ރައީސް ޔާމީން އޮންނެވީ އޭސީ ކޮށްފަހުރި ގޮޅިއެއްގައި، ހުރިހާ ހިދްމަތެއް ލިބޭނެ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަކުރުމުގެ ކުށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަ ބޭންކު އެކައުންޓަށް ޖަމާކޮށްފައިވާތީ، ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމާއި ގުޅިގެން، އެމަނިކުފާނު އޮންނެވީ "ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް"ގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެފި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އަހުމަދު ލުގުމާން ސީއެންއެމަށް މިއަދު ވިދާޅުވީ އެމަނިކުފާން އޮންނެނީ "ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއް"ގައި ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަކީ ރާއްޖޭގެ ޖަލުތަކުގައި ހުންނަ އެންމެ ފެންވަރު ރަނގަޅު ގޮޅިތަކެވެ. އެގޮތުން އެ ގޮޅިތައް ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ.
ކޮޓަރި އޭސީކޮށްފައި ހުންނައިރު، އެނދާއި މަޑުގޮދަނޑި އަދި އަލަމާރި ވެސް ހުރެ އެވެ. އައިސްއަލަމާރި އާއި އެއްޗެހިދޮންނަ އޮޓޯ މެޝިން ވެސް ބަހައްޓާފައި ހުރެ އެވެ.
އެހެން ކުށްވެރިންނާއި ޚިލާފަށް ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި އޮންނަ ބޭފުޅުންގެ ކެއުންބުއިމާއި ކަސްރަތު ކުރެވޭނެ ރަގަޅު އިންތިޒާމުތައް ހަމަޖައްސާފައި ހުރެއެވެ. އަދި ސިއްހީ ކަންކަން ވަރަށް ގާތުން ބަލަމުންދެ އެވެ.
ޔާމީންގެ ވެރިކަމުގައި ހައްޔަރުކުރި، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބަހައްޓަވާފައިވަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ ގޮޅިއެއްގަ އެވެ.
ޔާމީންގެ ސަރުކާރުގައި އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ލީޑަރުންނާއި ސިޔާސީ ހަރަކާތްތަކުގެ އިސްކޮށް އުޅުއްވި ގިނަ ފަރާތްތަކެއް ޖަލަށްލާފައިވާއިރު، ބައެއް ބޭފުޅުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓީ އާދައިގެ ގޮޅިތަކުގަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހިމެނެ އެވެ. ނަމަވެސް ފަހުން އެ ބޭފުޅުން ވެސް ރަނގަޅު ގޮޅިތަކަށް ބަދަލު ކުރި ކަމަށް ވެއެވެ.
އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅުތަކެއް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 80 މިލިއަން ޑޮލަރަށް ހިނާޔާންތެރި ވެފައިވެއެވެ. އެމްއެމްޕީއާރުގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތް 155 ފަރާތެއްގެ މެދުގައި ހިންގާފައިވާއިރު، ރައީސް ޔާމީންގެ އެކައުންޓަށް 1،000،000.00 ޑޮލަރު ޖަމާކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ