އަންހެނުން ކުރިމަތިލާން ބާރުއަޅާ ދިރާގުގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ދިރާގުގެ އާންމު ހިއްސާދާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ. ދިރާގުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އާންމު ހިއްސާދާރުންގެ ތެރެއިން ދިރާގުގައި ބޯޑަށް ކުރިމަތިލާ ފަރާތައް މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ފޯމް ހުށަހަޅަން ޖެހެ އެވެ. ދިރާގުގެ އާންމު ޑިރެކްޓަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކަކީ؛ ބައިނަލްއަގުވާމީ ޔުނިވަސިޓީއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުން. ދިރާގުގެ ހިއްސާދާރެއް ކަމުގައިވުން. ކުންފުންޏެއްގައި 10 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ ކުންފުންޏެއްގެ ބޯޑެއްގައި މަސައްކަތް ކޮށްފައިވުން. ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނީގެ ބޯޑް މެންބަރެއް ކަމުގައި ނުވުން. މާލީ ލިޔެކިޔުންތައް ބަލައި ދިރާސާކުރަން އެނގޭ ފަރާތެއްކަމުގައިވުން. ޑިރެކްޓަކަމުގެ ދައުރުގައި ކުންފުނީގެ ޖުމްލަ ހިއްސާގެ 0.5 ޕަސެންޓަށް އަށްވުރެ ގިނަ ހިއްސާ މިލްކު ކުރެވިފައިވާ ފަރާތެއްކަމުގައި ނުވުން. ކުންފުނީގެ ވިޔަފާރިއަށް އަސަރުކުރާފަދަ ވިޔަފާރީގެ ނުވަތަ ޕްރޮފެޝަނަލް ގުޅުމެއް ކުންފުންޏާއެކު އޮންނަ ފަރާތެއްކަމުގައި ނުވުން. ކުންފުނީގެ ބޯޑުގެ އެގްޒެކްޓިވް މެމްބަރެއްގެ ގޮތުގައި ނުވަތަ ނޮން-އެގްޒެކެޓިވް ޗެއާޕާސަންއެއްގެ ގޮތުގައި ނުވަތަ ކުންފުނީގެ މެނޭޖަރެއްގެ ގޮތުގައި ނުވަތަ ކުންފުނީގެ ވަޒީފާއެއްގައި ފާއިތުވި ތިން އަހަރު މަސައްކަތްކޮށްފައިވާފަރާތެއްކަމުގައި ނުވުން. ބޯޑުގެ މެންބަރެއް، މެނޭޖަރެއް ނުވަތަ ކުންފުނީގެ މައި ހިއްސާދާރަކާ އާއިލީ ގޮތުން ގާތް ގުޅުމެއް އޮތް ފަރާތަކަށް ނުވުން. ދިރާގުން ބުނީ އަންހެނަކު އެ މަގާމަށް ކުރިމަތިލުމަށް ބާރު އަޅާ ކަމަށެވެ. ޑިރެކްޓަރުކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމާއި އެހެނިހެން ލިޔެކިޔުންތައް، އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ދިރާގުގެ ވެބްސައިޓުން ލިބޭނެ އެވެ. އާންމު ހިއްސާދާރުންގެ ތެރެއިން، ދިރާގުގެ ބޯޑަށް މެންބަރުން ހޮވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އެވެ. އަންނަ އޭޕްރީލް މަހު ބާއްވާ ހިއްސާދާރުންގެ އާންމު ޖަލްސާގައި ހޮވާ މެންބަރުންގެ މުއްދަތު ހަމަވާނީ، 2022 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ