މަޖިލިހުގެ ދެ ފާރެއް އުސްކޮށް، ގޯތިތެރެއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ވަށާ ފާރުތަކުން ދެ ފާރެއް އުސްކޮށް، ގޯތި ތެރެއަށް ބަދަލު ގެނެސްފިއެވެ. މަޖިލިހުގެ އާބާތުރަ ފިލުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަށް ފޫޓަށް އުސްކޮށްފައި ވަނީ ސިއްކަ ގޯޅިއާ ވީ ފަރާތުގައިވާ ފާރާއި ހަކުރާ ގޯޅިއާ ވީ ފަރާތުގެ ފާރެކެވެ. މަޖިލިހުގެ ވަށާ ފާރު އުސްކުރި ނަމަވެސް، މެދު ޒިޔާރަތް މަގުގައި ހުންނަ ފާރަށް އެއްވެސް ބަދަލެއް ނުގެނެއެވެ. އެނގިފައިވާ ގޮތުގައި މަޖިލިހުގެ އިދާރާގެ ފާރު އުސްކުރަން ހަވާލު ކުރީ ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކްއާ އެވެ. އެކަމަކު، އެކަމަށް ކިހާ ހަރަދެއް ދިޔަ ކަމެއް އެނގިފައެއް ނުވެއެވެ. މަޖިލިހުގެ އިދާރާ އަށް ގެނައި ބަދަލުގެ ތެރޭގައި ސިއްކަ ގޯޅީގައި ޕާކް ކުރެވޭ ގޮތަށް ހުރި ޕޭވްމަންޓް ނަގައި، މަޖިލިހުގެ އިދާރާގެ ގޯތި ތެރެ މިހާރު ވަނީ ބޮޑުކޮށްފައެވެ.
އެގޮތުން ވަށާ ފާރުގެ އެތެރޭގައި ސައިކަލާއި ކާރު ފަދަ ވެހިކަލްތައް ޕާކް ކުރެވޭ ގޮތަށް ވަނީ ހަދައިފައެވެ. މީގެކުރިން، ވެހިކަލްތައް ޕާކް ކުރެވޭނީ މަޖިލިހުގެ އިދާރާގެ ބޭރުގައެވެ. މީގެއިތުރުން، މެމްބަރުން ތިއްބެވުމަށް ކުޑަ އާއި މޭޒު ޖަހާފައި ބޮޑު ސަރަހައްދެއް ވަނީ ހަދައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މިއަދު ވިދާޅުވީ މަޖިލިހުގެ ގޯތިތެރޭގައި ކުލަލުމާއި ލައިޓްތައް ހަރު ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށްށެވެ. އޭނާ ވިދާޅުވި ގޮތުގައި، ޕާކިން ޒޯން ހާއްސަކޮށްފައި ވަނީ މަޖިލިހުގެ މެމްބަރުންނާއި މަޖިލިހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސައިކަލާއި ކާރު ފަދަ ވެހިކަލްތައް ޕާކް ކުރުމަށްށެވެ. މަޖިލިހުގެ އިދާރާ އަށް ބޮޑެތި ބަދަލުތަކެއް ގެނައީ، އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން ދަނިކޮށްށެވެ. އަދި އަދި މި ބަދަލު ގެންނަނީ މަޖިލިހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. 
މަޖިލިހުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ، ގިނަ ބައެއްގެ ފާޑުކިއުން މެމްބަރުންނަށް އަބަދުވެސް އޮންނަނީ އަމާޒުވެފައެވެ. ހާއްސަކޮށް، އާ ދައުރެއް ފެށުނު ފަހުން، ބިލްތައް ފާސްނުކޮށް ލަސް ކުރަނީ ބައެއް މެމްބަރުން ގަސްދުގައި މަޖިލިހަށް ހާޒިރު ނުވާތީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން، ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސް ނުވެ، ދިގުލައިގެން ދަނީ އެ ބިލްތައް ފާސް ކުރަން ބައެއް މެމްބަރުން ދެކޮޅު ހައްދަވަމުން ގެންދަވާތީ ކަން އެނގިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ