ޑެންގީ ޖެހިގެން ކުޑަ ކުއްޖަކު މަރުވެއްޖެ

ޑެންގީ ހުން ޖެހިގެން ކުޑަ ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.
ޑެންގީ ހުން ޖެހިގެން މަރުވެފައިވަނީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން ނުވަ އަހަރުގެ ހަސަން ހައިސަމް ހުސެއިން އެވެ.
ވީނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިސަމަކީ ތެލެސީމިއާ ކުއްޖެކެވެ.
ހައިސަމަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގަ އެވެ. ހައިސަމް މަރުވެފައިވަނީ އިތުރުފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު އެވެ.
ޑެންގީ ހުން، ބޭރަށް ހިންގުން، ޗިކުންގުންޔާ ފަދަ ބަލިތައް މިދުވަސްވަރު ދަނީ އާންމުވަމުންނެވެ. އަދި މިފަދަ ބަލިތަކަށް ސަމާލުވުމަށް ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެކަނިވެސް 330 އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހިގެން ވަނީ ރިޕޯޓުކޮށްފަ އެވެ. މިއަހަރުގެ ޖެނުއަރީން ފެށިގެން މާޗް މަހުގެ ނިޔަލަށް 2474 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ