ރައީސް ޔާމީން ފަނޑިޔާރަކަށް އިންޒާރު ދެއްވި މައްސަލަ ޕޮލިހަށް!

ސިޔާސީ ކެމްޕެއިން އިވެންޓެއްގައި ކުރީގެ ރައީސް ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލައެއް ބަލައި ދިނުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ފުލުހުންނަށް ހުށަހަޅައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ އެއްވެސް ފަރާތަކުން ފަނޑިޔާރަކަށް ބިރު ދައްކައި، އިންޒާރު ދިނުމަކީ ކޮމިޝަނުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލަތަކެއް ކަމަށެވެ. އަދި މިމައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީން ފުލުހުންގެ ކިބައިގައި އެދިފައިވަނީ މިދިޔަ ހަފްތާގައެވެ. މިބާވަތުގެ އެހެން މައްސަލަތަކުގައިވެސް ޖޭއެސްސީން އަމަލު ކުރަމުންދަނީ މިގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިމައްސަލާގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން އެދިފައިވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރު އަލީ ރަޝީދާއި ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތައް ތަހުގީގް ކޮށްދެއްވުމަށެވެ. އެގޮތުން ފަނޑިޔާރު އަލީ ރަޝީދުގެ ސެކިއުރިޓީގެ ކަންކަމަށް ސަމާލުވެ، ރައީސް ޔާމީން ދެއްކެވި ވާހަތަކުގައި ޖިނާއީ މައްސަލައެއް ހިމެނޭނަމަ ތަހުގީގްކޮށް ދެއްވުމަށް ޖޭއެސްސީން ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުުލުހުން ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން ފަނޑިޔާރު އަލީ ރަޝީދަށް އާމަޒުކޮށް މިފަދަ ވާހަކަތަކެއް ދައްކަވާފައިވަނީ ނިމިދިޔަ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެޖަލްސާގައި ރައީސް ޔާމީން ވަނީ، ފަނޑިޔާރު އަލީ ރަޝީދު ސްޕްރީމް ކޯޓަށް އައްޔަންކުރެވުނު ގޮތާއި، އެމަނިކުފާނުގެ ގާބިލް ކަމާއި ގުޅޭގޮތުންވެސް ސުވާލު އުފައްދަވާފައެވެ.
މިޖަލްސާގައި ރައީސް ޔާމީން ވަނީ ދައުލަތުގެ ސަލާމަތީ ބާރުތަކުގައި ތިއްބެވި އިސް ބައެއް ބޭފުޅުންވެސް ޖަލުތަކަށް ދާންޖެހިދާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ