއް ބޭނުންކުރުމަށެވެ. ދޭނެ ވަކި ބޭހެއް ނެތްކަމަށެވެ. 
މިޙާލެއްގައި އަޅުގަނޑު އުޅޭތާ އަހަރަކަށްވުރެވެސް ގިނަދުވަސްވީފަހުން އެއް ރޭ އަޅުގަނޑު ސިޓިންގ ރޫމްގައި އެކަނި އިންދާ ޅިޔަނަކު އައިސް ގާތުގައި އިށީނދެފައި ބުންޏެވެ. "ފަހަރިއެވެ! އަހަރެންނަށް ވަރަށް ބޮޑަށް މާފުކުރާށެވެ! ފަހަރިގެ ގައިން ދިލަނަގާތީ އުޅެން ތިއަ ޖެހުނީ އަހަރެންގެ ސަބަބުންނެވެ. އަހަރެންނަށް ފަހަރި ދެކެ މާބޮޑަށް ލޯބިވެވުނީއެވެ. ވަރިކުރުވައިގެން ކައިވެނިކުރަން ބޭނުންވީއެވެ. އެއީ އެކަމަށް އެދިގެން މީހަކު ލައްވައި ހެދި ސިހުރަކުންވީކަމެކެވެ. މިހާރު އެކަން ބާޠިލުކުރުވައިފީމެވެ. މިކަން ސިއްރުކޮށްދިނުން ވަރަށް ބޮޑަށް އެދެމެވެ. ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނަމެވެ." 
ދޭނެ ޖަވާބެއްވެސް ނޭނގިގެން ވިސްނަން އިނދެފައި ސުވާލުކުރީމެވެ. "މިހާރު އަހަރެން ދެކެ ލޯބި ނުވަނީހެއްޔެވެ؟" ޖަވާބުގައި ކިޔައިދިނެވެ.   
"ނޫނެކެވެ. ވަރަށް ބޮޑަށް ލޯބިވެއެވެ. ނަމަވެސް އަހަރެންގެ ހިތްބިރުގަންނަން ފެށީއެވެ. ބައެއް ފަހަރު ތުރުތުރުވެސް އަޅަނީއެވެ. އެކަމާއިހުރެ މިހާރު އޮފީހުގައި މަސައްކަތްވެސް ނުކުރެވެއެވެ. ބައެއް ފަހަރު ލޯމައްޗަށް އަނދިރިވަނީއެވެ. ދިރިއުޅެން އުނދަގޫވާވަރުމުން ޙައްލެއް ފެނޭތޯ އެ ސިހުރުހަދައިދިން މީހާއާއި މަޝްވަރާކުރީމެވެ. އޭނާ ބުނީ ޙައްލަކީ ފަހަރިއަށް ހެދި ސިހުރު ބާޠިލުކުރުން ކަމަށެވެ. އެކަމަށް ވަރަށްބޮޑު އަގެއްވެސް ދައްކަން ޖެހުނެވެ. އެކަމާއިހުރެ ވަރަށް ބޮޑުއަދަދަކުން ދަރަނިވެރިވެސް ވެއްޖެއެވެ." 
އަހަރެން އޭނާއަކަށް އެއްވެސް ޖަވާބެއް ނުދެމެވެ. ނަމަވެސް ފިރިމީހާއަށް އާދޭސްކޮށްގެން އަހަރެމެންގެ ޢާއިލީގެއަށް ދިރިއުޅުން ބަދަލުކުރީމެވެ. އަދި އެއިގެ ފަހުން ދުވަހަކުވެސް އެގެއަށްވެސް ނުވަންނަމެވެ. 
އޭނާ އެބުނީ ތެދެއް ނަމަވެސް ދޮގެއް ނަމަވެސް އެއިގެފަހުން ދިލަނެގުން ހުއްޓުނެވެ. އެކަން ޔަޤީންކުރެވުމުން އެއީ ކުށަކަށްވީނަމަވެސް ފިރިމީހާއަށް އެވާހަކަ ކިޔައިދިނީމެވެ. އެއީ ފިރިމީހާގެގެއިން ނުކުންނަން ޖެހުނު ސަބަބާއި އެގެއަށް ނުވަންނަން ނިންމި ސަބަބު ފިރިމީހާއަށް ބުނެދިނުމަށްޓަކައެވެ. 
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑަށް ވެވުނު އިހްމާލުގެ ވާހަކައެވެ. އެއީ އެވަރުވެގެންދިއައިރުވެސް ރުޤްޔާ ކުރުމާއިމެދު ވިސްނައިނުލެވުނުކަމެވެ. ބުނެލަން ބޭނުންވަނީ ގޮތް ނޭނގޭ ކަމެއް ކުރިމަތިވެއްޖެނަމަ އަވަހަށް ރުޤްޔާކުރުމުގެ މުހިންމުކަމެވެ. އަޅުގަނޑަށްވެސް ރުޤްޔާ ކުރެވުނުނަމަ ސަލާމަތްވެވުނީސްކަމަށް ޤަބޫލުކުރެވޭތީއެވެ. 
އަދި ސުވާލެއްކޮށްލާނަމެވެ! ލޯބިވެއްޖިއްޔާ އޮތީ ސިހުރުހެދުންހެއްޔެވެ؟ ސިހުރުހަދައިގެން އަނެކާއަށް ކިތަންމެ ބޮޑު ވޭނެއް އެޅިނަމަވެސް އަސަރުނުކުރާ މީހަކު އިންސާނަކު ދެކެ ލޯބިވާނެކަމަށް ޤަބޫލުކުރަންވެދާނެ ހެއްޔެވެ؟
 
- މަރްޔަމް ސަޢީދާ/ މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ