އާއްމު ރައްޔިތުންގެ އަތުން އިންކަމް ޓެކްސް ނެގުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވާނެ ކަމެއް: ސިޔާމް

ސާޅީހާސް ރުފިޔާއިން މަތިން އާމްދަނީ ލިބޭ އާއްމު ރައްޔިތުންގެ އަތުން އިންކަމް ޓެކްސް ނަގާ ކަމަށްވާނަމަ ރައްޔިތުން އިތުރު ނިކަމެތި ކަމަކަށް ވެއްޓިގެން ދާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ މާލޭގައި އާއްމު ރައްޔިތުން ދިރިއުޅެނީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ. އަދި މާލޭގެ ގެދޮރުގެ ކުއްޔާ ކަރަންޓާއި ފެނާއި ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި މަދުވެގެން 50،000 ރުފިޔާ ހަރަދުވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.
އޭނާ ވަނީ އެފަދައިން ހަރަދު ކުރަންޖެހޭ ރައްޔިތުން މާލޭގައި ގިނައިރު 40،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ދައްކާނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ދައުލަތުން ކަންކަން ކޮށްދެވޭނީ ވިޔަފާރިވެރިން އަތުން ލާރި ނަގާ ޓެކްސް ނަގައިގެން ކަމަށެވެ. އެހެންނަމަވެސް އިތުރު ޓެކުހެއް ނަގަން ވިސްނާއިރު ރައްޔިތުންގެ ހާލަތަށް ރިއާޔަތްކުރަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އެހެންނަމަވެސް އެމީހުންނަށް ލިބޭ އެއްޗެއް ނޫނީ ދެކޮޅު ނުޖެހޭ ވަރުގެ އަދަދެއް ޓެކްސް އަށް ނެގުމަކީ އެއީ އެއްގޮތަކަށްވެސް ކުރެވިގެންވަނެ ގޮތެއް ނޫން. އެފަދަ ކަންތަކަށް އަޅުގަނޑުމެން ކިޔަނީ ފޭރުމޭ،" ސިޔާމް ވިދާޅުވި އެވެ.
މީގެކުރިން އިންކަމް ޓެކްސްގެ ބިލަށް ބަހުސް ކުރައްވަމުން ސިޔާމް ވަނީ އިތުރު ޓެކުހެއް ނަގާ ކަމަށްވަންޏާ އޭގެއިން ކުރާ ބޭނުން އެނގެން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި 40،000 ރުފިޔާ ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެމްޑީޕީގެ އެޖެންޑާ 19ގައި އިންކަމް ޓެކްސްގެ ގޮތުގައި އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި ކަނޑައަޅާފައިވަނީ 60،000 ރުފިޔާ އެވެ. އެހެންކަމުން އިންކަމް ޓެކްސް ނެގުމުގައި ބަލާނެ އެންމެ ދަށް ސީލިންއަކާ ގުޅޭގޮތުން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
އިންކަމް ޓެކްސް ނަގާ އާމްދަނީގެ އެންމެ ދަށް ސީލިންގެ ގޮތުގައި ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އުސޫލުން އިންކަމް ޓެކްސް ނަގާނަމަ އެ ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދު 6،000 ގައި ހުންނާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ތިން ގިންތިއަކުންނެވެ. އެގޮތުން 40،000 ރުފިޔާ އާއި 60،000 ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 8 ޕަސެންޓް ނެގުމަށް ވަނީ ނިންމާފަ އެވެ. އަދި 60،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 10 ޕަސެންޓް ނެގުމަށް ވަނީ ނިންމާފަ އެވެ. އަދި އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސްގެ ގޮތުގައި 15 ޕަސެންޓް ނެގުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް އިންކަމް ޓެކްސް ނަގާނަމަ އަހަރަކު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ