ޓާމިނަލް މައްސަލަ އަވަހަށް ނިންމަން ނަޝީދު ގޮވާލައްވައިފި

ދިވެހި ސަރުކާރާއި، ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އަށް، އެއްބަސް ވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ދެވަނަ ރަންވޭ ހުޅުވާ އެއާޕޯޓް ބާރަށް ހިނގަން ފެށުމުން ދިވެހި ސަރުކާރާއި ޓީއެމްއޭއަށް އެއްބަސް ވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުން މުހިއްމު ކަމަށެވެ.
އަދި ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައި ވާނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ޓީއެމްއޭއިން މިހާރު އޮޕަރޭޓު ކުރަމުންދާ ޓާމިނަލްގެ އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށް ހަމަވާނެއެވެ. އެމްއޭސީއެލުން ކުރިން އެއްބަސްވެފައި ވަނީ ޓީއެމްއޭއިން މިހާރު އޮޕަރޭޓު ކުރަމުންދާ ޓާމިނަލްގެ ސައިޒަށް ވުރެ ބޮޑު އަދަދަކަށެވެ. ނަމަވެސް ސަރުކާރުން ނިންމާފައި ވަނީ ޓީއެމްއޭއިން މިހާރު ވެސް އޮޕަރޭޓު ކުރަމުންދާ ޓާމިނަލްއާ އެއް ސައިޒެއްގެ ސަރަހައްދެއް އާ ޓާމިނަލުން ދިނުމަށެވެ.
އެކަމާ ގުޅިގެން ޓީއެމްއޭ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ބެއިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 500 މިލިއަން ޑޮލަރަށް ގަތުމަށް އެންމެ ބޮޑު ސަބަބަކީ ވެސް އާ ޓާމިނަލް ޓީއެމްއޭއަށް ދެވޭނެ ގޮތުގެ އެއްބަސްވުމެއް އޮތުމުން ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން ޓީއެމްއޭގެ ވިޔަފާރި ފުޅާކުރަން ފުރުސަތު އޮތްކަމުގެ ޔަގީންކަން ލިބި، ޓީއެމްއޭގެ އޮޕަރޭޝަނުގެ ހަރަދުތައް ސާފުކޮށް އެނގިގެންދިޔަ ކަމަށާއި ލިޔުމުން ވެފައިވާ މި އެއްބަސްވުން ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމައިފިނަމަ ބެއިން ކެޕިޓަލް އިން ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ.
އަދި މީގެ ސަބަބުން ކުރި އަށް އޮތް ތަނުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ތިބި ބޭރުގެ އިންވެސްޓަރުން ކަންބޮޑު ވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ