ގައިދީންނަށް އަނިޔާ ކޮށްފައިވާ ނިޝާންތައް ފެންނަ ފޮޓޯތަކެއް ދައުރުވާން ފަށައިފި

މާފުށީ ޖަލުގައި ރޭ ހިނގި ހަމަނުޖެހުންތަކުގައި ޤައިދީންނަށް އަނިޔާކޮށްފައިވާ ކަމަށް ބުނާ ފޮޓޯތަކެއް މީސްމީޑިޔާގައި ދައުރުވާން ފަށައިފިއެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާފުށީ ޖަލުގައި ރޭ ހިނގާދިޔަ ބޮޑެތި ހަމަނުޖެހުންތަކުގައި ބައެއް ބްލޮކްތަކަށް ވަރަށް ގިނަ އަދަދަކަށް ކަރުނަގޭސްވަނީ ޖަހާފައެވެ. މާފުށީ ޖަލުގެ ހާލަތު އެނގޭ ފަރާތަކާއި ހަވާލާދީ މީޑިއާ ތަކާއި ސޯޝަލް މީޑިއާގައި ބުނެފައި ވަނީ މާފުށީ ޖަލުގެ ޔުނިޓް-2 އަދި ޔުނިޓް-9 ގައި ތިބި ގައިދީން ކޮރިޑޯ ތެރެއަށް ނުކުމެ ތިއްބާ އެމީހުން ގޮޅިއަށް ވެއްދުމަށްޓަކައި ރަޔަޓް ގިއަރުގައި ތިބި ބަޔަކު ގައިދީންގެ ގަޔަށް ގިނަ އަދަދަކަށް ކަރުނަގޭސް ޖަހާ، މުގުރުބުރިން ތަޅާ އެކަށީގެން ނުވާ ވަރަށް ބާރުގެ ބޭނުންކޮށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ.މާފުށީ ޖަލުގެ ޔުނިޓް-2 އަދި ޔުނިޓް-9 ގައި ތިބި ގައިދީން ގަޔަށް ކަރުނަ ގޭސް ޖަހައި ލާއިންސާނީ އަނިޔާތަކެއް ދީފައި ވަނީ އެސްއޯ ފުލުހުން ކަމެއް ނުވަތަ ކަރެކްޝަނަލް ސާވިސްގެ އީއެސްޖީގެ އޮފިސަރުންކަން ކަށަވަރު ނުވާ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފައެވެ. އެހެން ނަމަވެސް ޔުނިޓް-2 އަކަށް ވަދެ ބައެއް ގައިދީން ނެރެފައިވާ ކަމަށާއި އެގައިދީން ގެންދިޔަ ތަނެއް ކަށަވަރު ނުވާ ކަމަށް  ޚަބަރު ފަތުރާ ފަރާތްތަކުން ބުނެއެވެ.މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މާފުށީ ޖަލުގައި ރޭ ހިންގާ ޚާއްސަ އޮޕަރޭޝަނަކާ ގުޅިގެން ފުލުހުންގެ ބެކަޕް ޓީމެއް ތައްޔާރީ ހާލަތުގައި ޖަލުގައި ތިބޭނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ ޖަލުގައި އޮޕަރޭޝަނެއް ހިންގަނީ ކަރެކްޝަނަލް ސާވިސްއިން ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު މަޢުލޫމާތު ފުލުހުން ނުދެއްވައެވެ. އެހެން ކަމުން މާފުށީ ޖަލުގައި ރޭ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާ އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައި ވަނީ ފުލުހުންގެ ބެކަޕް ޓީމެއް ތައްޔާރީ ހާލަތުގައި ޖަލުގައި ޑިއުޓީ ކުރަމުން ދަނިކޮށް ކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.މިދިޔަ ބްރާސްފަތި ދުވަހުން ފެށިގެން މާފުށީ ޖަލުގައި ހިނގާދާ ހަމަނުޖެހުންތަކުގައި ގައީދީންނަށް އަނިޔާކޮށްފައި ވާތީ އާއި އަނިޔާ ލިބުނު ގައިދީންނަށް ފަރުވާ ދީފައި ނުވާތީ ޖަލުގެ ޔުނިޓް ތަކުގައި 200 އެއްހާ ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ގައިދީން ވަނީ ފަށާފައެވެ. ނަމަވެސް ޤައިދީން ހަޅުތާލު ކުރަމުންދަނީ ކޮން ކަމަކަށް ޑިމާންޑްކޮށްފަ ކަމެއް ކަރެކްޝަންސް އިން ޔަޤީންކޮށެއް ނުދެއެވެ. އަދި އެކަންތަކާއި ގުޅިގެން ކަރެކްޝަންސް އިން މީޑިޔާތަކަށް އެއްވެސް މަޢުލޫމާތެއް ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ