ދިރާގުން ޓެކްނޮލޮޖީ ދާއިރާއަށް އަންހެނުން ތަމްރީން ކޮށްފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، ޓެކްނޮލޮޖީ ދާއިރާއަށް ނުކުންނަށް ޝައުގުވެރިވާ އަންހެނުންނަށް ވޯކްޝޮޕެއް ހިންގައިިފި އެވެ.
ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމުގެ މަގުސަދުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން "ޖެންގޯ ގާލްސް މާލެ" ނަމުގައި ބޭއްވި ވޯކްޝޮޕްގައި 28 އަންހެނުން ބައިވެރި ވި އެވެ.
ދިރާގުން ބުނީ މި ވޯކްޝޮޕްގައި ޕައިތަން އާއި ޖެންގޯ ފްރޭމް ވޯކު ބޭނުން ކޮށްގެން ވެބްސައިޓް ހަދަން ދަސްކޮށްދީފައި ވާނެ ކަމަށެވެ. މި ވޯކްޝޮޕްގައި ކޯޗުންގެ ގޮތުގައި ބައިވެރިވެފައި ވަނީ ވިމެން އިންޓެކް މޯލްޑިވްސް އިން މިދިޔަ އަހަރު ބޭއްވި ވޯކްޝޮޕްގައި ބައިވެރިވި 12 ބައިވެރިންނެވެ. މި ވޯކްޝޮޕް ހާއްސަ ކުރެވިފައިވަނީ 16 އަހަރުން މަތީގެ އަންހެންނަށެވެ.
ވިމެން އިން ޓެކް މޯލްޑިވްސްގެ ކޯ ފައުންޑާ، އައިޝަތު އަދުނާނު ވިދާޅުވީ މިއީ އަންހެނުން ގޭގައި ތިބެގެން އާމްދަނީއެއް ހޯދަން ރަނގަޅު ފުރުސަތެއް ކަމަށެވެ. .
ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ޓެކް ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ބައެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ