ފްލެޓްތަކަށް މިލިއަނުން ފައިސާ ނަގާފައި، ކޮރަލް ބޮލެވާޑް "ފިލައިފި"

ރަސްފަންނު ސަރަހައްދުގައި، ސީފްރޮންޓަށް ވާ ގޮތަށް، 28 ބުރީގެ ހަތަރު ޓަވަރު ހަދައި، 500 އެއްހާ ލަގްޒަރީ އެޕާޓްމަންޓް ހެދުމުގެ މަޝްރޫއެއް ކޮރަލް ބޮލެވާޑް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ރަސްފަނު ސަރަހައްދުން މަގުގެ އެއްބައިވެސް ހިމެނޭ ގޮތުން ބޮޑު ބައެއް ބަންދުކޮށް އެ ޓަވަރުތަކުުގެ މަސައްކަތް ފަށައި، 80 ފްލެޓެއް ބުކިންއަށް ހުޅުވާލި އެވެ. އެއާ އެކު އެތައް ބަޔަކު މިލިއަނުން ޑައުން ޕޭމަންޓް ދައްކައި ފްލެޓްތައް ބުކްކުރި އެވެ. ނަމަވެސް ސަރުކާރު ބަދަލުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ފްލެޓް އެޅުމުގެ އެއްވެސް މަޝްރޫއެއް މާލޭގައި ކުރިއަަށް ނުގެންދިޔުމަށެވެ. ސިޔާސަތަށް އައި މި ބޮޑު ބަދަލާ އެކު 220 މިލިއަން ޑޮލަރުގެ ކޮރަލް ބޮލެވާޑްގެ އެޕާޓްމަންޓް ޓަވަރުތައް ވެސް ހުޅުމާލެއަށް ބަދަލު ކުރަން އެންގި އެވެ. އެއާ އެކު، އެ މަޝްރޫއު ކުރިން ރޭވިފައިވާ ގޮތަށް ކުރިއަށް ނުގޮސް، މަސައްކަތް ވެސް ހުއްޓި ފައިސާ ދެއްކި މީހުންނަށް ފައިސާވެސް އަދި އެޕާޓްމަންޓް ވެސް ލިބޭނެ ކަމާ މެދު އެންމެ ފަހުން މި ވަނީ ސުވާލު އުފެދިފަ އެވެ. އެ ފްލެޓްތަކަށް ފައިސާ ދެއްކި ބައެއް މީހުން "ސަން"އަށް ބުނީ، އެ މަޝްރޫއު މާލޭގައި ނުހިންގަމުން ނިންމުމުން އެމީހުން ކުންފުންޏަށް ދެއްކި ފައިސާ އަބުރާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި ކަމަށެވެ. އެ ފައިސާ ހޯދުމަށް އެ ކުންފުނީގެ އޮފީހަށް ގުޅި ނަމަވެސް، ނަމްބަރުތަކަށް ނުވެސް ގުޅެ އެވެ. އަދި އޮފީވެސް ހުންނަނީ ބަންދުކޮށްފައި ކަމަށް އެ މީހުން ބުންޏެވެ. ރަސްފަންނުގައި އިމާރާތް ކުރާ 28 ބުރީގެ ހަތަރު ޓަވަރުގެ ބިންގާ ރައީސް އަޅުއްވައި ދެއްވުމަށްފަހު ނަމޫނާ އިމާރާތް ބައްލަވާލައްވަނީ ---- ފޮޓޯ: ރައީސް އޮފީސް "އަހަރުމެން އެގްރީމަންޓްގައި ސޮއި ކުރީ މާލޭ ރަސްފަނުން ސަރަހައްދަށް އެޕާޓްމްންޓް ގަތުމަށް. އިތުރުތާނަކުން ނޫން. އެ އެޕާޓްމަންޓް މިހާރު ރަސްފަނުން ސަރަހައްދުގައި ނާޅަން ނިންމުން ކުންފުނި ފައިސާ އަބުރާ ދޭން ޖެހޭ. ކުންފުނީގެ އެއްވެސް މީހަކަށް ނުވެސް ގުޅޭ މިހާރު،" އެޕާޓްމަންޓް ގަތް މީހަކު ބުންޏެވެ. "ސަން"އަށް ލިބިފައި ހުރި ބައެއް ލިޔެކިޔުންތަކަށް ބަލާއިރު، ކޮރަލް ބޮލެވާޑް ކުންފުނިން ވަނީ ފްލެޓްތަކުގެ ޑައުން ޕޭމަންޓަށް ބައެއް މީހުންގެ އަތުން 74،000 ޑޮރަލު (1.1 މިލިއަން ރުފިޔާ) އާއި 150،000 ޑޮލަރު (2.3 މިލިއަން ރުފިޔާ) އާ ދެމެދު އަދަދުން ފައިސާ ނަގައި ފްލެޓް އެގްރިމަންޓްތައް ވެސް އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނެ އެވެ. ރަސްފަންނުގައި އިމާރާތްކުރާ ކޮރަލް ބްލެވާޑްގެ ޓަވަރުތަކުގެ ނަމޫނާއެއް --- ފޮޓޯ: ރައީސް އޮފީސް ފައިސާ ދެއްކި އެހެން މީހަކު "ސަން"އަށް ބުނީ، ފައިސާ ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ފުލުހުންގެ އިދާރާއަށް ދިޔަ ނަމަވެސް، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ލަފާދީފައިވާ ކަމަށެވެ. އެހެން ކަމުން އެ ފައިސާ ހޯދުމަށް ކޯޓަށް މިހާރު މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ. "އެމީހުން ފައިސާ ނަގައިގެން ފިލައިފި. އަހަރުން މި މައްސަލަ ފުލުުުހުންނަށް ހުށަހެޅުމުން ފުލުހުން ބުނީ މައްސަލަ ކޯޓަށް ލާން. މިހާރު ކޯޓަށް ވެސް ލައިފިން އެ ފައިސާ ހޯދަން،" އެޕާޓްމަންޓް ގަތް މީހަކު ބުންޏެވެ. މި ތުހުމަތުތަކާ ގުޅިގެން، ކޮރަލް ބޮލެވާޑް ކުންފުންޏާ ގުޅުމަށް މަސައްކަތް ކުރި ނަމަވެސް އެ ކުންފުނީގެ ނަމްބަރުތައް މިހާރު ވަނީ ޑިސްކަނެކްޓް ވެސް ކޮށްފަ އެވެ. އަދި އެ މީހުންގެ އޮފީސްވެސް ހުރީ ބަންދުކޮށްފަ އެވެ. އެ ކުންފުންޏާ ގުޅުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ. https://sun.mv/102234 މީގެ ކުރިން ހައުސިން މިނިސްޓްރީން ބުނީ، ހުޅުމާލެއިން އެ މަޝްރޫއު ހިންގުމަށް ބިންދޭނެ ތަނަކާ މެދު، ހައުސިން ޑީވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް "ސަން"އަށް ވިދާޅުވީ، އެ މަޝްރޫއަށް ބިންދޭނެ ތަނެއް އަދި ވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ. އެހެންވެ، އެ މަޝްރޫއުގެ ކުރިމަގާ މެދު މި ވަނީ ސުވާލު އުފެދިފަ އެވެ. ކޮރަލް ބޮލްވާޑް ކުންފުންޏަކީ އަކީ ސިންގަޕޫރުގެ ޗަންގް ހުއާ ކޮންސްޓްރަކްޝަންގެ ސަބްސިޑަރީ ކުންފުންޏެކެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ކުރި ޗަންގް ހުއާ ކޮންސްޓްރަކްޝަން ދަނީ އދ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރެޑިސަން ބްލޫ ރިޒޯޓް މޯލްޑިވްސް ގެ ނަމުގައި ރިސޯޓެއްވެސް ތަރައްގީ ކުރަމުންނެވެ. https://sun.mv/114048
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ