ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތައް މުރާޖާ ކުރާނަން - ނަޝީދު

ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތައް ވަރަށް ތަފްސީލުކޮށް މުރާޖައާ ކުރާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.
"ރޮއިޓާސް" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރީގެ ސަރުކާރުން ސޮއިކޮށްފައިވާ ހުރިހާ އެއްބަސްވުންތަކެއް ވަރަށް ގާތުން މުރާޖައާކުރަންޖެހޭ ކަމަށެވެ.
"ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި ކުރީ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތައް މުރާޖައާ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން. " ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި މައްޗަން ގޯޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނަޝީދު އިތުރަށް ވިދާޅުވިއެވެ.
އެ އިންޓަވިއުގައި ނަޝީދު އިތުރަށް ވިދާޅުވީ އަލަށް އިންތިހާބުވި މަޖިލީހުން އެންމެ ފުރަތަމަ ވެސް ބަލަންވީ ކޮރަޕްޝަނާއި، ގޮތް ނޭނގޭ މަރުތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުތައް ބާރުވެރިކުރަން ހުށަހަޅާފައިވާ ބިލުތަކަށެވެ.
"ރައްޔިތުން ނުކުމެ ދިން ވޯޓުގެ ނަތީޖާއިން، އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ ޒިންމާ އިތުރަށް ވަނީ ބޮޑުވެފައި" ނަޝީދު ވިދާޅުވިއެވެ.
ޗައިނާއާއި ގުޅޭ ގޮތުން ނަޝީދު މީގެ ކުރިން ވިދާޅުވީ ޗައިނާއިން ގައުމުތަކުގެ މާލީ ހާލަތާއި ނުބައްދަލު ލޯނު ދިނުމަށްފަހު ގައުމުތަކުގެ މިނިވަންކަމަށް ބާރު ފޯރުވާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖެއަށް ދީފައިވާ ފައިސާ ތަކުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށާއި ރައީސް ޔާމިންގެ ސަރުކާރުން ރާއްޖެއަށް ހޯދި ޗައިނާގެ ބޮޑެތި އެހީތަކަކީ ރާއްޖެ މިނިވަން ކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންތައްތަކެއް ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރީ، ރާއްޖޭގެ މިނިވަންކަން ގެއްލޭ ފައްތަރަކަށް ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެ ގެންދިއުމުން އެކަމާ ކަންބޮޑުވެ ކެތްތެރިކަން ކޮޅުންލައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ