މިދިޔަ އާދީއްތަ ދުވަހު އަވަށްޓެރި ސްރީލަންކާއަށް ދިން ހަމަލާއަކީ މުޅި ސަރަހައްދަށް ކުރިމަތިވި ނުރައްކަލެއް ކަމަށާއި އެކަމާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ސިފައިންގެ 127 ވަނަ އަހަރޫ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ އާދީއްތަ ދުވަހު ދިން ހަމަލާއަކީ ލަންކާއަށް ދިން ހަމަލާއެއް ނަމަވެސް އެއީ މުޅި ސަރަހައްދަށް ދިން ހަމަލާއެއް ކަމުގައެވެ. އަދި އެކަމާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ސިފައިނާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ފުލުހުން ގުޅިގެން އެމަސައްކަތް މިހާރު ކުރަމުން ގެންދާ ކަމުގައެވެ. އަދި ރާއްޖޭގެ މިހާރުގެ ސަލާމަތީ ހާލަތު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ލަންކާގައި އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި 320 މީހަކު މަރުވެފައިވާއިރު 500 އާއި ގާތްކުރާ އަދަދަކަށް މީހުންވަނީ ޒަހަމް ވެފައެވެ.
އެހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓްސް، އައިއެސްއިން ނަގާފައިވާއިރު، ހަމަލާތަކާއި ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން މިހާރުވަނީ 40 މީހަކު ހައްޔަރު ކޮށްފައެވެ.
ލަންކާ ހަމަލާއަކީ ސަރަހައްދަށް ނުރައްކަލެއް، ސަލާމަތީ ކަންކަން ވަރުގަދަ ކުރާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ