ރައީސް ނަޝީދުގެ ފަރާތުން އެންއައިސީއަށް ބޭފުޅަކު ހަމަޖެއްސުމުގެ ފުރުސަތު ލިބެން ޖެހޭނެ: އެމްޑީޕީ

ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ) ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އެ ކޮމިޝަންގައި އިންނަވާނެ ބޭފުޅަކު ކަނޑައެޅުއްވުމުގެ ފުރުސަތު އެމަނިކުފާނަށް އޮންނަން ޖެހޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި އެ ޕާޓީގެ ގާނޫނީ ވަކީލު އަދި ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފު ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު ކޮމިޝަނަށް ހަމަޖެއްސުމުގެ ފުރުސަތު ދިނުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެއް ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ކަނޑައަޅުއްވާ ބޭފުޅެއްގެ ޝަރުތު ސަރުކާރުން ކަނޑައެޅުމަކީ އިންސާފުވެރިގޮތެއް ނޫން ކަމަށެވެ.
ހަސަން ލަތީފު ވިދާޅުވީ އެއީ ކޮމިޝަންގައި ބޭފުޅަކު ހިމެނުއްވުމަށް ރައީސް ނަޝީދަށް ފުރުސަތެއް ދެއްވުން ނޫން ކަމަށާއި އެފަދަ ގޮތަކަށް ސަރުކާރުން އަމަލުކުރާ ނަމަ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަންގައި އިންނަވާނެ ބޭފުޅަކު އެހަމަޖައްސަ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށެވެ.
" ... އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ބަޣާވާތެއް، އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ބަޣާވާތެއް ނޫން. މި ދެމެދަށް ވިސްނާ ހަމަ އެންމެ މީހަކު ވެސް ހުރި ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމާ މިހެން އޮތް ކަމެއްގައި ވަކި ފިކުރެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އެބޭފުޅަކީ ކޮމިޝަންގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ނުހިމެނުއްވޭނެ ބޭފުޅެއް ކަމަށް ވިދާޅުވާ ނަމަ އެ ވިދާޅުވަނީ ރައީސް ނަޝީދުގެ ފަރާތުން ބޭފުޅަކު ހަމަޖައްސަވާނީ ޑރ. ވަހީދޭ" ހަސަން ލަތީފު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެގޮތަށް އަމަލުކުރާ ނަމަ އެއީ ކޮމިޝަންގައި ބޭފުޅަކު ހިމެނުއްވުމަށް ރައީސް ނަޝީދަށް ފުރުސަތު ދެއްވީ ކަމަކަށް ނުބެލެވޭނެ ކަމަށެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އެފެއާޒް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބުދުލްޣަފޫރު ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކާއި ބައިނަލްއަގުވާމީ ބައިވެރިވުން އޮންނަ ގޮތަށް ކޮމިޝަންގެ ބަދަލުކުރުމަށް އެއްބަސްވުމުން އެ ކޮމިޝަން މިހާރު މިނިވަން ވެފައިވާ ކަމަށެވެ.
"ކުރުކޮށް ދަންނަވާލަން ބޭނުން ވަނީ ސީމެގްގެ ނިންމުމާ އެއްގޮތަށް ރާއްޖޭގެ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ މިނިވަން ވެއްޖެޔޭ، އެމިނިވަން ކުރުމަށް އެފަރާތުން ކަނޑައަޅާފައި ހުރި ޝަރުތުތައް ފުރިހަމަ ކޮށްފިއޭ" ހާމިދު ވިދާޅުވި އެވެ.
ހާމިދު އަދި ވިދާޅުވީ ރައީސް ނަޝީދު އެދިވަޑައިގަންނަވާ ބޭފުޅަކު ކޮމިޝަނަށް ފޮނުވުމަށް ފުރުސަތު ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ސީމެގުން ހުށައެޅި ގޮތަށް ކޮމިޝަން ބަދަލުކުރަން ސަރުކާރުން އެއްބަސްވީ އެމްޑީޕީން ދޫ ދިނުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ. އަދި އެއީ ދިވެހި ރައްޔިތުން ކެނޑިނޭޅި އެކަމަށް ގޮވުމުން ނިންމެވި ނިންމެވުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.
ދެބޭފުޅުން ވެސް ވިދާޅުވީ ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަށް ނިންމެވި ނިންމެވުމަކީ އެމްޑީޕީ އަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ