މަބްރޫކް ނުފެންނަ ސަބަބު ހާމަކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ފޯރުކޮށްދެމުން ގެންދާ މައުލޫމާތުތައް އާއްމުންނާއި ހަމައަށް ފޯރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް އެވެ. ގިނަ މީހުން ބުނާ ގޮތުގައި މަބްރޫކް އެގޮތައް މަސައްކަތް ނުކުރައްވާނަމަ މިހާރު މިފެންނަ މަންޒަރު މިގޮތައް އޮތުން ދުރެވެ. ކޮންމެއަކަސް ރެއާއި މިރޭ ނޫސްވެރިންގެ ބައްދަލުވުމުން މަބްރޫކް ނުފެނުމުން ގިނަ ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މަބްރޫކް އަށް ވީގޮތެއް ނޭނގިގެން ގިނަ ބަޔަކު ވަނީ ޓްވިޓާގައި އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ގިނަ ބަޔަކުގެ ކަންބޮޑުވުންތަކާއި ގުޅިގެން މަބްރޫކް ވަނީ ދެންމެ ޓްވީޓެއް ކުރައްވާފައެވެ.
މަބްރޫކް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުން ނުފެންނަނީ ސިއްހަތު ރަނގަޅު ނުވުމުން ކަމަށެވެ. "އަހަރެންގެ އަޑު ރަނގަޅު ވަންދެން އަރާމު ކުރަން އަހަރެންގެ ޑޮކްޓަރު ވަނީ ލަފާދެއްވާފައި. ވަރަށް އަވަހަށް ތިބޭފުޅުންނާއި ވާހަކަދައްކަން ތައްޔާރު ވާނަން." މަބްރޫކް ވިދާޅުވިއެވެ.
ހުރިހާ އެންމެނަށް ހެޔޮ އެދުންތައް ފޮނުވަމުން މަބްރޫކް މިރޭ ވެސް ނަސޭހަތްތެރިވެ ވަޑައިގަތީ އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި ގޭގައި ތިބުމަށާއި އަދި އަތްދޮވުމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ކޮންމެ ދުވަހަކު ސަރުކާރުން ހާމަކުރާ މައުލޫމާތުތައް އާއްމުންނަށް ދޭހަވާ ގޮތައް ފޯރުކޮށްދިނުމުގައި މަބްރޫކް އަދާކުރައްވާ ދައުރަށް ގިނަ ބަޔަކު ގެންދަނީ ޝުކުރު އަދާކުރަމުންނެވެ. އަދި މަބްރޫކަށް އަވަސް ޝިފާއެއް ލިބުމަށް އެދޭކަމަށް ބުނެ މިރޭ ވެސް ގިނަ ބަޔަކު ވަނީ ޓްވީޓް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ