ރައީސް ޔާމީން ގަޓުކަން ދެއްކެވުމަށް އަޅުއްވަން ޖެހުނީ އަމިއްލަ ގައިގައި ވަޅި: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާތުގައި އުޅުއްވި ފަރާތްތަކުން ދެއްކެވީ އެއީ ގަޓު ރައީސެއް ކަމަށާއި ގަޓުކަން ދެއްކެވުމަށް އެމަނިކުފާނު އެޅުއްވީ އަމިއްލަ ގައިގައި ވަޅި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ "އެޖެންޑާ 19 - މުޅި މައްޗަންގޮޅި އެކުގައި ތިލަފަތަށް" ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ގަޓުކަން ދެއްކެވުމަށްޓަކައި އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެމަނިކުފާނުގެ އަމިއްލަ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލީ ކަމަށެވެ.
"ދެން ގަޓު ކަމުން ގޮސް ތިމާއަށް ބޮޑުބޭބޭ ކިޔާ ދަރިފުޅު ޖެހިގެން އިން ގޮޅީގައި ބޭންދެވީ. ދެން ގަޓުކަމުން ގޮސް ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ވެރިން ގެންގޮސް ހިފާ ހައްޔަރުކުރީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ހުދުމުހުތާރީ ވެރިކަން ރައްޔިތުން ބަލައެއް ނުގަތް ކަމަށެވެ.
އެކަމަށް ނިމުމެއް ގެނައުމަށް މިހާރު ރައްޔިތުން ވަނީ ރައީސް ޔާމީނަށް ނޫނެކޭ ބުނެފައި ކަމަށާއި އެހެންކަމުން އެމަނިކުފާނު މަޑުން ހުންނެވުމަށް ރައީސް ނަޝީދު އިޝާރާތްކުރެއްވިއެވެ.
މިހާރު ރައްޔިތުން ރައީސް ޔާމީން ބޭނުން ނުވާ ކަމަށާއި އަނބުރާ ވަޑައިގަންނަވަން ނޫޅުއްވުމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު މިއުޒިކަލް ޗެއާސްގެ މިސާލު ޖެއްސެވިއެވެ.
"އަޅުގަނޑުމެން ސްކޫލުގައި ކުޅެމެންނުންތޯ މިއުޒިކަލް ޗެއާސް. އޭގައި ވާގޮތަކީ، ރައީސް ޔާމީން އަޑުއައްސަވައްޗޭ. އޭގައި ވާގޮތަކީ، މިއުޒިކް ހުއްޓާލީމަ އިށީންނަން ޖެހޭނީ. ރައީސް ޔާމީން މިއުޒިކް ހުއްޓާލައިފި. އިށީންދެވަޑައިންނަވާ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ