ހުޅުދުއްފާރުގެ މަގު ހަދަން ރުއް ނެގުމަށް ބައެއް ރައްޔިތުން ތާއީދު

ސަރުކާރުން ރ. ހުޅުދުއްފާރުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށު ބޮޑުމަގުގައި ހުރި ރުއްގަސް ނެގުމާ ގުޅޭ ގޮތުން ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދައިފި އެވެ.
ހުޅުދުއްފާރު ކައުންސިލުގެ ރައީސް މުހައްމަދު އިބްރާހިމް ސީއެންއެމް އަށް ވިދާޅުވީ، މަގުހެދުމުގެ ކަންތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ދައުވަތު ދީފައިވާ ކަމަށެވެ.
އެގޮތުން ގޭގެއަށް ދައުވަތު ކާޑު ފޮނުވާ، ލައުޑް ސުޕީކަރުން ގޮވާ އިއުލާނުކޮށް އަދި ތަންތަނުގައި އިއުލާނު ހިއްޕާފައިވާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ ބައްދަލުވުންތަކަށް ރައްޔިތުންގެ ތެރެއިން ހާޒިރުވާ މިންވަރު އާއްމު ގޮތެއްގައި ދަށް ކަމަށާއި އެ ބައްދަލުވުމަށް ހާޒިރުވީ 56 ރައްޔިތުން ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.
ބައްދަލުވުމަށް ހާޒިރުވި މީހުންނާ ވާނީ "ރުއްގަސް ބަހައްޓައިގެން މަގު ހަދާނީތޯ" ނުވަތަ "ރުއްތައް ނަގާފައި މަގު ހަދާނީތޯ" ސުވާލުކޮށްފައި ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
"ބައްދަލުވުމަށް ހާޒިރުވި ރައްޔިތުންގެ ތެރެއިން އިއްތިފާގުން އެންމެން ވެސް ބޭނުންވީ ރުއްތައް ނަގަށް. ނަގާފަ އެހެން ދިމަދިމާގަ އިންދާފަ. މަގުހަދާ ނިމުނީމަ ރުއް އަނެއްކާ ވެސް އިންދާ ގޮތަށް،" އިބްރާހިމް ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ ރުއްތައް ނަގާފައި ރުއްތައް ހަލާކުކޮށް އުކާލާކަށް ނޫޅޭ ކަމަށެވެ. އަދި ރުއްތައް ނަގާނަމަ ރަށުގަ ޖާގަ ހުރި ސަރަހައްދުތަކުގައި އެރުއްތައް އިންދާ ގޮތަށް ނިންމާފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
"އެއީ ހަމައެކަނި ހިޔާލު ހޯދުމުގެ ބައްދަލުވުމެއް. ސީދާ އެކަން ކުރަންވީ ގޮތް ކަނޑައަޅާ ނިންމާފައެއް ނޫން މިއޮތީކީ. ކަން ކުރުމުގެ ކުރިން ހިޔާލު ހޯދާލީ" އިބްރާހިމް ވިދާޅުވި އެވެ.
އާބާދީގައި 1540 މީހުން ހިމެނޭ ހުޅުދުއްފާރުގެ ބޮޑުމަގުގައި ހުރި ރުއްތައް ނެގުމާ ދެކޮޅަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ވާހަކަ ދައްކަމުންނެވެ.
ސަރުކާރުން ވަނީ ހުޅުދުއްފާރުގެ ބޮޑު މަގުގައި އެއްކޮށް ތާރު އަޅަން ނިންމާފައެވެ. އަދި ހުރަހަށް އޮންނަ ހަތަރު މަގެއްގައި ތާރު އެޅުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ