ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ އިދާރީ ކަމަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ ޝަރީއަތް ހިންގުމަށް ނޫން ކަމަށާއި އިދާރީ ކަމަކަށް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ. ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 11:30 ގައި ކޯޓްގައި އޮތީ ޝެޑިއުލްކޮށްފަ އެވެ. ނަމަވެސް ނޫސްވެރިން އެ އަޑުއެހުމަށް ނަންނޯޓް ކުރަން ދިޔުމުން ކޯޓުން ބުނީ އެއީ ޝަރީއަތުގެ އަޑުއެހުމެއް ނޫން ކަމަށާއި އެއީ އިދާރީ ކަމަކަށް ރައީސް ޔާމީން ހާޒިރު ކުރާ ހާޒިރު ކުރުމެއް ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައި ވަނީ، މަނީލޯންޑްރިންގެ ދައުވާ އެވެ. އެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފައިސާ ލިބުނު އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާވެފައިވަނިކޮށް، އެ ފައިސާ ކަމަށް ބުނެ ބީއެމްއެލްގައި އެސްކުރޯ އެކައުންޓެއް ހުޅުވައި އެހެން ފައިސާތަކެއް އެ ކައުންޓަށް ޖަމާކުރި މައްސަލައިގަ އެވެ. ދައުލަތުން ބުނަނީ، އެއީ ކޮރަޕްޝަނުން ލިބިފައިވާ ފައިސާތަކެއްގެ އަސްލު އޮޅުވާލައި ފޮރުވުމަށް ރައީސް ޔާމީން ހިންގަވާފައިވާ އަމަލެއް ކަމަށެވެ. އެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ވެސް ބޭއްވީ މިދިޔަ އެޕްރީލް 25 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ދައުވާ ސާބިތުކުރުމަށް ރައީސް ޔާމީންއާ ދެކޮޅަށް ހެކިން ހުށަހަޅައިފަ އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ