ތިން މަޝްރޫއު އެއްގެ ފައިސާ ޔާމީން އެކައުންޓް އަށް ވަދެފައިވޭ - އޭސީސީ

ސަރުކާރުގެ 3 މަޝްރޫއެއްގެ ފައިސާ ކުރީގެ ރައީސް ޔާމީންގެ އެކައުންޓްއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އިން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓްތަކާއި ގުޅިގެން އޭސީސީގެ ވެރިން ހާޒިރުކޮށް މާލިއްޔަތު ކޮމިޓީގައި ސުވާލުކުރެއްވުމުން ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް ބަލައިލިއިރު ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފްއިން އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ހާމަވެފައިވާ ކަމަށެވެ.
އޭގެ ފަހުން ޔާމީންގެ ހުރިހާ ބޭންކް އެކައުންޓްތަކުގެ ތަފްސީލް ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް މުއައްވިޒު ވިދާޅުވިއެވެ.
އެހެންނަމަވެސް ވެރިކަމުގައި އެމަނިކުފާނު ހުންނެވިއިރު އެ މައުލޫމާތު ހޯދަން ނާކާމިޔާބުވެފައިވާ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.
ކުރިން ބޭންކް އެކައުންޓްގެ މައުލޫމާތު ހޯދަން އުނދަގޫ ވިއަސް މިހާރު އެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައުލޫމާތުތައް ބެލިއިރު ޝައްކުވާ ކަންތައްތަކެއް ހުރުމުން އެކަންކަން ބަލަމުން އަންނަ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.
އެކައުންޓް ބެލިއިރު ޝައްކުކުރެވޭ ކަންތަތަކަކަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ރައީސް ޔާމީންގެ އެކައުންޓްތަކަށް ޖަމާކޮށްފައި ހުރުމާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ އެކު އެކައުންޓުން މުއާމަލާތްކޮށްފައިވުން ހިމެނޭ ކަން ފާހަގަކޮށްފައިވެއެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ސަރުކާރުގެ ޕްރޮޖެކްޓްތަކަކާ ގުޅޭ ފައިސާތަކެއް ވަތް ކަމަށް ތުހުމަތުވާ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ މައްސަލައިގެ ތަފްސީލް އޭނާ ހާމައެއް ނުކުރައްވަ އެވެ.
އެހެން ނަމަވެސް ވިދާޅުވީ އެއީ ޕްރޮޖެކްޓްތަކެއްގެ ފައިސާކަން ލިޔުމުން މަޖިލީހުގެ މެންބަރުންނާ ހިއްސާކުރައްވާނެ ކަމަށެވެ.
މުއައްވިޒު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ޕީޖީ އަށް 158 ފަރާތްތަކާއި މެދު ދައުވާ ކޮށްދިނުމަށް ފޮނުވާފައިވާ ކަމަށެވެ. ދައުވާކޮށްދިނުމަށް އެދުމުންވެސް ދައުވާ ކުރަން ކޯޓަށް ފޮނުވިކަން އެނގިފައިނުވާ ކަމަށް ވެސް މުއައްވިޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް އޮފީހުން ހުއްދަ ދޫކުރުމުގެ ކުރިން ބައެއް ފަޅުރަށްތައް އަމިއްލަ ފަރާތްތަކަށް ދީފައިވާ ކަމަށާއި ގާނޫނާ ހިލާފަށް ދީފައިވާ 60 އަށް ވުރެން ގިނަ ރަށެއްގެ މައްސަލައެއް އޭސީސީއިން ބެލި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ