ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނަން: ޔާމީން

ޕީޕީއެމްގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅާ ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންފި އެވެ.މިރޭ “ބޮޑުތިލަދުންމަތީގެ ކުރިއެރުން” މިނަމުގައި ހދ،. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ޔާމިން ވިދާޅުވީ، ކުޅުދުއްފުށީ އުތުރުކޮޅުގައި އެއާޕޯޓެއް އަޅަން ޖެހޭ ކަމަށާއި އަދި ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ 2 އަހަރުގެ ތެރޭގައި ކުޅުދުއްފުށީގެ ރައްޔިތުންނަށް އަދި މި ރަށަށް ޒިޔާރަތްކުރާ ރައްޔިތުންނަށް، ކުޅުދުއްފުއްޓަށް އައިސް ވިޔަފާރީގެ ފައިދާ އާއި ނަފާ ހޯދަން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކީގައި ދަތުރުކުރެވެންވާނެކަމަށެވެ.އަދި އިތުރަށް ވިދާޅުވީ، ހދ. ހަނިމާދޫގައި އެއާޕޯޓެއް އޮތުމަކީ ދަތުރުފަތުރު ފަސޭހަވުން ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ދަތުރުފަތުރުގެ ފަސޭހަކަން ބޮޑުތިލަދުންމައްޗަށް ގެންނަން ޕީޕީއެމުން ނިންމީ އިގްތިސާދީ ވިސްނުންތަކެއް އޮވެގެން ކަމަށެވެ.ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު ޔާމީން ވިދާޅުވީ ހއ. ހދ އަދި ށ. އަތޮޅަށް އާ ރިސޯޓްތަކެއް ވެސް ބޭނުންވާ ކަމަށާއި އެގޮތުން 5 އަހަރުގެ ތެރޭގައި ރިސޯޓް ހަދަން ދޫކުރާނެ ރަށްތަކުގެ 30 ޕަސެންޓް ރަށްތައް ހުރީ ތިލަދުންމަތީގައި ކަމަށެވެ. އެއީ ގާތްގަނޑަކަށް 15 ވަރަކަށް ރިސޯޓްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެއީ އެ ސަރަހައްދަށް ހުޅުވިގެންދާ 7،500 އާ ވަޒީފާ ކަމަށެވެ.“އެ އަދަދު މުސާރައަށް ބަދަލުކޮށްލީމަ ހަމައެކަނި މަހު މުސާރައަށް ބަލާއިރު މި ދައްކަނީ 75 މިލިއަން ރުފިޔާގެ ވާހަކަ. އެއް މަސް ދުވަހުގެ ތެރޭގައި 75 މިލިއަން ރުފިޔާގެ މުސާރަ ޓޫރިޒަމް ސިނާއަތުން މި ސަރަހައްދަށް ވަންނާނެ،” ޔާމީން ވިދާޅުވި އެވެ.ޔާމީން އިތުރަށް ވިދާޅުވީ މިސަރަހައްދުން ރިސޯޓެއް ހެދުމަށްޓަކައި ދިހަވަރަކަށް އަހަރަށް ތިން ރަށެއް ދީފައިވާ ކަމަށާއި ނަމަވެސް އެކަމުން ރައްޔިތަކަށް ލިބުނު ފައިދާއެއް ނެތް ކަމަށާއި ޕީޕީއެމް ސަރުކާރެއްގައި ފުރަތަމަ ބާރަ މަސް ދުވަސްތެރޭގައި ތިން ރަށާއި ދޭތެރޭ ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތައްކޮށްފައި މިހާރު ރަށް ރަށް ނަންގަވާފައިވާ ބޭފުޅުންލައްވާ އެރަށްރަށް ނަގައި އެކަން ނުވާނަމަ އެރަށް ރަށް ވަކިކޮށް ސަރުކާރުން އެރަށްރަށް ތަރައްގީ ކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ.ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބައިވެރިވަޑައިގެން މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމިން ވިދާޅުވީ 9،000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުއްޓަށް އަންނަ މީހުން ހިމަނައިގެން ބަލާނަމަ އާބާދީގެ ގޮތުގައި 12،000 އެއްހާ މީހުން އެ ރަށުގައި ދިރިއުޅޭނެ ކަމަށެވެ. އެ ރަށުގައި 20،000 އަށް ވުރެ ބޮޑު އާބާދީއެއް ހިފަހައްޓާލުމުގެ ފަންވަރު އެބަހުރި ކަމަށާއި އެކަން ހާސިލްކުރުމަށް އެ ސަރަހައްދު ތަރައްގީކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.އަދި ސިނާއީ އެކި މަސައްކަތްތައް ކުރެވޭނެ ރީތި ރަށްތައް ބޮޑު ތިލަދުންމަތީގައި އެބަހުރި ކަމަށާއި ހއ. ހދ. އަދި ށ. އަތޮޅު ހިމެނޭ ބޮޑުތިލަދުންމަތި ސަރަހައްދަކީ އިގްތިސާދީ ތަރައްގީގެ ނާރެހަކަށް ބަދަލުވެގެންދާއިރު ގުދަންކުރާނެ ރަށްރަށް ވެސް ހުންނަން ޖެހޭ ކަމަށްވެސް ޔާމިން ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެން މި ވިސްނަނީ ކުޅުދުއްފުއްޓަކީ އުތުރުގެ ސަރަހައްދުގައި އަދި މުޅި ރާއްޖެ އަށް ބަލާލި ނަމަވެސް މާލެ ނަގާފައި، ސަރަހައްދީ ނާރެހުގެ ދެ ރަށެއް ނެގޭ ކަމަށްވަންޏާ ކުޅުދުއްފުއްޓަކީ އެއް ރަށް،” ޔާމީން ވިދާޅުވި އެވެ.ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ތަރައްގީގެ ޗާޓުގައި ކުޅުދުއްފުއްޓަކީ އެންމެ މުހިއްމު ތިން ރަށުގެ ތެރެއިން އެއް ރަށެވެ. އާބާދީގެ ނިސްބަތުން ބަލާއިރު މާލެ އާއި އައްޑޫގެ އިތުރުން ކުޅުދުއްފުއްޓަކީ ވެސް ދޫކޮށްލެވޭނެ ރަށެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.ހަތަރު ސަތޭކައެއްހާ މީހުން ބައިވެރިވި މިޖަލްސާގައި ޔާމީނު ވަނީ ބޮޑުތިލަދުންމަތި ސަރައްހަދަށް ބޮޑެތި ވަޢުދު ތަކެއް ވެވަޑައިގެންފަ އެވެ. މިޖަލްސާއަށް ހދ އަތޮޅުގެ ހަތް ރަށަކުން މީހުން ގެނެސްފައި ވެއެވެ. އެއީ މަކުނުދޫ، ކުރިނބީ، ނޮޅިވަރަމް، ވައިކަރަދޫ، ނެލައިދޫ އަދި ކުމުންދޫ އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ