ޑިޒްނީ ޕްލަސް އަށް ހީވެސް ނުކުރާ ބޮޑު ތަރުހީބެއް!

ޑިޒްނީގެ ހުރިހާ އުފެއްދުންތަކެއް އެއްތަނަކުން ދައްކާލުމަށް ތައްޔާރުކޮށްފައިވާ ސްޓްރީމިން ސާވިސް ކަމަށްވާ "ޑިޒްނީ ޕްލަސް" އަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. ޑިޒްނީގެ ކުރީގެ ފިލްމުތަކާއި ޝޯތަކުގެ އިތުރުން އާ ކޮންޓެންޓްތަކާ އެކު އެކުންފުނީން ވަނީ އިއްޔެ ޑިޒްނީ ޕްލަސް ރިލީޒުކޮށްފަ އެވެ. މިވަގުތަށް ހަމައެކަނި އެމެރިކާއަށް ލޯންޗުކުރި ޑިޒްނީ ޕްލަސް ދަނީ ބޮޑު ތަރުހީބެއް ހޯދަމުންނެވެ. ޑިޒްނީ އިން ބުނެފައި ވަނީ އެ ކުންފުނީގެ ޕްލެޓްފޯމަށް އޮތް ޑިމާންޑު ވަނީ، އުއްމީދު ކުރި ވަރަށްވުރެ މާ ބޮޑަށް ވެސް އިތުރުވެފައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ހިދުމަތް އިތުރަށް ތަރައްގީކޮށް ވަރުގަދަ ކުރާނެ ކަމަށް ޑިޒްނީ އިން ވަނީ ބުނެފަ އެވެ. އެކި ސަރަހައްދުތަކަށް ޑިޒްނީ ޕްލަސްގެ ހިދުމަތް ފޯރުކޮށްދިނުމަށް އެދި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑުގަދަ ކުރަމުންނެެވެ. ނަމަވެސް އެ ހިދުމަތް ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ފޯރުކޮށްދޭނެ ދުވަހެއް އެކުންފުނީން ހާމަކޮށްފައެއް ނުވެ އެވެ. ޑިޒްނީ ޕްލަސް ލޯންޗުކުރި އިރު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ ނެޓްފްލިކްސްއާ ވާދަކުރާނެ ޕްލެޓްފޯމެކެވެ. ނަމަވެސް މި ދެ ޕްލެޓްފޯމު ހިންގާނީ ތަފާތުކޮށް ކަމަށް ޑިޒްނީއިން ބުންޏެވެ. ނެޓްފްލިކްސް އިން މުޅި ސީޒަން އެއްފަހަރާ ރިލީޒްކޮށް "ބިންޖް ވޮޗް"ގެ ސަގާފަތެއް ދިރުވި އިރު، ޑިޒްނީ ޕްލަސް އިން އާ ސީރީޒްތައް ނެރޭނީ ކޭބަލް ޓީވީ މޮޑެލް އަށް ހަފްތާއަކު އެޕިސޯޑެއްގެ އުސޫލުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ