ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ރޭ ވަނީ ފަށައިފައި

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ދިރާސާ ކުރުމަށް އިއްްޔެ މަޖިލީހުން ފޮނުވި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް އެ ކޮމީން ރޭ ފަށާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުުން ނިއުޝާ މިއަދު ވިދާޅުވީ އެ ކޮމިޓީއަށް ބިލް އިއްޔެ ފޮނުވުމާއެކު ރޭ ކޮމިޓީގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިރޭވެސް ކޮމިޓީގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ. ނަމަވެސް އެ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު ފޯނު ނުނަންގަވާތީ ކޮމިޓީގެ މަސައްކަތަތަކާބެހޭ އިތުރު ތަފުސީލު ވަނީ ލިބޭގޮތް ނުވެފައެވެ.
އަވަހަށް ނިންމަންޖެހޭ ކަމެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވީ އިއްޔެއެވެ.
މި ބިލުގެ މަސައްކަތް މަޖިލީހުން ކުރިއަށްގެންދަނީ ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން މަޖިލިހުގެ ހާއްސަ ޖަލްސާތަކެއް ބާއްވައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެބިލުގެ އިބުތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށްފަހު، ބިލް އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ، ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެން ބިލް މަޖިލީހަށް ބަލައިގަތުމަށް ފަހުގައެވެ.
މި ބިލުގައި ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތައް ދިނުމަށް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރުކޮށް ބަލައި ފާސް ކުރުމާއި، ބަންދުގައި މީހުން ބޭއްތިއްމުމުގެ މުއްދަތު އިތުރު ކުރުން ހިމެނެއެވެ. މީގެ އިތުރުން ހަނު ހުރުމުގެ މިނިވަން ކަމާއި، ވަކީލުން ބޭނުން ކުރުުމުގެ ހައްގަށްވެސް ބިލުގައި ވަނީ އިސްލާހުތަކެއް ގެނެސްފައެވެ.
ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރުގެ މައްސަލައިގައި ކުރިއަށް ގެންދަން ޖެހޭ ތަހުގީގު ކުރިއަށް ގެންދަން، ޓެރަޒިމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ.
ރިލްވާންގެ މަރުގެ މައްސަލައާބެހޭގޮތުން މިމަހު ނުވަ ވަނަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ، ރިލްވާން މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ބައެއް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭކަން ފާހަގަ ވެފައިވާ ކަމަށާއި ހާއްސަ ގޮތެއްގައި ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ