އެޗްއައިއެޗުގައި އެކަހެރި ކުރި ފަރާތްތައް އިތުރު 14 ދުވަހަށް ކަރަންޓީނުކޮށްފި

ކޮވިޑް-19 އާ ގުޅިގެން މީހުން އެކަހެރިކޮށް ކަރަންޓީނުކުރުމަށް ބޭނުންކުރަމުންދިޔަ ހުޅުލޭ އައިލެންޑް ހޮޓާ ހުސްކުރުމުގެ ގޮތުން އެތަނުގައި ތިބި މީހުން އެހެން ތަނަކަށް ބަދަލުކުރި ފަހުން އެތަނުގައި ހުރި މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެތަނުގައި ތިބި އެންމެން އިތުރު 14 ދުވަހަކަށް ކަރަންޓީނުކުރަން ނިންމައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިގޮތަށް ނިންމާފައިވަނީ އެހެން މީހުންނާއި އަދި އެތަނުގައި ތިބި މީހުންގެ ރައްކަލަށްޓަކައި ކަމުގައި ސަރުކާރުގެ ފަރާތުން ކޮވިޑް-19އާ ގުޅޭ ގޮތުން މަޢުލޫމާތު ހާމަކުރައްވާ ތަރުޖަމާނު މަބުރޫކު ޢަޒީޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޕޮޒިޓިވްވި ފަރާތާ ބައްދަލުވެފައިވާ އެންމެން އެޭނާ ޕޮޒިޓިވްވި ދުވަހުން ފެށިގެން އިތުރު 14 ދުވަސް ކަރަންޓީނުގައި ބޭތިއްބުމަށް ނިންމާފައިވާ ކަމުގައެވެ. މަބްރޫކު ވިދާޅުވި ގޮތުގައި އެތަނުގައި ތިބި ފަރާތްތައް އިތުރު 14 ދުވަސް ކަރަންޓީނުގައި ބޭތިއްބުމަށް ނިންމުމަކީ ވަރަށް އުދަގޫ ނިންމުމެއް ކަމުގައެވެ. ނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ ސަލާމަތް އިސްކުރުމަށް ކަމުގައާއި އެކުދިން އަނބުރާ ގެނައުމަކީ ސަރުކާރަށް ނެގެން ނެތް ރިސްކެއް ކަމުގައިވެސް މަބްރޫކު ވިދާޅުވިއެވެ. މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފަންނީ ޓީމުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑޮކްޓަރު މޫސާ މުރާދު ވިދާޅުވެފަިއވަނީ އެޗައައިއެޗުގައި ތިބި މީހުންނާ މެދު ނިންމި ނިންމުމަކީ އެތަނުގައި ތިބި މީހުންނަށްވެސް އަދި އެނިންމުން ނިންމި ކަމާ ގުޅުންހުރި ފަރާތްތަކަށްވެސް އަނދގޫ ނިންމުމެއް ކަމުގައެވެ. ނަމަވެސް ޑރ.މުރާދު ވިދާޅުވި ގޮތުގައި އެނިންމުމަކީ މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި ނިންމަންޖެހުނު ނިންމުމެކެވެ. އެފަރާތްތައް ކަރަންޓީނަށް މުއްދަތު އިތުރުކޮށްފައިވަނީ ކަން ހިނގައިދިޔަ ދުވަހުން ފެށިގެން އިތުރު 14 ދުވަސް ކަމުގައިވެސް ޑރ.މުރާދު މަޢުލޫމާތު ދެއްވިއެވެ.  މިހާތަނަށް ދިވެހިރާއްޖެިއން މިބައްޔަށް 17 މީހުން ޕޮޒިޓިވްވެފައިވާއިރު، 13 މީހަކު ބަލިން ފަސޭހަވެފައިވެއެވެ. އަދި ދެ މީހަކަށް މިހާރުވެސް ފަރުވާދެމުންދެއެވެ. އިތުރު ދެމީހަކުވަނީ ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުމުގެ ކުރިން ރާއްޖެއިން ފުރާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ