ޓެރަރިސްޓް ޖަމާއަތްތަކާ ޔާމީނާ ގުޅުން އޮންނަ ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ސެލްތަކަކަށް ބަހާލައިގެން ރާއްޖޭގައި ހިންގާ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތަކާ ގުޅުން އޮންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ. ލ. ފޮނަދޫގައި މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަނިޔާވެރިކޮށް މަރާލީ ހަނގުރާމައަށް މީހުން ފޮނުވާ ދިވެހި ޖަމާއަތަކުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެޖަމާއަތަކީ އަލްޤައިދާ ޖަމާއަތް ކަމަށާއި އެ ޖަމާއަތް އެކުލަވާލާފައި އޮންނަ ގޮތް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އާންމުކުރި ރިޕޯޓެއްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. "އެ ޖަމާއަތް މި ދިވެހިރާއްޖޭގައި އެތުރިފައި އޮންނަ ގޮތް ކޮމިޝަންގެ ރިޕޯޓު އެބަކިޔާދޭ. ސެލްތަކަކަށް ބެހިފައޭ އޮންނަނީ. ސެލް އޭ، ސެލް ބީ، ސެލް ސީ، ސެލް ޑީއެއް. ދެކެވަޑައިގަތީންތޯ ރޭ ރައީސް ޔާމީން އެ އިންނެވީ ސެލްތަކާއެކީގައި." ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ޔާމީން ރޭ އެ އިންނެވި ކަމަށް ރައީސް ނަޝީދު އެ އިޝާރާތް ކުރެއްވީ ރޭ 'ހިބަރުވަދު' ގެ ނަމުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާއަށެވެ. ނަމަވެސް ޖަލްސާގައި ތިބި މީހުންގެ ތެރެއިން ސެލްތަކަށް ނިސްބަތްވާ މީހުންނަކީ ކޮންބައެއް ކަމެއް ރައީސް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އާންމު މަސްލަހަތު ނުބެލެހެއްޓިއްޖެ ނަމަ، ތަރައްޤީއަށާއި އާންމު ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިޔަނި އެޅި، ހުއްޓިގެންދާނެ ކަމަށެވެ. ނަޝީދު އެހެން ވިދާޅުވި ނަމަވެސް ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި ރައީސް ޔާމީނާއި އެއްވެސް ގުޅުމެއް އޮންނަ ކަމަކަށް އެއްވެސް ރަސްމީ އިދާރާއަކުން ބުނެފައެއް ނުވެ އެވެ. އަދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އާންމު ކުރި ރިޕޯޓުގައި ދީނީ ހައްދު ފަހަނައެޅި މީހުންނަށް ތުހުމަތުތަކެއް ކުރި ނަމަވެސް އެމީހުންނާއި ރައީސް ޔާމީނާއި ގުޅުން އޮތް ކަމަކަށް ބުނެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ